ހަޔާތުގެ ފަލްސަފާއެއް

0-02-06-10b4e32785b35c23f31fe7b8bd4b35bdf9b58a01b7d1cd672886df5fcf559e39_61e71523.jpg

މިއީ އީލިޔާ އަބޫ މާޟީގެ فلسفة الحياة (ހަޔާތުގެ ފަލްސަފާ) މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. އީލިޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1889ވަނަ އަހަރު، ލުބްނާން ގައެވެ. ތުއްޕުޅުއިރުގެ ކުޑަދުވަސް ކޮޅެއް މިސުރުގައި ހޭދަކުރެއްވުމަށްފަހު، 1912ވަނަ އަހަރު އެމެރިކާއަށް ހިޖުރަކުރެއްވިއެވެ. އަދި އެރަށުގައި ބައެއް ނޫސް މަޖައްލާ ނެރުއްވައި ޝާއިއުކުރެއްވުމުގައި މަސައްކަތްކުރެއްވިއެވެ. އީލިޔާ އަކީ ‘މަހުޖަރުގެ’ އާދެ، އަރަބި ދުނިޔެ ދޫކޮށް، އަރަބި ނޫން އެހެން ރާއްޖެތަކުގައި، ވަޒަންވެރިވި، އަރަބި ޅެންވެރީންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. އަދި މަހުޖަރުގެ ޅެންވެރިންގެ ތެރެއިން، ކުރީ ސަފުގައި ވެސް ހިމެނޭ އެންމެ މަޝްހޫރު ޅެންވެރިންގެ ތެރޭގައި ގުނާލެވޭ ޅެންވެރިއެކެވެ. އޭނާގެ ޅެންތައް އެއްކުރެވި ޝާއިޢު ކުރެވިފައިވެއެވެ. މީގެ ތެރޭގައި “ޖަދާއިލު”، “ޚަމާއިލު” އަދި “ތިބްރު ވަ ތުރާބު” މިތިން ދީވާނު، ޅެން ފޮތް، ހިމެނެއެވެ. އީލިޔާ އަވަހާރަވީ 1957 ގައި ނިޔޫޔޯކުގައެވެ.

އަރަބި ޅެންވެރިކަމުގެ ދުނިޔޭގައި އީލިޔާ އަބޫ މާޟީ ސިފަކުރެވިފައި ކުރެވިފައިވަނީ “ޝާޢިރުއް ތަފާއުލް”ގެ ގޮތުގައެވެ. އާދެ، ހެޔޮފާލުގެ ޅެންވެރިޔާގެ ގޮތުގައެވެ. އެއީ ކީއްވެގެންކަން މިޅެމުން ހާމަވެ، ފާޅުވެގެންދެއެވެ. މި ޅެމުގައި ޝާއިރު ވިދާޅުވަނީ ހަޔާތުގެ ފަލްސަފާއަކަށް ވާންޖެހޭނީ، ޝަކުވާކުރުން ދޫކޮށް، އަބަދުވެސް ހިނިތުންވެހުރެ، ހަޔާތް ވޭތުކޮށްލުމެވެ. ހަޔާތުގައި ދިމާވާ ކޮންމެ ކަމެއްގެ ވެސް ހެޔޮ ފަޅިއެއް އޮންނާނެކަން ގަބޫލުކުރުމާއި އަދި އެ ފަޅި ހޯދައި، އެކަން ދެނެގަނެ، ކުރިއަށް ފިޔަވަޅުއެޅުމަށް މަސައްކަތްކުރުމެވެ.

މި ޅެމުގެ މާނަ ފަސޭހައިން ވިސްނައި ފަހުމުކޮށްގަތުމަށްޓަކައި، ޅެން ތިން ބަޔަކަށް ބަހައިލެވިދާނެއެވެ. މިއިން ކޮންމެ ބަޔެއްގައި ޅެންވެރިޔާ ވަކި ފިކުރާއެއްގެ، ޚިޔާލެއްގެ، މައްޗަށް އަމާޒުކުރައްވައެވެ. ފުރަތަމަ ނުވަ ބައިތުގައި ޅެންވެރިޔާ ކިޔުންތެރީންނާއި މުޚާތަބުކޮށް ގޮވައިލައްވަނީ ޝަކުވާކުރުން ދޫކޮށް، ހެޔޮ ފާލުގެ (އޮޕްޓިމިސްޓިމިސްޓިކް) ބަޔަކަށްވުމަށެވެ. ކޮންމެ މީހަކު ވެސް، ހިނިތުންވެ ހުރެ، ދިރިއުޅުމާއި ކުރިމަތިލައި، އޭނާގެ ހަޔާތް ވޭތުކުރުމަށެވެ. ދެން އޮތް ނުވަ ބައިތުގައި ޅެންވެރިޔާ ފާހަގަކުރައްވަނީ މައް ދޫނިތައް ވެސް ދިރިއުޅުމުގެ މިފަލްސަފާ ދެނެގަނެ، ޚިޔާރުކޮށްފައިވާކަމެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމާއި ދުނިޔޭގައި ދިރިހުރެވޭނީ ދާދި ކުޑަދުވަސްކޮޅަކުކަން، ދޫނިތައް ވެސް ދެނެގެންފިކަމެވެ. އެހެން ކަމަށް ވިޔަސް، ދޫނިތައް، ޝަކުވާކުރުމެއްނެތި، އުފަލުގައި އޭގެ ވަގުތުތައް ހޭދަކުރަމުންދާކަމެވެ. މިކަމުން އިބުރަތް ލިބިގަނެ، ހިނިތުންވެހުރެ، ދިރިއުޅުން ވޭތުކުރުމަށް، އެންމެނަށްވެސް، ޅެންވެރިޔާ ގޮވާލައެވެ. ޅެމުގެ ބާކީ އޮތް ބައިގައި ޝާއިރު ވިދާޅުވަނީ، ދުނިޔެއަކީ ހިތާމަކޮށް އަބާއްޖަވެރި ގޮތެއްގައި ހަޔާތް ވޭތުކުރަން އޮތް ތަނެއް ނޫންކަމެވެ. އަދި ހިތްހަމަޖެހިގެން އުފަލުގައި ކޮންމެ މީހަކަށް ވެސް ދުނިޔޭގައި އުޅެވިދާނޭކަމެވެ. މިގޮތުގައި އުޅެން އެދޭ ނަމަ، ކޮންމެ މީހަކު ވެސް ވާންވީ މުތަފާއިލު، އާދެ، ހެޔޮފާލުގެ މީހަކަށެވެ. ޝަކުވާކުރުން ދޫކޮށް، ކޮންމެ ކަމެއްގެ ވެސް ހެޔޮ ފަޅިއެއް އޮންނާނެކަން ގަބޫލުކޮށް، އެކަން ދެނެގަނެ ކުރިއަށް ފިޔަވަޅު އަޅަން މަސައްކަތްކުރާ މީހަކަށެވެ. އަދި ތިމާގެ އަމިއްލަ ލާބަޔާއި ފައިދާއަށް މަސައްކަތްކުރާ ފަދައިން، އެންމެންގެ ލާބައާއި ފައިދާއަށްޓަކައި މަސައްކަތްކުރާ، އެތެރެފުށް ރީތި، ޚުލްގުހެޔޮ  މީހަކަށެވެ. ދެން، އީލިޔާ އަބޫ މާޟީ ވިދާޅުވެދެއްވާ “ހަޔާތުގެ ފަލްސަފާ” އަށް ބަލައިލަމާތޯއެވެ!

*********************************************

1      أيُّهذا الشَّاكِي وَمَا بِكَ دَاء           كَيْفَ تَغْدُو إذَا غَدَوْتَ عَلِيْلاَ؟

(ބަލިކަމަށް ހެދި،) ޝަކުވާކުރާ އިންސާނާއެވެ! ކަލޭގެ ކިބައިގައި އެއްވެސް ބައްޔެއްނެތެވެ. ދެން، ބައްޔެއްވެއްޖެ ނަމަ ކަލޭގެ ހާލަކީ ކޮބައިބާވައެވެ؟
2      إنّ شَرَّ الجُنَاةِ فِي الأرْضِ نَفْس   تَتَوَقَّى، قَبْلَ الرَّحِيْلَ ،الرَّحِيْلاَ
ދުނިޔޭގައިވާ އެންމެ ބޮޑު ކުށްވެރިޔަކީ، މަރު އައުމުގެ މާކުރިން (މަރާމެދު ފިކުރުކޮށް، ކަންބޮޑުވެ، މަރުން ސަލާމަތްވާން) އުޅޭ މީހާއެވެ.

3      وَتَرَى الشَّوْكَ فِي الوُرُودِ، وَتَعْمَى        أنْ تَرَى فَوْقَهَا النَّدَى إكْلِيلاَ

އަދި (އަބަދުވެސް،) ފިނިފެންމަލުގައިވާ ކަށި އޭނާއަށް ފެންނަ މީހާއެވެ. (ނަމަވެސް) އޭނާގެ ލޯވަނީ އެ ފިނިފެންމަލުގެ ވަށައިގެން ލެވިފައިވާ ޝަބްނަމްގެ (ރީތި) ހާރު ދުށުމުން އަދިރިވެފައެވެ.

4      هُوَ عِبْءٌ عَلَى الحَيَاةِ ثَقِيل        مَنْ يَظُنُّ الحَيَاةَ عِبْئًا ثَقِيلاَ

ދިރިހުރުމަކީ ބޮޑު ބުރައެއްކަމަށް، ތަކުލީފުތަކުން ފުރިގެންވާ ކަމެއްކަމަށް، ދެކޭ މީހާވާނީ ދުނިޔެއަށް އޮތް ބޮޑުބުރައަކަށެވެ.

5      والذِي نَفْسُهُ بِغَيْرِ جَمَالٍ        لا يَرَى فِي الوُجُودِ شَيْئًا جَمِيْلاَ

އޭނާގެ ކިބައިގައި އެއްވެސް ރިވެތި ސިފައެއް ނެތް މީހަކަށް، އޭނާގެ ވަށައިގެންވާ އެއްވެސް އެއްޗަކުން ރީތިކަމެއް ނުފެންނާނެއެވެ.

6      لَيْسَ أشْقَى مِمَّنْ يَرَى الْعَيْشَ مُرًّا        وَيَظُنُّ اللّذَّاتِ فِيْهِ فٌضٌولاَ

ދިރިހުރުމަކީ ހިތި ކަންތައްތަކުން ފުރިގެންވާ ކަމެއްކަމަށް ދެކި، އަދި އުފަލާއި އަރާމު ދުނިޔެއިން ލިބިގަތުމަކީ ބޭކާރުކަމެއްކަމުގައި ދެކޭ މީހާއަށްވުރެ ވަކިން އަބާއްޖަވެރި މީހަކު ނުވެއެވެ.

7      أَحْكَمُ النَّاسِ فِي الحَيَاةِ أُنَاس        علَّلُوهَا فَأحْسَنُوا التّعْلِيلاَ

މީސްތަކުންގެ ތެރެއިން އެންމެ ބުއްދިވެރި މީހަކީ ދިރިއުޅުމުގެ ބޭނުމަކީ ކޮބައިކަން ހޯދައި ބަލައި، އަދި އެކަން ރަނގަޅަށް ދެނެގަންނަން މަސައްކަތްކުރާ މީހާއެވެ.

8      فَتَمَتَّعْ بِالصُّبْحِ مَا دُمْتَ فِيْهِ        لا تَخَفْ أنْ يَزُولَ حَتَّى يَزُولاَ

އެހެންވެ، ހެދުނުގައި (ދިރިހުރުމުގެ) ފުރުސަތު އޮތްއިރު، ހެދުނުގެ ވަގުތުން ހިތްހަމަޖެހުން ލިބިގަނެ އުފާކުރާށެވެ! އަދި ހެދުނުގެ ވަގުތު ފާއިތުވެގެން ނުދަނީސް، އެވަގުތުކޮޅު ފާއިތުވެ ހިގައިދާނެތީ ބިރުގަނެ، ކަންބޮޑުނުވާށެވެ.

9      وَإذَا مَا أظَلَّ رَأسَكَ هَمٌّ             قَصِّرِ البَحْثَ فِيْهِ كَيْلا يَطُولاَ

އަދި ކަލޭގެ ބޮލަށް ފިކުރުބޮޑުވާކަހަލަ ކަމެއް އައިސް ސަވާރުވެއްޖެ ނަމަ، ޔައުނީ، ބޮލަށް އުނދަގޫ ކުރާކަމަކާ ދިމާވެއްޖެނަމަ، އެކަން ދިގުދެމިގެން ނުދިޔުމަށްޓަކައި، އެކަމާ ދޭތެރޭ (ހާސްވެ،) ފިކުރުކުރުމުގެ ވަގުތު މަދުކުރާށެވެ.

10    أدْرَكَتْ كُنْهَهَا طُيُورُ الرَّوَابِي     فَمِنَ العَارِ أنْ تَظَلَّ جَهُولاَ

ދުނިޔޭގައި (އުފަލުގައި) ދިރިއުޅެންވީ ގޮތުގެ ހަގީގަތް އުސްބިންތަކުގައި އުޅޭ (މައް) ދޫނިތައްވަނީ ދެނެގެންފައެވެ. އެހެންކަމަށްވާއިރު، ކަލެއަށް، އެކަން ނޭގުންވާނީ ލަދުވެތިކަމަކަށެވެ.

11    مَا تَرَاهَا وَالحَقْلُ مِلْكٌ سِوَاهَا        تَخِذَتْ فِيهِ مَسْرَحًا وَمَقِيلاَ

(އެދޫނިތައް ނިކަން ދެކިބަލާށެވެ!) އެދަނޑުތަކަކީ ދޫނިތައް ކުޅެ، ނިދަން އޮތް ތަނަކަށް ހަދައިގެން އުޅޭއިރު، އެދަނޑުތަކަކީ އެދޫނިތައް ނޫން އެހެން މީހެއްގެ މިލްކެއްހެން ކަލެއަކަށް ހިޔެއްނުވާނެއެވެ.

12    تَتَغَنَّى، وَالصَّقْرُ قَدْ مَلَكَ الْجَوَّ        عَلَيْهَا، وَالصَّائِدُونَ السَّبِيْلاَ

އެދޫނިތައް ލަވަކިޔަމުންދެއެވެ. (އެއްކޮޅުން)، ބާޒުތައް (މުޅި ޖައްވު ފުރާލައި ހޯރައަޅާ ފާރަލަމުން އެއިން ދޫންޏެއް އަތުޖެހޭނޭ ފުރުސަތަކަށް ބަލަބަލައި)، އެދޫނިތަކުގެ މައްޗަށް ޖައްވުގެތެރޭގައި ވެރިކަން ކުރަމުންދާއިރު ވެސްމެއެވެ. އަދި (އަނެއް ކޮޅުން)، އެދޫނިތައް ޝިކާރަކުރުމުގެ މަގެއް (ފެނޭތޯ) ޝިކާރަވެރިން (ބަލަބަލައި ތިބޭ) ވެސް މެއެވެ. މާނައަކީ އެދޫނިތަކުގެ ވަށައިގެންވަނީ ނުރައްކަލެވެ. އެހެންނަމަވެސް، ޝަކުވާކުރުމެއްނެތި ހިތްހަމަޖެހިތިބެ އުފާކޮށް އުޅެތެވެ.

13    تَتَغَنَّى، وَقَدْ رَأتْ بَعْضَهَا يُؤْخَذُ        حَيًّا وَالبَعْضُ يُقْضَى قَتِيلاَ

އެދޫނިތައް ލަވަކިޔަމުންދެއެވެ. އެދޫނިތަކުގެ ތެރެއިން ދޫނިދޫނި، ބައެއް ފަހަރު، ދިރިހުއްޓާ ހިފައިގެން ގެންދާ ތަނާއި، އަދި އަނެއްބައި ފަހަރު، މަރާލެވޭ ތަން ފެންނައިރު ވެސްމެއެވެ.

14    تَتَغَنَّى، وَعُمْرُهَا بَعْضُ عَامٍ        أ فَتَبْكِي وَقَدْ تَعِيْشُ طَوِيلاَ؟

އެދޫނިތައް ލަވަކިޔަމުންދެއެވެ. އެދޫނިދޫނީގެ އުމުރަކީ އަހަރަކަށްވުރެ ވެސް ކުރު މުއްދަތެއް ކަމުގައި ވީއިރު ވެސް މެއެވެ. ކަލޭ (ޝަކުވާކޮށް) ތިރޮނީހެއްޔެވެ؟ ކަލެއަށް ދިގު އުމުރެއް ލިބި ދުނިޔޭގައި އެތައް އަހަރެއް ވާންދެން އުޅެވިދާނެކަމުގެ އެކަށޭނަކަން އޮތްއިރު ވެސްމެއެވެ!

15    فَهِيَ فَوْقَ الغُصُونِ فِي الفَجْرِ تَتْلُو        سُوَرَ الوُجْدِ وَالهَوَى تَرْتِيلاَ

އެދޫނިތައް ފަތިސް ވަގުތުގައި ގަސްގަހުގެ ގޮފިތައް މަތީތިބެ (އެއެއްޗިއްސަށް ލިބިފައިވާ) ތަނަވަސްކަމާ ލޯތްބާމެދު (އުފާކޮށް) ލަވަކިޔާހަދައެވެ.

16    وَهِيَ طَوْرًا عَلَى الثَّرَى وَاقِعَات        تَلْقَطُ الْحَبَّ أوْ تَجُرُّ الذُّيُولاَ

ބައެއް ފަހަރު، އެދޫނިތައް ބިން މައްޗަށް ފައިބައި، ބިމުން ހޮވައިކައި، ނޫނީ ފިނދުފަތް ހަލުވަމުން (ފަހުރުވެރިކަމާއެކު) ހިނގާލައި އުޅެއެވެ.

17    كُلَّمَا أمْسَكَ الغُصُونَ سُكُون        صَفَّقَتْ لِلغُصُونُ حَتَّى تَمِيلاَ

(ގަސްގަހުގެ) ގޮފިތަކަށް (ރޭގަނޑުގެ) ހިމޭންކަން އަންނަ ކޮންމެ (ރޭގަނޑުގެ) ވަގުތެއްގައި، އަތްތެލިބަޑިޖަހައި، ގޮފިތަކަށް ގޮވައިލައެވެ. ދެން،  (ދޫނިތަކުގެ ގޮވައިލުމަށް އިޖާބަދީ) ގޮފިތައް ތިރިވެލައެވެ.

18    فَاِذَا ذَهَّبَ الأصِيلُ الرَّوَابِي        وَقَفَتْ فَوْقَهَا تُنَاجِي الأصِيْلاَ

އަދި ދުވާލުގެ ވަގުތު ނިމުމަކަށް އައިސް، އިރުއޮއްސޭ ވަގުތު ޖެހި، (އޮއްސެމުންދާ އިރުގެ ދޯދިތަކުން) އުސްބިންތައް، ޔައުނީ ޖައްވު، ރަންކުލައިން ކުލަޖައްސާލައިފި ނަމަ، އެގޮފިތައް މަތީ ތިބެ ދޫނިތައް ރޭގަނޑަށް (މަރުހަބާ ކިޔައި) ގޮވަމުންދެއެވެ.

19    فَاطْلُبِ اللَّهْوَ مِثْلَ مَا تطْلُبُ الأطْيَارُ        عِنْدَ الهَجِيْرَ ظِلاًّ ظَلِيْلاَ

ފެތުރިފައިވާ ހިޔާގަޑެއް ހޯދަން، މެންދުރުގެ ދިލައަވީގައި މިދޫނިތައް  އުޅޭފަދައިން، މަޖާކޮށް، އުފަލުގައި އުޅެން އެދި، ކަލޭ ވެސް މަސައްކަތްކުރާށެވެ.

20    وَتَعَلَّمْ حُبَّ الطَّلِيْعَةِ مِنْهَا        وَاتْرٌكِ القَالَ لِلْوَرَى وَالقِيْلاَ

މިދޫނިތައް (އުޅޭގޮތް ބަލައި އެދޫނިތަކުގެ) ކިބައިން (ޝަކުވާކުރުމުން އެއްކިބާވެ، ކެރިގެން ކަންކަންކުރުމުގައި) އެންމެކުރީ ސަފުގައިހުރެ، (ދިރިއުޅުމަށް ލޯބިކުރުން) ދަސްކުރާށެވެ. ތޯތޯވާހަކަދެއްކުން، ޔައުނީ، ބޭކާރުގޮތުގައި ވަގުތުތައް ގެއްލުވާލުން، އެހެން މީހުންނަށް ދޫކޮށްލާށެވެ.

21    فَالَّذِي يَتَّقِي العَوَاذِلَ يَلْقَى         كُلَّ حِيْنٍ فِي كُلِّ شَخْصٍ عَذُولاَ

(ކަމެއްކުރަން އުޅޭއިރު،) މަލާމަތްކޮށް އެއްޗެހި ކިޔާފާނެ މީހުންގެ ކިބައިން ސަލާމަތްވާން އުޅޭމީހަކަށް، ކޮންމެ ވަގުތެއްގައި ވެސް، ކޮންމެ މީހެއް ވެސް، ފެންނާނީ މަލާމަތްކޮށް އެއްޗެހި ކިޔާމީހެއްގެ ގޮތުގައެވެ.

22    أنْتَ لِلْأِرْضِ أوَّلاً وَأخِيْرًا         كُنْتَ مَلِكًا أوْ كُنْتَ عَبْدًا ذَلِيْلاَ

އެންމެ ފުރަތަމަ ކަލޭ އުފެދިފައިވަނީވެސް ބިމުގެ މަށީންނެވެ. އަދި އެންމެ ފަހުން، ކަލޭ އެނބުރި ދާނީވެސް އެބިމުގެ ތެރެއަށެވެ. ކަލޭ ރަސްކަލަކަށް ނޫނީ ނިކަމެތި އަޅަކަށް ވިއަސް ވެހެވެ.

23    لاَ خُلُودَ تَحْتَ السَّمَاءِ لِحَيٍّ        فَلِمَاذَا تُرَاوِدُ المُسْتَحِيْلاَ؟

އުޑުދަށަކު، ޔައުނީ ދުނިޔޭގައި، އަބަދުގެ އަބަދަށް ދިރިހުރުމެއް އެއްވެސް ދިރިހުރި އެއްޗަކަށް ލިބިގެން ނުވެއެވެ. އެހެންކަމަށް ވާއިރު، (ދުނިޔޭގައި އަބަދުގެ އަބަދަށް އުޅުން އެދި) މުސްތަހީލު ކަމެއްގެ ފަހަތުން ތިޔަ ދުވަނީ ކީއްވެ ހެއްޔެވެ؟

24    كُلَّ نَجْمٍ إلَى الأُفُولِ وِلكِن        آفَة النَّجْمِ أنْ يَخَافَ الأُفُولاَ

(އަރާ) ކޮންމެ ތަރިއެއް ވެސް ނިމެނީ އޮއްސިގެންނެވެ. (މިކަމުގެ ސަބަބުން ތަރިއަކަށް ލިބޭ އުނިކަމަކީ ކޮބާ ހެއްޔެވެ؟) ނަމަވެސް، ތަރީގެ އައިބެއް ހުރިކަމަށް ވާނީ އޮއްސިދާނެތީ ބިރުން (ނާރާ)ހުރި ނަމައެވެ.

25    غَايَةُ الوَرْدِ فِي الرِّيَاضِ ذُبُول         كُنْ حَكِيْمًا وَاسْبُقْ إلَيْهِ الذُّبُولاَ

ބަގީޗާގައިވާ (ރީތި) ފިނިފެންމާގެ ވެސް ނިމުމަކީ މޯޅިވެ، ނެތިދިއުމެވެ. ބުއްދިވެރިއަކަށްވެ، މޯޅިވުން އައިސް، އެމަލަށް ވެރިވުމުގެ ކުރިން އެމާ ހޯދައި އޭގެ މައްޗަށް ކަލޭ ވެރިވާން އަވަސްވެގަންނާށެވެ.

26    وِإذَا مَا وَجَدْتَ فِي الأرْضِ ظِلاًّ        فَتَفَيَّأْ بِهِ إلَى أنْ يَحُولاَ

ދުނިޔެއިން ހިޔާ ގަނޑެއް ފެނިއްޖެ ނަމަ، އެހިޔާގަނޑު ނެތިދިޔުމުގެ ކުރިން، އެހިޔާގަނޑުން ހިޔާލިބިގަންނާށެވެ.

27    وَتَوَقَّعْ، إذَا السَّمَاءُ اكْفَهَرَّتْ        مَطَرًا يُحْيِي السُّهُولاَ

އަދި (ވިއްސާރަވެ) އުޑުގެ (މޫނުމަތި) ކަޅުވެ، އަދިރިވުމުން، (ބިރުނުގަނެ) ވާރޭއަށް އިންތިޒާރު ކުރާށެވެ. އެވާރޭގެ ސަބަބުން ބިންތަކަށް ދިރުންލިބި (ގަސްގަހާގެހި، ރޯވެ، ހެދެން ފަށައެވެ).

28    قُلْ لِقَوْمٍ يَسْتَنْزِفُونَ المَآقِي        هَلْ شُفِيْتُمْ مَعَ البُكَاءِ غَلِيلاَ؟

(ލޮލުގެ) ކަރުނަވަޅު ތަކުން ކަރުނައަށް އެދި، (ކަރުނަ އަޅައި، ރޯހަދާ) މީހުންގާތު ނިކަން ބުނެބަލާށެވެ! “ކަލޭމެންގެ ރުއިމުން އެއްވެސް ފައިދާއެއްކޮށްފި ހެއްޔެވެ؟”

29    مَا أتَيْنَا إلَى الْحَيَاةِ لِنَشْقَى        فَأَرِيحُوا، أهْلَ العُقُولِ، العُقُولاَ

އަހަރުމެން ދުނިޔެއަށް އައީ (ހިތާމަކޮށް) އަބާއްޖަވެރީންނަށް ވާކަށް ނޫނެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ! ކަލޭމެންގެ ސިކުނޑިތަކަށް އަރާމުދޭށެވެ! (ޔައުނީ، ކަންކަމާ ދޭތެރޭ ކަންބޮޑުވެ، ފިކުރުކުރުން ދޫކޮށްލާށެވެ!.)

30    كُلُّ مَنْ يَجْمَعُ الْهُمُومَ عَلَيْهِ        أخَذَتْهُ الْهُمُومُ أخْذًا وَبِيْلاَ

(އެހެނީ) ކަންބޮޑުވުންތަކާ ފިކުރުތައް އެއްކޮށްފި މީހާ، އެފިކުރުތައް އެމީހާ މުޅީން ހަލާކުކޮށް، ނެތިކޮށްލަފާނެއެވެ.

31    كُنْ هَزَارًا فِي عِشِّهِ يَتَغَنَّى         وَمَعَ الْكَبْلِ لاَ يُبَالِي الْكُبُولاَ

ކަސްތަޅުއެޅުމުން (ވެސް) ކަންބޮޑުނުވެ، އޭގެ ހާލީގައި ލަވަކިޔަމުން (އުފާކުރަމުން)ދާ،  އަންދަލީބު (ނައިޓިންގޭލް، ފަދަ ދޫންޏަކަށް)ވާށެވެ!

32    لاَ غُرَابًا يُطَارِدُ الدُّودَ فِي الأرْضِ         وَيَوْمًا فِي اللَّيْلِ يَبْكِي الطُّلُولاَ

ބިމުގައި އުޅޭފަނިފަކުސަ ފަހަތުން. (އެއް ދުވަހު،) ދުވެފައި، އަނެއް ދުވަހު، ރޭވުމުން، ވާރޭވެހޭތީ ރޮއިހަދާ ފަދަ ކާޅަކަށް ނުވާށެވެ.

33    كُنْ غَدِيْرًا يَسِيْرُ فِي الأرْضِ رَقْرَاقا        فَيَسْقِي مِنْ جِانِبَيْهِ الْحُقُولاَ

ބިންމަތީގައި، މަޑުމަޑުން ދެމިދެމި އޮވެ، އެއިގެ ދެފަރާތުގައިވާ ދަނޑުތަކަށް ފެންދޭ ކޯރެއް ފަދައިންވާށެވެ.

34    تَسْتَحِمُّ النُّجُومُ فِيْهِ وَيَلْقَى        كُلُّ شَخْصٍ وَكُلُّ شَيْءٍ مَثِيْلاَ

(ރޭވުމުން)، ތަރިތައް އައިސް އެކޯރުން ފެންވަރައެވެ. އަދި، ކޮންމެ މީހަކު ވެސް، އަދި ކޮންމެ އެއްޗެއްވެސް، (އެކޯރުން، ފައިދާ ލިބިގަނެ)އެވެ.

35    لاَ وِعَاءً يُقَيِّدُ الْمَاءَ حَتَّى        تَسْتَحِلُّ الْمِيَاهُ فِيْهِ وُحُولاَ

(ރައްކާކުރުމަށްޓަކައި)، އެކަންވާރަކަށް ފެންއަޅައި، އެއިގެ ތެރޭގައި ފެން ހައްޔަރުކޮށް ބެހެއްޓުމުން، ފެން ތަޣައްޔަރުވެ ކިލަނބުވެ ހިނގައިދާނޭ ފަދަ، ކަންވާރަކަށް (ކަލޭ) ނުވާށެވެ.

36    كُنْ مَعَ الْفَجْرِ نَسْمَة تُوَسِّعُ الأزْهَارَ        شَمًّا وَتَارَةً تَقْبِيْلاَ

(ބަގީޗާގެ) މާތައް ފޮޅުވާލަދޭ، ނޫނީ އެމާތަކުގައި ބޮސްދޭ، ފަތިހާއެކު އަންނަ މަޑުމަޑު ރޯޅިއެއް ފަދައިން ކަލޭ ވާށެވެ.

37    لا سَمُومًا مِنَ السَّوَافِي اللَّوَاتِي         تَمْلَأُ الأَرْضَ فِي الظَّلاَمِ عَوِيْلاَ

ބިމުގެވެއްޔާއި ހިރަފުސް ނަގައިގަނެ، ރޭގަނޑުގެ ކަނުއަދިރީގައި، މުޅިދުނިޔެއަށް (ވޭނާއި ކެކުޅުމުގެ) ރުއިން މެދުވެރިކުރުވާ، ހޫނުގަދަ، ގަދަ ވަޔަކަށް ކަލޭ ނުވާށެވެ.

38    وَمَعَ اللَّيْلِ كَوْكَبًا يُؤْنِسُ الْغَابَاتِ        وَالنَّهْرَ وَالرُّبَى وَالسُّهُولاَ

އަދި ރޭވުމުން، ޖަންގަލިތަކާއި، ކޯރުތަކާއި އުސްބިންތަކާއި ތިރި ބިންތައް، މުނިފޫހި ފިލުވައިދޭ، ޔައުނީ އެތަންތަނަށް އަލިކަން ފޯރުކޮށްދޭ، ފަދަ ތަރިއަކަށް ކަލޭ ވާށެވެ.

39    لاَ دُجًى يَكْرَهُ الْعَوَالِمَ وَالنَّاسَ         فَيُلْقِي عَلَى الْجَمِيْعَ سُدُولاَ

(އަދި ރޭވުމުން ވެސް) އިންސާނުންނާއި އެހެނިހެން އާލަމްތައް ވެސް ދެކެ ނަފުރަތުކޮށް، ރުޅިއަރައި، އެއެންމެންގެ (ލޯމަތީ) ފަރުދާއަޅުވާ ކަޅު އަނދިރިގަޑަކަށް ކަލޭ ނުވާށެވެ.

40    أيُّهذَا الشَّاكِي وَمَا بِكَ دَاء        كُنْ جَمِيْلًا تَرَ الوُجُودَ جَمِيْلاَ

ބަލިކަމަށްހެދި ޝަކުވާކުރާ އިންސާނާއެވެ! ކަލޭގެ ކިބައިގައި އެއްވެސް ބައްޔެއް ނެތެވެ. (އެތެރެފުށް) ރީތި މީހަކަށް، ކަލޭ ވާށެވެ. އޭރުން، މުޅި ވުޖޫދު ވެސް ކަލެއަށް ފެންނާނީ ރީތިކޮށެވެ. (ޔައުނީ، މާބޮޑު މައްސަލައެއް ނެތަސް، ކިރިޔާ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާ އިރަށް، ކަންތައް ބޮޑުކޮށް، ޝަކުވާކުރާ އިންސާނާއެވެ! ޝަކުވާ ކުރާވަރު ކަމެއް ކަލެއަކަށް ކުރިމައްޗެއް ނުވެއެވެ. ރިވެތި އަޚުލާގެއްގެ ވެރި، ހެޔޮލަފާ އިންސާނަކަށް ވާށެވެ. އޭރުން، ކޮންމެ މީހެއްގެ ކިބައިން ވެސް، ފެންނަ ކޮންމެ މަންޒަރަކުން ވެސް، ދިމާވާ ކޮންމެ ކަމަކުން ވެސް ފެނި، ފާހަގަކުރެވޭނީ ރީތި ކަންކަމެވެ. ރަނގަޅު ސިފަތަކާއި ހެޔޮ ގޮތްތަކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top