ބ. އަތޮޅު ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މުބާރާތުގައި ބައިވެރިވުމަށް ކުރިން މުހުލަތު ދީފައިވަނީ އިއްޔެގެ އިރުއޮއްސުމާ ހަމައަށެވެ.
މުބާރާތް އިންތިޒާމް ކުރާ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމްއިއްޔާއިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ، ކުރިން ދިން މުއްދަތުގެ ތެރޭގައި މުބާރާތަށް އެކަށީގެންވާ އަދަދަކަށް ޓީމްތަކުން އިޖާބަ ލިބިފައިނުވާތީކަމަށެވެ. އަދި ބައެއް ރަށްރަށުން މުބާރާތުގައި ބައިވެރިވުމާމެދު ނިންމަންޖެހޭ ކަންކަން ނުނިމިވާތީ، އިތުރު މުއްދަތު ދިނުމަށް އެދިފައިވާ ކަމަށްވެސް އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓުން ބުނެއެވެ.
އަތޮޅު ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރިއިރު، އިންތިޒާމްތަކާ މެދު ހިތްހަމަނުޖެހިގެން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ގޮއިދޫ ފުޓްބޯޅަ ޓީމް މިމުބާރާތުގައި ބައިވެރިނުވާނެކަން ވަނީ އިއްލާންކޮށްފައެވެ.
އީވީއަށް އެނގިފައިވާ ގޮތުގައި އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އޭދަފުއްޓާއި، ފެހެންދޫއެވެ.
2012 ވަނަ އަހަރުން ފެށިގެން ބ. އަތޮޅަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިދިޔަ އަހަރު ބައިވެރިވީ 6 ޓީމެވެ. ނަމަވެސް މުބާރާތް ފެށުމުގެ ކުރިން މާޅޮސް މުބާރާތުން ވަކިވުމާއެކު، މުބާރާތް ކުރިޔަށް ގެންދިޔައީ 5 ޓީމްގެ މެދުގައެވެ. އެއީ އޭދަފުށި، ކިހާދޫ، ކުޑަރިކިލު، ފެހެންދޫ އަދި ގޮއިދޫއެވެ.