އޭދަފުށީގައި ކުރެވޭ އިމާރާތްތައް ހަލުވި ދުވެލީގައި އުސްވަމުން އިތުރުވަމުން އެބަދެއެވެ. އެކަމަކު އެއޢެކު އިތުރުވަމުން ދާް ޖެހޭ ސަލާމަތާއި ރައްކާތެރިކަން އޮތީ ބިރުގަންނަ ދަރަޖައިގައެވެ. އެކަން ރެގިއުލޭޓްކޮށް ބަލަހައްޓާނެ މުވައްސަސާއެއް ނެތީބާއޭ ހީވާ ވަރަށެވެ. ރަށު ކައުންސިލަށް އެކަން އެނގިތިބެ ފަރުވާކުޑަ ކޮށްލައިގެން މިތިބެނީ މީހެއްގެ ފުރާނަ ދަންދެން ހެއްޔެވެ.
އިއްޔެ ދިމާވި ހާދިސާއެކެވެ. ހަދަމުން އަންނަ ހަތަރުބުރި އިމާރާތެއްގެ ކައިރިން ސައިކަލުގައި އައި ތިން މީހުންގެ ތެރެއިން އިމާރާތާއި އެެންމެ ކައިރީގައި އިން މީހާގެ ފައިބުޑަށް ވައި ކަފާލާފައި އައިސް އެވެއްޓުނީ ލަކުޑިން ހަދާފައި އޮތް ބޮޑު ދޮރުފަތެކެވެ. އެމީހާގެ ގައިގާ ލައި ނުގައިކަން އެއީ ނަސީބެކެވެ. އެއިން ޖެހުނުނަމަ، އެގުނަވަނެއްގެ ދުވަސް ދިޔައީއެވެ.
މި ހާދިސާގެ ވާހަކަ ވަގުތުން ކައުންސިލަށް ދެންނެވީ އެސައިޓްގެ ޝަކުވާ ކުރުމުގެ ގޮތަކުން ނޫނެވެ. ދެވަނަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށެވެ. އެހެންނަމަވެސް ކައުންސިލުން އެކަން ހަމައެކަނި އަޑު އަހާލުން ފޔަވައި އިތުރު ފިޔަވަޅެއް އެދުވަހު ނާޅައެވެ. އިރުއޮއްސެންދެންވެސް އެމީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މިއީ މިކަން ވާން ހިނގަން ޖެހޭނެ ގޮތެއް ނޫނެވެ. އެކާމެދު ފިޔަވަޅު ނޭޅުއްވީ ނުވަތަ އަޅާނުލެއްވީ އެއީ އެއްވެސް ކަމެއް ނޫންކަމަށް ބަލާފަ އެވެ. އޭގެ އަނެއް ދުވަހު ރައީސް ފާތިހުއަށް އެވާހަކަ ދެންނެވުމުން ވިދާޅުވީ މިހާރުވާނީ މަސައްކަތް ހުއްޓާލަން އަންގާފައި ކަމަށެވެ. އަދި މަސައްކަތް ދެން ކުރިއަށް ގެންދެވޭނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހުގައި ކަމަށެވެ.
”ސަލާމަތީ ކަންކަން ފުރިހަމަނުކޮށް މަސައަކްތަ ކުރިއަށް ނުގެންދަން މިހާރު ވާނީ އަންގާފަ. އޭގެ އިތުރުން ވެސް މިރަށުގައި މިހާރު އިމާރާތް ކުރުމުގެމަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށްވެސް މި ހަފްތާ ނިމުމުގެ ކުރިން އަންގާނަން.“
އިމާރާތެއް ކުރެވޭނީ ރަށު ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ. އެހުއްދަ ދެނީ ސަލާމަތީ ފިޔަވަޅުތައް ކަށަވަރު ކުރުމުގެ ގޮތުން ކަންތައްތަކެއް ފުރިހަމަ ކުރުމަށް ޝަރުތު ކޮށްފައެވެ. ލިއުމުން އެއްބަސްވުމެއްވެސް ހަދާފައެވެ. ކަން އޮންނަނީ މިހެންނެވެ. އެކަމަކު ކަން ހިނގަނީ މިހެނެއް ނޫނެވެ. އެއްބަސްވުމެއް ހެދީމާ އެހިސާބުން ކައުންސިލުގެ ޒިންމާ އަދާކުރެވުނީ އެވެ. ކަން ހިނގާގޮތް ބެލުން އެއީ ކުރަން ނުޖެހޭ ކަމެއްކަހަލަ އެވެ. ފާތިހުގެ ވާހަކަވެސް ހުރީ އެކަހަލަ ގޮތަކަށެވެ.
”މާބޮޑަށް ދޫކޮށްލެވިފަ އޮތީ. ހަގީގަތުގައި ކައުންސިލުން ބަލަހައްޓަން ޖެހޭކަމެއް އެއީ. އެކަމަކު ވެސް ވަރަށް ދޯދިޔާކޮށް މިއޮންނަނީ. އެކަމަކު މަސައްކަތް ކުރަން ހުއްދަ ދޭއިރު ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ތަކުގެ ވާހަކަ ރީތިކޮށް ލިޔެފަ އޮންނާނެ. މިކަންތައްތައް ފުރިހަމަ ނުކޮށް ހުންނަނަމަ މަސައްކަތް ހުއްޓުވާނެކަމަށްވެސް ލިޔެފަ އޮންނާނެ.“ ފާތިހު ވިދާޅުވިއެވެ.
ހުއްޓުވާނެ ކަމަށް ލިޔެފައި އޮންނަ ކަމަށްވާނަމަ އެކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ.
އާދޭހެވެ. ފާތިހު އެވިދާޅުވީއެވެ. މާބޮޑަށް ދޫކޮށްލެވިފައި އޮތީއެވެ. އެކަމާ ކަންބޮޑުވެގެން އުޅެނީ ރައްޔިތުންނެވެ. އެއަޑު ނީވެނީ ނުވަތަ އެކަން ނުފެންނަނީ ފެންނަން ޖެހޭ ފަރާތަށެވެ. ރަށު ކައުންސިލަށެވެ.
ގެޒެޓްގައި ޝާއިއު ކޮށްފައިވާ ”އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު“ ގައި ވާގޮތުން ކޮންޓްރެކްޓަރު ނުވަތަ އިމާރާތްކުރާ ފަރާތުގެ އާންމު ޒިންމާތަކުގެ ތެރޭގައި، އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު މީހަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމަށް ބަލައި ފުރިހަމައަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކުއްލި ހާލަތެއްގައި އަމަލު ކުރާނެ އިންތިޒާމް ތަކެއް ހަމަޖައްސަން ޖެހޭނެކަމަށް ލިޔެފައި އޮވެއެވެ. މިގޮތުން ކޮންކްރީޓްކުރުމާއި ސިމެންތި ޖެހުންފަދަ ކަންކަން ކުރާއިރު އިމާރާތުގައި ކަތި ބިތްގަނޑާއި ސަލާމަތީ ދާ (ސޭފްޓީ ނެޓް) ޖެހުމުގެ އިތުރުން ވަށައިގެން ހުރި ގޭގެއާއި އެތަންތަނުގެ ފުރާޅަށާއި ގޯތިތެރެއަށާއި މަގަށް ސިމެންތިއާއި ކުނޑިއާއި އެނޫން އެއްޗެއްވެސް ނުފައިބާނެ ގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އޮވެއެވެ. ހަމަ އެއާއެކު އިމާރާތްކުރަމުންދާ ތަންތަނުގައި ހުންނަ ޓިނު ނުވަތަ ފުލައިވުޑް ނުވަތަ ވައިގަދަވުމުގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ، ސަބަބަކުން އެފަދަ އެހެން އެއްޗެހި ވިއްސައިގެން ނުދާނެގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެގަވާއިދުގައި އޮވެއެވެ.
ސުވާލަކީ އޭދަފުށީގައި މިހާރު އިމާރާތް ކުރެވެމުން ދާ އެއްވެސް އުސް އިމާރާތެއްގައި މިކަންކަން ހުރީ ފުރިހަމަވެފައި ހެއްޔެވެ؟
މީގެ އިތުރުން މީހުން ހިނގާ ބިނގާވެ އުޅެން އޮންނަ މަގަށް މަސައްކަތުގެ ވެށީން އެއްޗެއް ވެއްޓިގެން ހިނގާބިނގާވެ އުޅޭ މީހަކަށް، ނުވަތަ މުދަލަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވެދާނެ ކަމުގައިވާނަމަ، މަސައްކަތްކުރާ ސަރަހައްދާއި މީހުން ހިނގާބިނގާވެ އުޅޭ ސަރަހައްދާ ވަކިކުރެވޭނެ ގޮތަށް ނިވައިކޮށްފައި ހުރުމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ.
ގަވާއިދު ހަދާފައި އޮންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ހާދިސާ އެއް ހިނގައިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުމުގެ ކުރިން އެފަދަ ކަމެއް ވިޔަ ނުދިނުމުގެ ގޮތުންނެވެ. ސަލާމަތީ ކަންތައްތައް ހުރިނެތްގޮތް ބަލާނެ މުވައްސަސާތައް ހުރެމެ އެތަނުން އެކަން ބެލިޔަސް ނުބެލިޔަސް މިކަންތައްތަައް ފުރިހަމަކޮށްފައި ހުރުމަކީ އަމިއްލަ ވިސްނުމުން ވިސްނާއިރުވެސް ކުރަން މަޖުބޫރު ކަންތައްތައް ކަން ގަބޫލު ކުރަންޖެހެއެވެ.
އިމާރާތުގެ ވަށައިގެން ސޭފްޓީ ނެޓު ދަމާފައި ހުޜިވެސް މަދު ތަނެއްގައެވެ. އިމާރާތް ތަކުގެ މަތީގައި މަސައްކަތް ކުރަމުން ދާއިރު މަގު ހިނގާ މީހުުންނަށް ސަލާމަތްތެރިކަން ހޯދައިދިނުމުގެ ގޮތުން މަދު ތަނެއްގައި ކަތި ފުރާޅެއް ވަށައިގެން އޮތަސް އެކަންވެސް ކޮށްފައިވަނީ ރައްކާތެރިކަން ކަށަވަރުވާ ގޮތަކަށް ނުވަތަ ގަވާއިދުގައި ބުނެފައިވާ ގޮތަކަށްވެސް ނޫނެވެ.
ބައެއް ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާއިރު އެތަނުގައި ގަދައަށް މަސައްކަތް ކުރަމުން ދާއިރު އެކަން އަންގައިދޭ ނިޝާނެއްވެސް ބަހައްޓާފައެއް ނުހުރެއެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތްތެރިކަން ހުންނަ ގޮތުން އެފަދަ ތަންތަނުގެ ކައިރިން ނުދާން ބައެއް މީހުން ތިބެނީ އަޒުމް ވެސް ކަނޑައަޅައިގެންނެވެ.
މަސައްކަތް ކުރުވާ ފަރާތުން ބަލަނީ އަވަހަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އެކަމަކު ބޮޑު ނުރައްކަލެއް ހިނގުން އޮންނަނީ ކައިރީގަ އެވެ. އެއީ ކޮންމެ ވަގުތަކުން ވެސް ދިމާވެދާނެ މައްސަލައެކެވެ. ކަމެއް ހިނގައިގެން އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ވުމުގެ ކުރިން މިކަމަށް ހެދިފައި އޮންނަ ގަވާއިދާ އެއްގޮތަށް ސައިޓް ތަކުގައި މަސައްކަތް ކުރުމަކީ މުޅި މުޖްތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. މަސައްކަތް ކުރާ ފަރާތާއި ކުރުވާ ފަރާތާއި ގަވާއިދަށް އަމަލު ކުރޭތޯ ބެލުމަށް މަތިކޮށްފައިވާ ފަރާތުންވެސް ޒިންމާއަދާކުރުމަކީ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި އަދާކުރަންޖެހޭ ގައުމީ ވާޖިބެކެވެ.