ކަރަންޓު ބިލުގައި ސާޗާޖް ހިމަނާފައިވަނީ ޑީސަލް އަގު ބޮޑުވެގެންތަ؟ ހަގީގަތަކީ ކޮބާ؟

Bill-FENAKA-652x366.jpg

އޭދަފުށީގެ ގެތަކަށް މިދިޔަ މަހު ކަރަންޓު ބިލް އައި އިރު އެބިލުގައި ސާޗާޖު ހިމަނާފައިވެއެވެ. އެކަމަކު އެނަޖީ އޮތޯރިޓީން ސާޗާޖް ނަގަން ހުއްދަދީފައިވަނީ ޑީސަލް ލިޓަރެއް ގަންނަން ލިބޭ އަގު 8 ރުފިޔާއަށް ވުރެ ބޮޑުވާނަމައެވެ. އޭދަފުށީ އިންޖީނުގެއަށް ޑީސަލް ލިޓަރެއް ގަންނަނީ ލިޓަރެއް 7.92އަށް  ކަމަށްވާނަމަ ދެން ކަރަންޓުބިލުގައި ސާޗާޖް ހިމަނަން ޖެހުނީ ކީއްވެގެން ހެއްޔެވެ. ؟ ހަގީގަތަކީ ކޮބާހެއްޔެވެ؟

މިކަމާބެހޭ ގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓުބިލުގައި ސާޗާޖު ހިމަނަން ނިންމީ އެކުންފުންޏަށް ސެޕްޓެމްބަރ 19 ވަނަދުވަހުން ފެށިގެން ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވެފައިވާތީ އެވެ. އެދުވަހުން ފެށިގެން ޑީސަލް ލިޓަރެއް ގަންނަން ލިބެނީ 8.12 ރ.އަށް ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ގަންނަން ލިބޭ އަގު ލިޓަރެއް 8ރ. އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ދީފައިވެއެވެ.

އިތުބާރު ހުރި މަސްދަރަކުން ޔަގީންކަމާއެކު އޭދަފުށީ ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ ބ.އަތޮޅު ބްރާންޗަށް ޑީސަލް ލިޓަރެއް ގަންނަނީ 7.92 ރ.ގެ ރޭޓުންނެވެ. އެހެންވީމާ ފެނަކަ އޭދަފުށި ބްރާންޗުން ކަރަންޓުބިލްގައި ސާޗާޖް ހިމަނާފައިވަނީ އެނަޖީ އޮތޯރިޓީ އިން ސާޗާޖް ނަގަން ހުއްދަ ދެއްވާފައިވާ ގޮތާ ޚިލާފަށް ކަމުގައި ބުނުމުގެ ޖާގަ އެބައޮތެވެ.

މިދިޔަ ފެބްރުއަރީ މަހު އެނާޖީ އޮތޯރިޓީން ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން، މާލެ އާއި މާލެ ސަރަހައްދުގައި ކަރަންޓް ޔުނިޓަކަށް ނަގާ އަގަށް ވުރެ ފެނަކަ އިން ކަރަންޓް ދޭ ރަށްރަށުގައި ޔުނިޓަކަށް ނަގާ ރޭޓު ވެސް ބޮޑެވެ.

ކަރަންޓް ބިލު ބޮޑުވާތީ އެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށް ވިދާޅުވެ ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިއަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން ބަދަލެއް އައިސްފައިނުވާ އިރު އަނެއްކާވެސް ކަރަންޓުބިލް ބޮޑުވެ ރައްޔިތުންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހުނީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top