ކޮންމެ އަހަރަކު ރޯދަމަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތާއި، ކުޑަކުދިންގެ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހިރާއްޖޭގެ އަޑުން ވިދާޅުވީ، ކުރު ވާހަކަ މުބާރާތާއި ކުޑަކުދިންގެ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން ކުރު ވާހަކަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕީއެސްއެމްގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށައަޅަން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން މައުލޫމާތު ދެއްވިއެވެ. އަދި ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޤުރުްއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން، ނަން ނޯޓުކުރަން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ވިދާޅުވިއެވެ.
“މުބާރާތަށް ވާހަކަ ކިޔުންތެރިންނަށް ދިވެހިރާއްޖޭގެ އަޑުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ރިކޯޑް ކުރުމުގައި. އެ ރިކޯޑިން ތައް ރޭޑިޔޯއިން އިއްވާނެ.” ކުރު ވާހަކަ މުބާރާތުގެ ޕްރޮޑިއުސަރ ނާފިޒާ ޢަބްދުއްރަޝީދު ވިދާޅުވިއެވެ.
ޕީއެސްއެމް ކުޑަކުދިންގެ ޤުރްއާން މުބާރާތަކީ، ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވެވޭނީ، 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ.
ކުރު ވާހަކަ މުބާރާތުގެ މަގުދަކީ، ދިވެހިބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ ފަންނު ދިރުވައި އާލާކޮށް، އެ ފަންނާ މެދު މީހުން ޝައުޤުވެރި ކުރުވުމާއެކު އަދަބީ ގޮތުންނާއި، ފިކުރީ ގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކަށް މަގުފަހި ކުރުމާއި އެފަދަ އުފެއްދުންތަކުގެ ޒަރިއްޔާއިން މުޖުތަމައަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދިނުމެވެ. މި މުބާރާތުގައި ލިޔުންތެރިއެއްގެ ގޮތުގައި އަދި ކިޔުންތެރިއެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެއެވެ. މިގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ވިދާޅުވިއެވެ.





