ހަތަރު ބުރިއަށް އިމާރާތް ކޮށްފައިވާ އެގޭގެ ޓެރަސް މައްޗަށް އެރުމާއެކު މަތީގައި ކަޅު ދާ ދަމާފައި އޮތް މުޅި އެސަރަހައްދު ފެނުމުން ހީވީ ސަރާސަރު ބިމެއްގައި ހައްދާފައިވާ ރީތި ކަރާ ދަނޑެއް ފެނުނު ހެންނެވެ. އެކަމަކު މިއީ ބޮޑު ބިމެއްގައި ހައްދާފައިވާ ކަރާ ދަނޑެއް ނޫނެވެ. އޭދަފުށީ މުހައްމަދު ހުސޭނުގެ ވައިމަތީގޭގެ 700 އަކަފޫޓަށް ވުރެ ބޮޑު އޭރިޔާާ އެއްގައި ހައްދާފައިވާ ކަރާ ދަނޑެކެވެ. މަންޒަރު ރީތި ކަމުން ލިބުނު ހައިރާން ކަމުގައި ހިނދުކޮޅެއް ދިޔައެވެ. މަޑުމަޑުން ކުރިއަށް ހިނގައިގަތްފަހުން މިއީ ހަމައެކަނި ކަރާ ދަނޑެއް ނޫންކަން ވެސް އެގިއްޖެއެވެ. ޓޮމާޓޯއާއި ލެޓިއުސް ވެސް އޮތީ ގޭގައި ބޭނުންކޮށްފައި ވިއްކާ ވަރަށްހައްދާ ފައްކާކޮށްފައެވެ. ބާމިޔާ އާއި ބީންސް ވެސް ހެދިގެން ބޮޑުވަމުން އެބައާދެއެވެ. އެކަމަކު ކިއުކަންބާ ވެޔޮ އޮތީ އާ މޫސުމަކަށް ބޭނުން ވެފައެވެ.
މިއީ އޭނާގެ ޝައުގުވެރިކަމުގެ ނަތީޖާއެވެ. ދެ ފަހަރުގެ ނާކާމިޔާބަށްފަހު ކާމިޔާބީއާ ހަމައަށް އާދެވުނީ މިފަހަރުއެވެ.
“ކުރިން ދެފަހަރަކު މިގޮތަށް ފެނުގައި ގަސް ހެއްދޭތޯ މަސައްކަތް ކުރިން. އެހެންނަމަވެސް ކާމިޔާބު ވާގޮތް ނުވީ. ފުރަތަމަ ފަހަރު މުއްދަތު ހަމަވެފައި ހުރި ފެނަށް އަޅާ ބޭސްތަކެއް ބޭނުން ކުރެވުނީ. އެކަން އެނގުނީ މާފަހުން. ”
ދެވަނަ ފަހަރު އަނެއްކާވެސް މަސައްކަތް ފަށައިގަތީއެވެ. އެކަމަކު ދެންވެސް އެފަދަ އެހެން ކަމެއް މެދުވެރިވެ ނަތީޖާއާ ހަމައަކަށް ނާދެވުނެވެ.
“މިއީ ތިންވަނަ ފަހަރު. ކުރީ ދެފަހަރުގެ ތަޖްރިބާއިން ގިނަ އެއްޗެތި ތަކެއް އެނގިގެން ދިޔަ. އޭގެ ބޭނުން ހިފައިގެން މި ފަހަރު ހައްދާފައި އެހެރީ.” ކަރާވެލުގެ ކުރިތައް ބަލަމުން ބައެއް ކުރިތައް ކަނޑަމުން ބުނެލިއެވެ.
މުހައްމަދު ހުސޭނު މިމަސައްކަތް އެންމެ ފަހުން ފެށީ މިދިޔަ މާޗްމަހު މެދުތެރޭގައި ރޯދައަށް އަމާޒު ކޮށްގެންނެވެ. އެހެންނަމަވެސް ކަރާއަކީ އާއްމުގޮތެއްގައި ދެމަހާ ބައިން ކާން ލިބޭވަރުގެ މޭވާ އަކަށް ވާތީ އަދި ހުރީ ޅަ ކޮށެވެ. ކޮންމެވެސް ވަރަކަށް ކަރާ އަޅާފައިވެސް ހުއްޓެވެ. ރޯދަމަސް ނިމުމުގެ ކުރިން މި ދަނޑުން ކަރާ ލިބޭނެކަމަށް އޭނާ ބުންޏެވެ.
މުހައްމަދު ހުސޭން ބުނަނީ މިއީ އާމްދަނީ ހޯދުމުގެ ގޮތުން ކުރަން އެއްވަނައިގެ ކަމެއް ކަމުގައެވެ. ބުރަ މަސައްކަތަކާ ނުލާ ބޮޑު ފައިދާއެއްވެސް ލިބުމުގެ އިތުރުން ވަރަށްބޮޑު ހިތްހަމަޖެހުމަކާ އުފަލެއްވެސް ލިބޭ މަސައްކަތަކަށް ވާނެ ކަމުގައެވެ.
“އަހަރެން ޚަރަދު ކުރީ ހައެއްކަ ސަތެކަ ރުފިޔާ. އެއީ ފެނަށް އަޅާ ބޭހާ އަދިވެސް ބޭނުންވާ ކުދިކުދި ތަކެއްޗަށް. ހައިޑްރޯނިކް މިސިސްޓަމަކީ މާކުރިން ހަދާފައިވާ އެއްޗެއް.”
ހައެއްކަ ސަތޭކަ ރުފިޔާއަކީ މިހާރު ބާޒާރުގެ އަގަށް ބެލިޔަސް އާދައިގެ ބާރަވަރަކަށް ކަރާގެ އަގެވެ.
އޭނާ ވަނީ ލެޓިއުސްވެސް ގިނަ އަދަދަކަށް ހައްދާފައެވެ. ގޭގައި ބޭނުން ކުރާ ވަރަށް ވުރެ އިތުރަށް ހުރީތީވެ ލެޓިއުސް ވިއްކިދާނެ ކަމަށް ބުންޏެވެ. 60ރުފިޔާ އަށް ކިލޯއެއްގެ މަގުންނެވެ.
މި ދަނޑުގައި ކޮޕީފަތް ވަރުގެ ބޮޑެތި ލެޓިއުސް ފަތާއި ތަންކޮޅެއް ކުދިކޮށް ހުރި ލެޓިއުސް ހުރުމުން މި ދެ ވައްތަރަކީވެސް ލެޓިއުސްތޯ އަހާލީމެވެ. އޭނާ ބުނަނީ އެއީ ފެނުގައިހެއްދުމާ ވެލީގައި ހެއްދުމުގެ ތަފާތެވެ. “ފެނުގައި ކިއުކަންބާ އާއި ލެޓިއުސް މާރަނގަޅަށް ހެނދޭ. ބޮޑެތިކޮށް އެފެންނަނީ ފެނުގައި ހައްދާފައި ހުރި ލެޓިއުސް .ކުދިކޮށް އެފެންނަނީ ވެލީގައި ހައްދާފައި.”ލެޓިއުސް ގަސް ތަކަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.
ހޫނުގަދަ މި މޫސުމުގައި ހުރިހާ ގަހެއްވެސް ފެންނަނީ ވަރަށް ތާޒާކޮށެވެ. ސިއްރަކީ ކޮބައިތޯ އަހާލުމުން ވެސް ބުނީ ފެނުގައި ގަސް ހައްދާއިރު ހޫނުގަދަ ނަމަ މާރަނގަޅަށް ހެދޭ ކަމަށާއި ލިބޭ މޭވާ ވެސް ބޮޑެތިވާ ކަމަށެވެ.

ކަރާ ވެލުގައި އަޅާފައިވާ ބައެއް ކަރާ. ރޯދައަށް އަމާޒުކޮށްގެން ކަރާ ހެއްދިނަމަވެސް ރޯދައަށް ލިބޭ ގޮތް ނުވިކަމަށް މުހައްމަދު ހުސޭނު ބުނި–އިވީ ފޮޓޯ
މުހައްމަދު ހުސޭނުގެ މި މަސައްކަތަށް ސާބަހޭ ބުނުމުން އެކަން އޭނާ ބަލައެއް ނުގަތެވެ. އޭނާ ބުނަނީ މިއީ އޭނާގެ މަސައްކަތް ނޫންކަމާއި ސާބަސް ހައްގުވާނީ އަންހެނުން ޝާފިއާ އަށް ކަމުގައެވެ. އެހެންވެ ހުރިހާ ކްރެޑިޓެއް ދިނީ އަންހެނުން ޝާފިއާ އަށެވެ.
“އަސްލު މިއީ ޝާފިޢާގެ މަސައްކަތް. އަހަރެން ކުރާ ކަމަކީ ބައެއްފަހަރު އޭނާއާ ބައިވެރިވެލަނީ. ދެން އޭނާއަށް ނުވާވަރުގެ ތަންކޮޅެއް އުދަނގޫ ކަންކަމުގައި އެހީތެރިވެ ދެނީ. ” ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރކަންވެސް އަދާކުރަމުން ގެންދަވާ މުހައްމަދު ހުސޭނު ބުންޏެވެ.
މުހައްމަދު ހުސޭން ބުނަނީ މި މަސައްކަތް އަދި މިހިސާބުން ނިންމާނުލާނެ ކަމަށެވެ.” މި ބުރު ދިއުމުން އަނެއްކާވެސް އާ ދަނޑުވެރިކަމެއް މިތަނުގައި ކުރާނަން. އިރާދަކުރެއްވިއްޔާ މިކަން އަބަދުވެސް ކުރިއަށް ދާނެ. ”
މި ދެމަފިރިން މިދައްކައިދިނީ ހާދަހާ ވަރުގަދަ ނަމޫނާއެކެވެ. ކުދި ގޯތިގޯތީގައާއި ބުރިބުރިއަށް ނަގާފައި ހުންނަ ގޭގޭގެ ޓެރަސްތައް ބޭކާރު ގޮތުގައި ދޫކޮށްލުމުގެ ބަދަލުގައި މުނިފޫހި ފިލުވުމުގެ ގޮތުން ކަމަށްވިޔަސް ،ސްޓްރެސް ފްރީ މަސައްކަތެއް ކޮށްލުމުގެ ބޭނުމުގައި ކަމަށް ވިޔަސް ނޫނީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކޮށްލުމުގެ ގޮތުން ކަމަށްވިޔަސް ޓެރަހުގައިވެސް ދަނޑުވެރިކަންވެސް ކުރެވިދާނެ ކަމެވެ.
އެހެންނޫނަސް ގޭގައި އާއިލާއަށް ކާންދިނުމަށް ބޮޑު އަގު ދީފައި މިގަންނަ ތަރުކާރީއަކީ ކެމިކަލް ފްރީ އެއްޗެއްކަން ނޫންކަން އެނގޭހާލު އަމިއްލަ ގޭގައި އަމިއްލަ އަތުން ހައްދާ ތަރުކާރީ އާއިމޭވާ ލިބުމަށް ވުރެ ވަކިން ބޮޑު އުފަލަކީ ކޮބާ ހެއްޔެވެ. ؟