ޗެނަލް-13އަށް ބްރޯޑްކޮމް އިން ނަސޭހަތް ދީފި!

img_md_202004070507461586261266.4602.jpg

ޗެނަލް 13ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު ރީތިކުރުމާއި މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެޗެނަލް އަށް އަންގައި ނަސޭހަތްތެރިވެއްޖެ އެވެ.

ޗެނަލް 13 އަށް ބްރޯޑްކޮމް އިން ސިޓީއަކުން ނަސޭހަތްތެރިވެފައި މިވަނީ އެ ޗެނަލް އިން ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމް ހުއްޓުވާލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެސިޓީގައި ބުނެފައިވަނީ، ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ހާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ “ހަޖަމު” ޕްރޮގުރާމުގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުން ކުރަމުން ދާކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވިފައި ވާ ކަމަށާއި، އަދި މީސްމީޑިއާ މެދުވެރިކޮށް އެކަން އެކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބްރޯޑްކާސްޓްކުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް ވެސް އެ ކަމިޝަނުންވަނީ ނަސޭހަތްތެރި ވެފައެވެ. އަދި މި މިންގަނޑާ ހިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށް ވާނަމަ، އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

ޗެނަލް 13ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް އެދި ބްރޯޑްކޮމްއިން ނަސޭހަތްތެރި ވެފައިވާއިރު، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް13 އިން ގެނެސްދޭ “މަޑިސީލަ” ޕްރޮގްރާމް މެދުކަނޑާލުމަށް ވެސް އެކޮމިޝަނުން ވަނީ އަންގާފައެވެ.

ބްރޯޑްކޮމް އިން ޗެނަލް13 އަށް މިފަދަ އެންގުންތައް އަންގާއިރު، މީޑިއާ ކައުންސިލުން ދަނީ އޮންލައިން ނޫސްތަކުގައި ލިޔާ އެކި ލިޔުންތައް ނަގަން އެންގުމާ އަދި ބައެއް ހަބަރުތަކުގެ ސުރުހީވެސް ބަދަލުކުރަން ބައެއް ނޫސްތަކަށް އަންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top