ކައުންސިލްތަކާއި އަންހެނުން ކޮމެޓީތަކުގެ މެންބަރުން މަދުކުރާ އިސްލާހު އާންމުންގެ ޚިޔާލަށް

b_202511201159521763621992.2405.jpeg

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުން

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލާ ބެހޭގޮތުން އާންމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ވަގުތީ ކޮމީޓީއަކަށް ފޮނުވައިފައެވެ.

އެ ކޮމިޓީން ރޭ ވަނީ މި ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.

ގާނޫނުގައި މިހާރު އޮންނަނީ 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ ފަސް މެންބަރުން ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ ހަތް މެންބަރުން ކަމަށެވެ.

ގާނޫނުގެ އެ މާއްދާއަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހުގައި ވަނީ 2000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ، ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ފަސް މެންބަރުން ކަމަށް ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެން ޖެހޭނެކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުންގެ ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން ތިބެންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އަދި ޑަބްލިޔުޑީސީތަކުގެ ރައީސް އާއި ނާއިބުރައީސް ހޮވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުންކަމަށް އޮތް ގޮތް ބަދަލުކޮށް، ރައީސް އިންތިޚާބު ކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި، ނައިބުރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައިނަގާ ސިއްރު ވޯޓަކުން ކަމަށް ހެދުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top