ފިހާރަތަކުގެ ސޭޓުންވެސް އަންގި ލައްވަން އިލްތިމާސް ކޮށްފި

b_zhvi9vtSWVkTbmwI5wuYVioc8.jpeg

ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހީމް އަފްޒަލް މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ވަން ފޮޓޯ: މުހައްމަދު ހައްޔާން

ފިހާރަތަކުގައި ތިބޭ ސޭޓުންވެސް އަންގި ލައިގެން މަސައްކަތް ކުރަން އައިޖީއެމްއެޗްގެ ސީނިއާ ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ކޮންމެ ވިޔަފާރިއަކުންވެސް ބިޒްނަސް ކޮންޓިންޖެންސީ ޕްލޭނެއް ހަދައި ކޮވިޑް 19އިން ރައްކާތެރިވުމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެން ހުރިކަންކަން ކަނޑައަޅައި އެކަންކަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވިޔަފާރިތައް ހިންގާއިރު އިޖުތިމާއީ ގައިދުރު ކަމަށް ބަލައިގެން މަސައްކަތް ކުރުމަށް ޑރ.އަފްޒަލް ވިދާޅުވި އެވެ.
ޑރ.އަފްޒަލް ވިދާޅުވީ ގައިޑްލައިންތައް ހަދާފައި ހުންނަނީ އެ ބަޔަކު ކުރާ މަސައްކަތްތަކުގެ ސަބަބުން ބަލީގެ ނުރައްކަލަކަށް ހުށަހެޅުން ކުޑަކުރެވޭނެ ގޮތަށް ކަމަށެވެ. އެ ގައިޑްލައިންތަކުގައި މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވިޔަފާރިތަކުން އިސްކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

“ފިހާރަތަކުގެ ކައުންޓަރުތަކުގައި ތިބޭ މީހުން، އެއްޗެތި ގަންނަންދާ މީހުންނާ މުއާމަލާތު ކުރާއިރު އަދި ފައިސާގައި އަތްލާއިރުވެސް އަތަށް އަންގި ލައްްވައިގެން އުޅުމާއި ބަލިވެއްޖެ ނަމަ އެފަދަ ތަންތަނަށް ދިއުން ހުއްޓާލުމާއެކު އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކައެއް މިއީ ކޮންމެވެސް ކަހަލަ ޕާޓިޝަނެއް ޖަހާފަ ކޭޝިއަރުގައި އިންނަ ކުއްޖާއާ ކަސްޓަމަރާ ދެމެދު ޕާޓިޝަނެއް ޖެހުން،” އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކާފިއު ބާއްވަނީ އެންމެންގެ ރައްކާތެރިކަމަށް ކަމަށާއި ނަމަވެސް ކާފިއުގެ ވަގުތުގެ ކުރިން ނުވަތަ ކާފިއު ހަމަވުމުން މަގުތަކަށާއި ފިހާރަތަކަށް މީހުން ތޮއްޖެހޭ ކަމުގައި ވާނަމަ ކާފިއުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން ކާފިއުގެ ވަގުތު އެނގޭ އިރު، އެ ވަގުތުކޮޅާ ކައިރިކޮށްފައި ތަންތަނަށް ޖަމާ ނުވެ، ދުވަސް ބަހާލައިގެން ކަންކަން ހަމަޖައްސަން އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ނުބަލައި އުޅެން ވެއްޖެނަމަ މިހާރު އޮތް ހާލަތު ބަދަލުވެ އިތުރަށް ނުރައްކާ ވެގެން ހިނގައިދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ މޫސުމީ ބަލިތައް ކަމަށްވާ ޑެންގީ އަދި ބޭރަށް ހިންގުމުގެ ބަލިތައް އަބަދުވެސް ރާއްޖޭގައި އުޅޭ ކަމަށާއި އެހެންކަމުން އެ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެގޮތުން އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަފްޒަލް އިލްތިމާސްކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top