އަތޮޅުތެރޭގައި ކޮވިޑް ފެތުރެނީ ފިޔަވަޅުތައް ދޫކޮށްލުމުން: މިނިސްޓަރު

Enk4bSVWEAATYzs.jpg

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް

އަތޮޅުތެރޭގައި ކޮވިޑް ފެތުރެމުންދަނީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ކަމަށް ހެލްތު މިނިސްޓަރު، އަހުމަދު ނަސީމު ވދާޅުވެއްޖެ އެވެ.

ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާއިރު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި ކަމަށް   އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް އަތޮޅު ތެރޭގެ ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުން ނެވެ.

ރާއްޖޭގައި މި ވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދަކީ 2025 އެވެ. އޭގެ ތެރެއިން ރަށްރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ1،165 އެވެ.

ނަސީމް ވިދާޅުވީ މާލެ ސަރަހައްދުގައި ބަލި ކޮންޓްރޯލް ވުމުން ކޮވިޑު ނިމުނީ ކަމަށް މީހުން ހީކުރާ ކަމަށެވެ. ބައެއް ގައުމުތަކުގައި ކޮވިޑުގެ އެކި ރާޅުތައް އައިސް ފުލް ލޮކްޑައުނަކަށް ދިޔަ ނަމަވެސް ރާއްޖޭގައި އެހެން ވާން ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި ކޮވިޑުގެ ކޭހެއް ނެތް ނަމަވެސް ރަށްރަށުގައި ވެސް މާސްކު ނާޅައި އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިނިސްޓަރު ވަޑައިގަަންނަވާ ރަށްރަށުގައި އެއްގޮތަކަށް ވެސް މާސްކް ނާޅާ ފާހަގަކުރެއްވި އެވެ.

“ރަށަކުން އެންމެ މީހެއް ޕޮޒިޓިވްވި ނަމަވެސް މާސްކް އަޅަންޖެހޭނެ. އަޅުގަނޑުމެން މާސްކް އެޅުން ހުއްޓާލީކީ ވެސް ނޫން. މާސްކް ނާޅައި އުޅެވޭނެއޭ ބުނީކީ ވެސް ނޫން. އެޗްޕީއޭއިން އެ ނެރޭ ބަޔާންތަކާއި އިރުޝާދުތަކަށް ބޯލަނބައިގެން އުޅުނީމަ ރަނގަޅުވާނެ. ހުރިހާ ހޮސްޕިޓަލެއް އެބަޖެހޭ ފަރުވާތެރިވާން،” މިހާރަށް ދެއްވި އިންޓަވިއު އެއްގައި ނަސީމް ވިދާޅުވި އެވެ.

ރަށްރަށުގެ ތެރެއިން ކޮވިޑު އެންމެ ގޯސްކޮށް އުޅެނީ އައްޑޫގަ އެވެ. އެ ތަނުގެ ފަސް ރަށުގެ އެކްޓިވް ކޭސްތައް 335 ގައި ހުރިއިރު، ހިތަދޫގައި އެކަނި ވެސް ކޮވިޑުގެ ބަލީގެ 187 މީހުން މި ވަގުތު އެބަތިއްބެވެ.

“[ރަށްރަށުގައި ކޮވިޑު ފެތުރެން ފެށީ] މާ ބޮޑަށް ދޫކޮށްލެވުނީމަ. ބަލަންވާ ވަރަށް އެ ތަންތަނުގައި ވެސް އިންތިޒާމުތައް ގެންދާ މީހުން ނުވަތަ ޓީމުތަކުން ބެލިފައި ނެތީ،” ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާރަށް ކޮވިޑު ފެތުރޭ ރަށްރަށުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ބަދަލުގައި ބަލާނީ މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ތަންފީޒުކުރާށެވެ. ހާލަތު ގޯސްވަނީ ފިލާވަޅުތައް ތަންފީޒުނުވާތީ ކަމަށާއި އިތުރަށް ފިޔަވަޅު އަޅާކަށް ނުޖެހޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top