ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން: ޑރ.ޖަމީލް

big_fgAEMocZDASYP3NxNQB6xqC1N.jpeg

ކޯޓުތަކުގެ އަޑުއެހުންތައް މެދުކެނޑި، މި ދަނޑިވަޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ އިންސާފެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދި މި ދަނޑިވަޅަކީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު ކަމަށާ ކުރިއަށް އޮތީ ރޯދަމަހަށް ވެފައި މި ހާލަތަށް ބަލައި އިދިކޮޅު ލީޑަރަށް އިންސާފު ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

“..މިއީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު. ކުރިއަށް އޮތީ ރޯދަމަހަށް ވެފައި މި ހާލަތަށް ބަލައި އިދިކޮޅު ލީޑަރަށް އިންސާފު ކަށަވަރު ކޮށްދޭންޖެހޭ. އަޑުއެހުންތައް މެދުކެނޑި ޖަލުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން. އިހްސާންތެރިކަން އިސްކުރަން ގޮވާލަން.” ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޖަމީލް ވިދާޅުވީ، ކޮރޯނާވައިރަސްގެ ވަބާގެ ސަބަބުން މުޅި ގައުމު ހުއްޓުމަކަށް އައިސް، އިގްތިސާދީ ގޮތުން ނޭނގޭ ވަރުގެ ފުން ވަޅުގަނޑަކަށް މި ގައުމު ވެއްޓުމުގެ ބިރު ބޮޑު ކަމަށެވެ. މި ދަނޑިވަޅުގައި އެތައް ބަޔަކު ބަނގުރޫޓް ނުވާނެ ގޮތަކާއި ކުރިމަތިވަމުން އަންނަ ތަދުމަޑުކަމުން އަރައިގަނެވޭނެ ގޮތް ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރުމަށް އާއިލާއިން ވަނީ އެދިފައެވެ. އެކަމާ ގުޅޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ވިދާޅުވެފައި ވަނީ، ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިނގ ގެ ކުށް ސާބިތުވާ ކަމަށް ނިންމައި ފަސް އަހަރު ދުވަހަށް ޖަލު ހުކުމަކާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top