ރާއްޖޭގައި ގެއްލުން ނުވެ ހިންގާ ޑޮމެސްޓިން އެއާޕޯޓަކީ ހަމައެކަނި ދަރަވަންދޫ އެއާޕޯޓް ކަމަށް ޓްރާންސް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.
އެ މިނިސްޓްރީއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގާ 13 އެއާޕޯޓުގެ ތެރެއިން ގެއްލުމެއް ނެތި ހިންގަމުން ގެންދަނީ ވެލާނާ އިންޓަނޭޝަނަލްގެ އެއާޕޯޓުގެ އިތުރުން ދަރަވަންދޫ އެއާޕޯޓު އެކަނި ކަމަށެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި ދަރަވަންދޫ އެއަރޕޯޓަށް އާންމުގޮތެއްގައި 20 ވަރަކަށް ފްލައިޓު ބާއްވައެވެ. އެރަށުގެ ވަށައިގެން ގިނަ ރިސޯޓުތަކެއް ހުރުމުގެ ސަބަބުން އެ އެއަރޕޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ހިންގަމުން ގެންދާ ތޭރަ އެއާޕޯޓުގެ އިތުރުން ހަ އެއާޕޯޓުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ވެރިކަން ކުރާ އެމްޑީޕީއިން ކެމްޕެއިން ދުވަސްވަރު ރަށްރަށުގައި އެއާޕޯޓު އެޅުމާއި ދެކޮޅަށް ވާހަކަ ދެއްކެ ނަމަވެސް ވެރިކަމާއި ހަވާލުވުމަށްފަހު ކުރީގެ ސަރުކާރުން ގެންގުޅުނު އެއާޕޯޓު އެޅުމުގެ ސިޔާސަތު ރަނގަޅުކަމަށް ވިދާޅުވެ އެ ސިޔާސަތު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ 17 އޮކްޓޯބަރު 2012 ގައެވެ. އެއާޕޯޓް ހުޅުވައިދެއްވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކެވެ.