އޭދަފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ޖަމިއްޔަތުލްވަފާ އަށް 26000ރ ދިނުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.
28 ފެބްރުވަރީ 2019 ދުވަހު ބޭއްވި އޭދަފުށީ ކައުންސިލްގެ 3 ވަނަ ދައުރުގެ 71 ވަނަ އާންމު ޖަލްސާގައި ވަފާ ޖަމިއްޔާއަށް 26000.00 (ސައްބީސްހާސް) ރުފިޔާގެ އެހީއެއް ދިނުމަށް ފާސްކުރީ “ރަށުގެ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތް ތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް” ހަމަޖެހިފައިވާ ބަޖެޓުގެ ތެރެއިންނެވެ.
މިއީ އެހީގެ ގޮތުގައި މިހާ ބޮޑު އަދަދެއްގެ ފައިސާ އަމިއްލަ ޖަމްއިއްޔާއަކަށް ދިނުމަށް އޭދަފުށީ ކައުންސިލުން ފާސްކުރި ފުރަތަމަ ފަހަރެވެ.
އޭދަފުށީ ކައުންސިލުން ބުނީ ވަފާ ޖަމިއްޔާއަށް މި އެހީ ދޭން ނިންމީ އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ، އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތަށް އެހީއަކަށް އެދިފައިވާތީ ކަމުގައެވެ. މިއެހީ ދިނުމަށް ފާސްކޮށްފައިވަނީ އޭދަފުށީ ކައުންސިލްގެ 5 މެމްބަރުންގެ އިއްތިފާގުންނެވެ.
އޭދަފުށީ ކައުންސިލުގެ އެހީގެ ބަޖެޓަކީ އޭދަފުށީ ރައްޔިތުންގެ މާލިއްޔާގައި ހުރި ފައިސާގެ ތެރެއިން ކޮންމެ އަހަރަކުވެސް ރަށުގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް ކައުންސިލުން ފާސްކުރާ ބަޖެޓެކެވެ. އަދި ކައުންސިލް އާމްދަނީ ފައިސާ އަކީވެސް ރައްޔިތުންގެ ތަކެތި ކުއްޔަށް ދީގެންނާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންގެ މާލިއްޔާއަށް ލިބޭ ފައިސާގެ ތެރޭގައި ހިމެނޭ ބައެކެވެ.
ޖަމިއްޔާތަކުން ހިންގާ އެކިއެކި ހަރަކާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރަށު ކައުންސިލުން ކޮންމެ އަހަރަކުވެސް އެކިވަރުގެ އެހީތައް އަންނަނީ ދެމުންނެވެ.