އޭދަފުށީގެ ފުރަތަމަ މެޑިކަލް ޑޮކްޓަރާއެކު : ފަސްމިނިޓް ފަސް ސުވާލު

DSCN9595.jpg

ޑރ.ރަފީ މަންމަ އާއެކު

އޭދަފުށީގެ ފުރަތަމަ މެޑިކަލް ޑޮކްޓަރަކީ އޭދަފުށީ ޑޭޒީވިލާ އަބްދުﷲ ރަފީއެވެ. އޭނާ ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން ބ.އަތޮޅު ހޮސްޕިޓަލުގައިވެސް ޑޮކްޓަރެއްގެ ގޮތުން ދުވަސް ކޮޅަކު މަސައްކަތް ކޮށްފައެވެ.

އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީއާ ޒުލޭހާ ޔަހްޔާގެ 13 ކުދިންގެ ތެރޭގައި ހިމެނޭ ޑރ. ރަފީއު ނުފެންނަތާ އަހަރުތަކެއް ވެއްޖެއެވެ. ގެއްލުނީ ހެއްޔެވެ؟

ނޫނެކެވެ. ޑޮކްޓަރީގޮތުން ސްޕެޝަލިސްޓަކަށް ވުމަށް އިނގިރޭސިވިލާތަށް ދިޔައީއެވެ. އޭރުން ފެށިގެން ދިރިއުޅެމުން ގެންދަނީ ޔޫކޭގައެވެ. މިހާރު އޭނާ ޔޫކޭގައި މަސައްކަތްކުރައްވަނީ އަންހެނުންނާ ބެހޭ ޚާއްސަ ޑޮކްޓަރެއްގެ ގޮތުން ނުވަތަ ގައިނޮކޮލޮޖިސްޓެއްގެ ގޮތުގައެވެ.

މިވަގުތު ޑރ. ރަފީ ހުންނެވީ އުފަން ރަށް އޭދަފުށީގައެވެ. ވަރަށް ކުރު ޗުއްޓީއެއްގައެވެ.

” ބައްޕަ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ބައްޕަގެ އެދުމަށް ޖައްސާލީ.” ހަތަރު ދުވަހުގެ ޗުއްޓީ އަކަށް އައިސް ހުރި ޑރ. ވިދާޅުވިއެވެ.

ޑރ. ރަފީ ، އީވީގެ “ފަސް މިނިޓް ފަސްސުވާލު” ގައި ބައިވެރިވެ މުހިއްމު މައުލޫމާތު ތަކެއް ހިއްސާ ކުރެއްވިއެވެ.  އީވީ ގެ ކިއުންތެރިންނަށް މި ގެނެސްދެނީ އެ މައުލޫމާތުތަކުގައި ހިމެނޭ އެންމެ މުހިއްމު ފަސް ސުވާލާއި އެސުވާލުތަކަށް ޑރ.ރައްދު ދެއްވާފައިވާ ގޮތެވެ.

އީވީ :ޔޫކޭގައި ވަޒީފާ އަދާ ކުރައްވަމުން ތިޔަ ގެންދަވަނީ ގައުމަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން ނެތީތޯ ؟

ތިޔަ ސުވާލަށް ޖަވާބު ދިނުން އަދި ތަންކޮޅެއް އަވަސް. ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް ރިސާޗް އާއި މައުލޫމާތު އަދި އިތުރަށް ވެސް ކިޔެވުމުގެ ޚިޔާލު ބޮޑަށް ހުރީ. އެހެންވީމާ  ގަސްދުކުރެވިފައި އޮތީ ސްޕޭނަށް ގޮސް ސެޓްލް ވާން.

ޑޮކްޓަރީ ރޮނގުން މިއަދު ތިޔަ ހުރި ހިސާބަށް ދިއުމަށް ކުރި މަސައްކަތް ވަރަށް ކުރުކޮށް ވިދާޅުވެވިދާނެތޯ؟

އޭލެވެލް ނިމުނުތަނާ ކުރިއަށް ދާން ލިބުނު ފުރުސަތެއް މިއީ. ނަތީޖާ ވެސް ރަނގަޅު ވުމާއެކު.  ފުރަތަމަ ދާން ޖެހުނީ ބަންގާޅަށް. 1995 ވަނަ އަހަރު. އޭރު އުމުރަކީ 21 އަހަރު. ސިޔާސީ ކޯޅުން ބޮޑު އެގައުމުގެ ރާމްޕޫރު މެޑިކަލް ކޮލެޖްގައި އެންމެ ދެމަސް ވީތަނާ ކޮލެޖްގައި ރޯކޮށްލީ . ދެން އެނބުރި އަންނަން ޖެހުނީ މާލެއަށް. މާލޭގައި ހަމަސްދުވަސް ވޭތުކުރުމަށްފަހު އަނެއްކާވެސް ހަމަ އެކޮލެޖަށް ދާން ހަމަ ޖެހުނު . ނަމަވެސް އެތަނަށް ދިއުމަށް ދެކޮޅުހެދީ އަސްލު އެތަނުގެ ފެންވަރުވެސް މާބޮޑަށް ދަށް ވުމުން. ތިން މީހުން ދެ އެނދު ޝެއަރ ކޮށްގެން ނިދަން ޖެހުނީ. އެންމެ މަތީގައި ނިދާފައި އެންމެ ތިރީގައި ފާހާނާ ތައް. އެހާ މުޑުދާރު. ވަރަށް ސްޓޭންޑް ދަށް ތަނެއް އެއީ. މި ކަހަލަ ބައިވަރު ސަބަބުތަކާ ހުރެ.. ދެން ދިޔައީ އިންޑިއާއަށް. އިންޑިޔާގެ ޕޫނާގައި ހުންނަ އާމްޑް ފޯސަސް މެޑިކަލް ކޮލެޖްގައި ހައަހަރުން އެމްބީބީއެސް ނިންމުމަށްފަހު އަނެއްކާވެސް ރާއްޖެއައިސް ސިފައިންގޭގައި ޑޮކްޓަރެއްގެ ގޮތުން 20 މަސް ދުވަހު ވޯކް ކުރިން. އެއަށް ފަހު ސްޕެޝަލައިޒް ވާން ވެގެން ޔޫކޭއަށް ދިޔައީ .

ޔޫކޭއާ ރާއްޖޭގެ ސިއްހީ ފެންވަރު އަޅާބަލާއިރު ؟

ވަރަށް ތަފާތު. އެތަނުގެ ހޮސްޕިޓަލްތަކުގެ ފެންވަރާ މި ތަނާ އަޅާ ނުކިޔޭނެ. އެކަމަކު ރާއްޖޭގެ ސިއްހީ ހާލަތާ ވަސީލަތްތައް މިހާރުވަނީ ވަރަށް ބޮޑުތަން ކުރިއަރާފައި .

ރާއްޖެ އެއްގޮތަކަށްވެސް ނާންނަތާ ހަތް އަހަރު ވީއިރު މިހާ ގިނަދުވަސް ވަންދެން ނައިސް ހުންނެވީ ކީއްވެތޯ ؟

މާލެ އަންނަން ޖެހޭތީ. ވަރަށް ދާހިތް ނުވާ ތަނެއް އެއީ. ޔޫކޭއިން ހުޅުލެއަށް ހުޅުލެއިން ސީދާ ރަށަށް ނުވަތަ ރަށާ ކައިރި އެއަރ ޕޯޓަކަށް ދަތުރު ފަހިވެފައި އޮންނަ ނަމަ މިއަށް ވުރެ ގިނައިން އާދެވޭނެ.

އުމުރުން މިހާ ދުވަސް ވާއިރު ދިރިއުޅުމުގެ ބައިވެރިއަކު ނެތުމުގެ އުނިކަން އިހްސާސް ނުކުރެވޭތޯ ؟

ހިއެއް ނުވޭ ކުރެވޭހެން.

ޑރ. ރަފީ ވިދާޅުވީ ދިވެހި ރާއްޖެއާ ކިތަންމެ ދުރުގައި އުޅުނު ނަމަވެސް ވަރަށް ބޮޑަށް ދިވެހިލަވަ އަޑު އަހާ ހިތް ވާކަމުގައެވެ. އެލަވަތަކާ ގުޅިފައިވާ ހަނދާންތަކެއް އާކުރަން ބޭނުންވަނީ ކަމަށްވެސް ވެދާނެއެވެ. އެގޮތުން މާލޭގައި ކިޔަވަމުން ގެންދެވި ދުވަސްވަރު އެންމެ މަޝްހޫރުލަވަ ކިއުންތެރިންގެ ތެރޭގައި ހިމެނޭ މޫނިސާ ޚަލީލު ވަކިން ފާހަގަ ކުރެއްވިއެވެ. ނިންމާލަމުން ވިދާޅުވީ މިއުޅެނީ ނެޓުންވެސް މޫނިސާގެ ލަވައެއް ނުފެނިގެން ކަމުގައެވެ.

” ހަމަ ސީރިއަސް ކޮށް މިބުނީ. މޫނިސާގެ ލަވައެއް ލިބޭނެ ގޮތެއް ބުނެދީފާނަންތަ ؟ ” އިންޓަވިއު ނިންމާލަމުން އަހާލިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top