މަންމައާ ދިމާލަށް ޝައިތާނެކޭ ބުނެ އެކި ދުވަސްމަތިން ތަކުރާރުކޮށް މަންމައަށް އަނިޔާކުރި ދަރިއަކު 8 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަންމައަށް އެކިކަހަލަ އަނިޔާކުރާތީ މާލެއަށް ނިސްބަތްވާ އެމީހާގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރު އޭނާގެ މަންމަގެ ގައިގައި އަތުން ތަޅައި އަދި އެސްލޯން ހޮޅިއާއި ފެންފުޅިއަކުން ހަމަލާ ދިނުމުގެ އިތުރުން މަންމައާ ދިމާލަށް “މިއީ ޝައިތާނެކޭ” ބުނެ, މަންމަ މަރާލާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.
އޭނާގެ މައްޗަށް މީގެ ދެ އަހަރު ކުރިން، ޖޫން 2، 2022 ގައިވެސް ފެމެލީ ކޯޓުން ވަނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައެވެ. އެއީ އޭނާގެ މަންމައަށް ޖިސްމާނީ އަނިޔާ ނުކުރުމަށާއި، ބަހުގެ ހަމަލާ ނުދިނުމަށާއި ބިރު ނުދެއްކުމަށާއި، ނަފްސާނީ ގޮތުން އަނިޔާ ނުކުރުމުގެ އިތުރުން އިގްތިސާދީ ގޮތުން ދަތިނުކުރުމަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރައްކާތެރިކަމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ، ފަސް ފަހަރެއްގެ މަތިން، އިކްރާމް އޭނާގެ މަންމަ އަށް އަނިޔާކޮށްފައިވާ ކަމަށެވެ. ފެބްރުއަރީ 24، 2022 ވަނަ ދުވަހު 14:00 ހާއިރު މަންމަ ދިރިއުޅޭ ގޭގެ ކޮޓަރީގައި އޮއްވާ ”ތިއީ ޝައިތޯނެކޭ ތިއީ ޖަނަވާރެކޭ މަރާލަންވެފައި ހުރި އެއްޗެކޭ މަރާލަންވީއޭ“ ބުނެ ބިރު ދައްކައި މަންމަގެ އަތުގައި ޖަހައި އަނިޔާކޮށްފައިވާ ކަމަށެވެ.
އަދި ފެބްރުއަރީ 25، 2023 ވަނަ ދުވަހު 6:30 ހާއިރު މަންމަގެ ވާތު ކުޑަހުޅާއި އުޅަބޮއްޓާ ދޭތެރޭގައި އަތުން ޖަހާފައިވާ ކަމަށާއި އެ ހަމަނުޖެހުމުގެ ތެރޭގައި މަންމައާ ދިމާލަށް ލައިޓަރެއް އެއްލުމުގެ ސަބަބުން އޭނާއަށް އަނިޔާވެފައިވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުންޏެވެ.
އޭގެ އިތުރުން މެއި 13، 2023 ވަނަ ދުވަހުގެ 20:00 ހާއިރު، މަންމަގެ ބޮލުގައި ޖަހައި އަނިޔާކޮށްފައިވާއިރު، ޖޫން 19، 2023 ގައި އަތުގައި ޖަހާ އަނިޔާކޮށްފައިވެ އެވެ. އޭގެ ފަހުން ޖޫން 23، 2023 ގައި ގޭގެ ދޮރުމަތީގައި ސައިދާ ހުއްޓާ 500 އެމްއެލްގެ ފެންފުޅިއެއް އެއްލުމުގެ ސަބަބުން ސައިދާގެ މޭމަތީގައި ޖެހި އަނިޔާވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ. ހުކުމްގައިވާ ގޮތުން ޖުލައި 4، 2023 ގައި ކޮޓަރީގައި ސައިދާ ހުއްޓާ އޭނާ ވަނީ ދެ ފޫޓް ހުންނަވަރުގެ އެސްލޯން ހޮޅިބުރިއަކުން އޭނާގެ ވާތުގައި ޖަހާފައެވެ.