ސިފާނާ : ބ.އަތޮޅުގެ ފުރަތަމަ އަންހެން ކައުންސެލަރ

ސިފާނާ.jpg

ބ.އަތޮޅުގެ ފުރަތަމަ އަންހެން ކައުންސިލަރ ބ.ދޮންފަނު ފަޒީނާ މަންޒިލް އާއިޝަތު ސިފާނާ -ފޮޓޯ :އޭދަފުށި ވޮއިސް

އަތޮޅެއް ހިންގުމަށް ޖާމިނުކޮށްފައި އޮންނަ ކޮމިޓީއަށް ނުވަތަ އަތޮޅު ކައުންސިލަށް އަންހެން ބޭފުޅަކު އިންތިޚާބު ވުމަކީ ރާއްޖޭގެ ނިސްބަތުން މަދު ކަމެކެވެ. ބޯދާ ޚިޔާލުތަކާ އަންހެނަކަށްވީތީވެ “ނުކުރެވޭނެ” ކަމުގެ ލަގަބު ޒަމާނުއްސުރެ އެކަނބަލުންނަށް ދީފައި އޮންނަ އޮތުން އަދިވެސް ބަދަލުކުރަން ބޭނުން ނޫން ބަޔަކު މި މުޖްތަމައުގައި އުޅޭތީއެވެ. އެެހެންނަމަވެސް ޒަމާނާއެކު މީހުންގެ ރޯފިލުން ބޮޑުވެގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން އަންހެނަކަށްވީތީވެ ވަކި ނުކެރެވޭ ކަމެއް ނެތްކަން މިއަދު ވަނީ ގަބޫލު ކުރަން ޖެހިފައެވެ. ވަށައިގެން ހުރީ އޭގެ ހެކިތައް ފެންނާށެވެ. ފިރިހެނުންނާ އެއް ހަމައިގާ މުޖްތަމައު ބިނާކުރުމުގެ މަސައްކަތުގައި އަންހެނުންގެ ދައުރު ކުޑައެކޭ މިއަދަކު ދެންނެވޭކަށް ނެތެވެ. ގައުމުގެ ރަނިކަން، މިނިސްޓަރ ކަން ،އަތޮޅުވެރިކަން މަޖްލިސް މެންބަރުކަން އެއީ ދިވެހި ތާރީޚްގެ އަރްޝީފްގައި ރައްކާކުރެވިފައިވާ ވާހަކަތަކެއް ކަމުގައި ވިޔަސް މިއަދު އެތާރީޚް އިޢާދަ ކުރުމަށްޓަކާ އަންހެނުންވަނީ އަނެއްކާވެސް އަތުކުރި އޮޅާލާފައެވެ.

މި ހަގީގަތާއެކު ބ.އަތޮޅުގެ ތާރީޚް ބަދަލުކޮށްލި ވަރުގަދަ ޝަޚްސިއްޔަތަކީ ބ.އަތޮޅުގެ ކުޑަކުޑަ ދޮންފަނަށް އުފަން ފާތިމަތު ސިފާނާއެވެ. ބ.އަތޮޅުކައުންސިލްގެ ފުރަތަމަ އަންހެން ކައުންސިލަރުގެ ގޮޑި އޭނާ ހޯދާފައިވަނީ އެހެން ރެކޯޑަކާވެސް އެކުގައެވެ. އޭނާއަށް ވުރެ ހުރިހާ ގޮތަކުންވެސް “ބޮޑު ” ދެ ފިރިހެން ބޭފުޅުންނާ ވާދަ ކުރައްވައި ބަލި ކުރެއްވުމަށް ފަހުގައެވެ.

މިއަދު ސިފާނާއަކީ ބ.އަތޮޅުގެ ކެންދޫ ދާއިރާގެ ކައުންސިލަރ އެވެ. އެ ދާއިރާގައި ހިމެނޭ ކުޑަރިކިލު، ކެންދޫ ، ދަރަވަންދޫ އަދި ކިހާދޫއާއި ކަމަދޫ އަދި ދޮންފަނުގެ ރައްޔިތުން ޝިފާނާއަށް އާއެކޭ ބުނެފައިވަނީ އޭނާއަށް ކުރެވޭ އިތުބާރާއި ޔަގީންކަމެއްގެ ބޮޑުކަމުންނެވެ. އަންހެނަކަށް ވިޔަސް އެދާއިރާގެ ރައްޔިތުންގެ ބޭނުންތަކާއި މުހުތާދުތައް އެނގި ޝިފާނާއަކީ އެކަންތައް ރައްޔިތުންނަށް ކޮށްދެވިދާނެ ގަޓުހުރި މީހެއްކަން އެނގޭތީއެވެ.

މި ކާމިޔާބާ ބެހޭ ގޮތުން ސިފާނާ ވިދާޅުވީ މިއީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބެއްކަމުގައި ނުދެކާ ކަމަށާއި މިއީ ދިވެހި ހުރިހާ އަންހެނުންނަށްވެސް ލިބުނު މަތިވެރި ކާމިޔާބީއެއްކަމުގައެވެ.

“އަޅުގަނޑުމެންގެ ތެރޭގައި އޮތް ބޯދާ ވިސްނުން ބަދަލުކޮށް އަންހެނަކަށް ވީތީ ނުކުރެވޭނެއޭ ބުނި ދުވަސް މާޒީވެއްޖެކަން މި ނަތީޖާއިން އަންގައި ދިނީ ” ސިފާނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މަގާމާ ހަމައަށް އައުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހުނު ކަމަށާ ގިނަ ހުރަސްތަކެއްވެސް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ.

“ދާއިރާގެ ރަށްތަކަށް ކެމްޕޭން އަށް ދިއުމުން ބައެއް މީހުން ވަރަށް މަލާމާތް ކޮށް ފުރައްސާރަކުރި. އަންހެންކަށް ވީމާ ވާނެކަމެއް ހޭ ބުނި. އެކަމަކު އެއިން ކޮންމެ ނެގެޓިވް ވާހަކައަކަށް އަޅުގަނޑަށް ލިބުނީ އިތުރު ހިތްވަރެއް. އެހެން ބުނީތީވެ ވަރަށް އަޒުމާއެކު މަސައްކަތް ކުރަމުން އައީ. ބައެއް ރައްޓެހިންވެސް މަލާމާތުގެ ގޮތުގައި ވެސް ބަސް ބުނެހެދި.” ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރެއްވި ސިފާނާ ވިދާޅުވިއެވެ.

އެހެންވިޔަސް އެކަން އެހާބޮޑުކަމަކަށް ނުހަދާކަމަށާއި މިކަން ކުރެވޭނެކަމުގެ ޔަގީންކަން އަބަދުވެސް ހިތުގައި އޮންނަ ކަމަށާއި ބައެއް ރައްޓެހިން ވަރަށް ބޮޑަށް ފާޑުކީއިރު އެހެން ބައެއް ރައްޓެހިން ވަރަށް ހިތްވަރުވެސް ދިންކަމުގައި ސިފާނާ ފާހަގަ ކުރެއްވިއެވެ.

” އެމީހުން ބުނީ ޝިފާނާ އަށް ކުރެވޭނެއޭ ވާނެއޭ. ހިތްވަރާއެކު ތެދުވާށޭ. އެއީވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެހެންވެ އެ އުންމީދުގައި ކުރިމަތިލީ.”

ހަމަ އެފަދައިން އޭނާ މި ދާއިރާއަށް ކުރިމަތިލައި އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ޖުމްހޫރީޕާޓީގެ ފަރާތުން ލިބުނު އެއް ބާރުލުމާއެކު ޚާއްސަކޮށް ދާއިރާގެ އެމްޕީ އަލީ ހުސޭންއާއި ރޯޔަލް ޝަރީގެ ނަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

“އެބޭފުޅުން އަޅުގަނޑުގެ އަތުގަ ނުހިފާނަމަ ހިއެއް ނުވޭ މި މަގާމަށް އާދެވުނީސް ހެން.”

ވާހަކަ ކުރިއަށް ގެންދަމުން ސިފާނާ ވިދާޅުވީ މިދާއިރާއަކީ އޭނާއަށް މުޅިން އާ ދާއިރާއަކަށް ވީނަމަވެސް ކައުންސިލްގެ ގޮޑީގައި އިށީނުމާއެކު ފުރަތަމަވެސް އިހްސާސް ކުރެވުނީ މި ޖައްވުގައި ހުރި ހިތްގައިމުކަމެވެ. އޭނާއާއެކު މަސައްކަތްކުރަން އޮތް ޓީމްގެ އެކުވެރިކަމާއި އަޅާލުން އެއީ ދުވަހަކުވެސް ހިތުން ނުފިލާނެ އުފާވެރި ހަނދާނެއް ކަމަށެވެ.

“އޮފީސް މާހައުލު ވަރަށް ފްރެންޑްލީ. ހިއެއްނުކުރަން މިހާ އެކުވެރި ބައެއްކައިރިއަށް ދެވޭނެކަމަކަށް .”

ކައުންސިލްގެ ކަންކަން ކުރިއަށް ދާގޮތާމެދު ސިފާނާ ވިދާޅުވީ މިއީ ފުރަތަމަ ދުވަސްކޮޅު ވީމާ ކުރިއަށް ދިއުމަށް އަދި ހަމައެކަނި ޕްލޭންތައް ކުރަމުން ދަނީކަމަށާއި މިހާރު މި އުޅެނީ އެކި ރަށްރަށުގެ ކައުންސިލާ މަޝްވަރާކޮށް އެރަށަކަށް ބޭނުންވާ ކަންތައް އަހާ އޮޅުން ފިލުވުމުގެ މަރްހަލާގައި ކަމުގައެވެ.

ސިފާނާގެ ޕްލޭންގައި އަންހެނަކަށް ވީތީވެ ވަކި ޚާއްސަ ކަމެއް އަންހެނުން ކުރިއެރުވުމުގެ ގޮތުން ވިސްނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާގެ ވިސްނުން ހުރީ ދެޖިންސް ހަމަހަމަކޮށް މުޅި މުޖްތަމައަށް ޚިދުމަތް ކޮށްދިނުމަށެވެ.

އެހެންވިޔަސް ސިފާނާއަކީ އަމިއްލަ ދިރިއުޅުމުގައިވެސް ޒިންމާދާރު މަންމައަކަށް އަދި އަނތްބަކަށް ވާއިރު އެޒިންމާތަކަކީވެސް ދިރިއުޅުމުގެ ބައެއްކަމަށްވާއިރު އެކަމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފުށުއެރުމެއް ނާންނާނެބާއެވެ.

“އެކަމުގެ ސަބަބުން ވަޒީފާ އަދާކުރުމަށް  އެއްވެސް ހުރަހެއް ނެތް. އާއިލާގެ ސަޕޯޓް އޮވެގެންނޫން މިކަމަށް ކުރިމަތި ލީކީ. ހަމައެކަނި އަޅުގަނޑުގެ ހުރި ޝައުގުވެރިކަމުން ކުރިމަތިލީ. ޒިންމާދާރު މަންމައެއްކަމާއި އަނތްބެއްގެ ވާޖީބުވެސް އެބައޮތްކަން ދަނެގެން. އެހެންނަމަވެސް ފިރިމީހާގެ އެއްބާރުލުން ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް ވަރަށް ބޮޑަށް ލިބިފައިވާތީ ދެންވެސް އަހަންނާ އެންމެ ގާތުގައި ހުރިހާ ކަމެއްގައިވެސް އެހީތެރިވުމަށް އޭނާ ހުންނާނެ. އެޔަގީންކަމާއެކު އަޅުގަނޑުގެ ދައްތަވެސް ދިރިއުޅެނީ އަޅުގަނޑާއެކު ކަމަށްވާތީ ދަރިންގެ ކަންކަމުގައި އަޅުގަނޑު ވިސްނަންޖެހޭ ވަރަށް ދައްތަވެސް ވިސްނާނެ. ”

އެހެންވީމާ ސިފާނާގެ މި ކެރުމާ ހިތްވަރުގެ ކުރިމަތީގައި އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތް ހެއްޔެވެ؟ މަންޒަރު ބަދަލުވަމުންދާ ގޮތް ބަލަން ތިބެމާ ހިނގާށެވެ. !

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top