ރާއްޖެއިން ޒިކާ ވައިރަސް ފެނިއްޖެ

860-header-zika-9256.jpg

ޒިކާ ވައިރަސް ފަތުރާ އީޑީސް މަދިރި ؛ ޒިކާއިން ރައްކާތެރިވުމުގެ ގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުން މުހިއްމު

ރާއްޖެއިން ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ދެ މީހުން ފެނިއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން ބުނެފިއެވެ.

ރޭ އެ އެޖެންސީއިން ނެރުނު ބަޔާނެްގައި ބުނެފައިވަނީ ޖެނުއަރީ މަހު، ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމުގެ މަސައްކަތް ފެށި ކަމަށާއި، މިއަހަރުގެ ތެރޭގައި ޒިކާއަށް ޓެސްޓުކުރުމުގެ އާލާތްތައް ގާއިމުކޮށް، ޒިކާގެ އަލާމާތްތައް ފެނުނު 517 މީހަކު ޓެސްޓުކޮށްފައިވާ ކަމަށެވެ.

“މީގެ ތެރެއިން ދެ މީހަކު ވަނީ ޒިކާއަށް ޕޮޒިޓިވް ވެފައި،” އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އެޗްޕީއޭއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ބޭރު މީހުންގެ ގައިން ޒިކާ ވައިރަސް ފެނުމުގެ ތިން ކޭސްއެއް ރާއްޖޭގައި ފެނިފައިވާއިރު އެންމެ ފުރަތަމަ ޒިކާ ވައިރަސް ރާއްޖެއިން ފެނުނީ، މިއަހަރުގެ ޖެނުއަރީ މަހު ފުރި ފިންލެންޑްގެ މީހެއްގެ ގައިންނެވެ. އެއަށް ފަހު އެ ވައިރަސް ފެނުނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި މިއަހަރުގެ މެދުތެރޭގައި ފުރި، ޖަރުމަނު އަދި ސްޕެއިންގެ ދެ މީހުންގެ ގައިންނެވެ.

ޒިކާ ވައިރަސް ފެތުރެނީ ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިންނެވެ.

ޒިކާ ވައިރަސް ޖެހުމުން ގާތްގަނޑަކަށް 80 ޕަސެންޓު މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެއެވެ. ބައެއް މީހުންގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުމާއި ލޯރަތްވުން، ގައިގައިރިއްސުން، ބޮލުގައިރިއްސުން އަދި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.

ނަމަވެސް މާބަނޑު އަންހެނުންނަށް ޒިކާ ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ކިޔާ ކޮންޑިޝަނެއް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވެއެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ.

އެހެންކަމުން މައިކްރޯސެފަލީ ކިޔާ ހާލަތަކީ މާބަނޑު އަންހެނުންގެ ފަރާތުން ކުދިންނަށް ވާރުތަކުރާ ކަމެއް ކަމުން، މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގާ އިރު ރައްކާތެރިވުމުގެ ގޮތުން ހުރަސް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ވެސް މާބަނޑުވުމަށް ގަސްދުކުރާ ނަމަ، ޑޮކްޓަރުންނާ ބައްދަލުކޮށް، ޒިކާ ވައިރަހާ ބެހޭ މައުލޫމާތު ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top