ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޓީސީ ސްޕޯޓްސް ކްލަބާ ވާދަކުރި މެޗު 0-3ގެ ނަތީޖާއިން ފެހެންދޫ ބަލިވެއްޖެއެވެ.
މިއަދުގެ މެޗަކީ ލީގުގައި ޓީސީ އަދި ފެހެންދޫ ވެސް ކުޅުނު ދެވަނަ މެޗެވެ. ފެހެންދޫ ގެ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން ޕޮއިންޓެއް ހޯދާފައިވާ އިރު ޓީސީގެ ފުރަތަމަ މެޗުގައި ފ. ނިލަންދޫ އަތުން 6-1ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ ޓީސީއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޓީސީ ގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ޕްރިމިއާ ލީގަށް ޓީސީއާ ގުޅުނު ދަގަނޑޭ އެވެ.
އެ ލަނޑަށްފަހު ވެސް ޓީސީއަށް ލީޑު އިތުރަށް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އޭދަފުއްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު)އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ސާމިރަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
ދެވަނަ ހާފުވެސް ކޮންޓްރޯލް ކުރަމުން ގެންދިޔައީ ޓީސީ އިންނެވެ. އެގޮތުން މެޗުގެ 71ވަނަ މިނިޓްގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސައްޓު ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް މަހުދީ ހުސައިން އެވެ.
ތިންވަނަ ލަނޑު ޓީސީ އިން ކާމިޔާބު ކޮށްފައިވަނީ މެޗު ނިމެން އުޅެނިކޮށެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ދަގަނޑޭއެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުއްޓެވެ.