އަމިއްލަ ރަށުން ބޭރުގައި ހާފިޒްކަން ދަސްކުރާ ދަރިވަރުންނަށް، ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް އަންނަ އަހަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ރައީސް ވިދާޅުވީ މި އަންނަ އަހަރު ފެށިގެން ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާއީ އަދާލަތާއި ހަމަހަމަކަމާއި، މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް ކަމަށެވެ. އިސްލާމް ދީނުން ފެންނަން އޮތީ ބައިބައިވުމާއި ވަކިވަކިވުމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެންމެ މުހިންމު ކަމަކީ ކީރިތި ގުރުއާނުގެ އިލްމުތައް ފެތުރުންކަމަށާއި ގުރުއާންގެ އިލްމީ ކަންޒަރުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ ކީރިތި ގުރުއާންގެ އިލްމީ ދިރާސާތައް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިރޭ ދަސްވެނިމުނު ގުރުއާން މުދައްރިސުންނާއި އިމާމުން، އެ ބޭފުޅުން އުނގެނިވަޑައިގެންނެވި އެއްޗެއް އަމަލީ ދިރިއުޅުމުގައި ތަންފީޒު ކުރަންވާނެ ކަމަށެވެ. އަދި އެހެން މީހުންނަށް އެ ކަންކަން ދަސްކޮށްދީ، ގުރުއާނުގެ ތަރުބަވީ އަހުލާގުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުވުމަށް މަސައްކަތް ކުރަންވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.