ހޯމް މިނިސްޓްރީން ދެއްވި 256000ރ އަށް އަޅާނީ ކުޑަކުދިންގެ ޕާކެއް – ތުޅާދޫ ކައުންސިލް

thulhaadhoo.jpg

ބ. ތުޅާދޫ. ހޯމް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުޅައަޅައިގެން ލިބުނު ފައިސާއިން އެރަށުގައި ތަރައްޤީކުރާނީ ކުޑަކުދިންގެ ޕާކެއްކަމަށް ކައުންސިލުން ބުނޭ. / ފޮޓޯ: އޭދަފުށި ވޮއިސް

ހޯމް މިނިސްޓްރީން ދޭން ނިންމި ފައިސާގެ އެހީގައި ބ. ތުޅާދޫގައި ތަރައްޤީކުރާނީ ކުޑަކުދިންގެ ޕާކެއްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހޯމް މިނިސްޓްރީން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައިގެން ޕްރޮޕޯސަލް ހުށަހެޅި 51 ރަށުގެ ތެރެއިން އެންމެ މަތީމާކްސް ލިބުނު 14 ރަށުގެ ތެރޭގައި ތުޅާދޫ ހިމެނި އެރަށަށް ވަނީ 256000ރުފިޔާގެ އެހީއެއް ދޭން ނިންމާފައެވެ.

ތުޅާދޫ ކައުންސިލުން ބުނީ ހޯމް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށައެޅީވެސް އެރަށުގެ ކުޑަކުދިންނާ، އާންމުންނަށް ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ޕާކެއް ތަރައްޤީކުރުމުގެ ބޭނުން ކައުންސިލަށް ފާހަގަކުރެވިގެންކަމަށާ، މިއެހީ ލިބުމާއެކު މަސައްކަތް ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑު ބާރެއް ލިބިއްޖެކަމަށެވެ. ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ 20000 އަކަފޫޓްގެ ބޮޑު މިޕާކްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާ، މިހާރުވެސް ބައެއް މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

“ޕާކުގައި ބަހައްޓަންޖެހޭ އެކިކަހަލަ ކުޅޭ ސާމާނުތައް ގެނައުމަށް އަޅުގަނޑުމެން މިހާރުވާނީ ބަޔަކާ ހަވާލުވެސް ކޮށްފައި. މަސައްކަތް ފެށުން މިވަގުތު މަޑުޖެހިފައި މިއޮތީ ލޭންޑް ޔޫސް ޕްލޭންއަށް ގެންނަ ކުޑަބަދަލެއް ހައުސިން މިނިސްޓްރީން ފައިނަލް ނުކުރެވިގެން. އެކަން ނިމޭއިރަށް އަމަލީ މަސައްކަތް ފެށޭނެ” އެމްޑީޕީ ކައުންސިލަރ އަދި ތުޅާދޫ ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވިއެވެ.

ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހޯމް މިނިސްޓްރީން ތުޅާދޫއަށް ދިން އެހީގެ ލިޔުން އެރަށު ކައުްނސިލްގެ ރައީސާ ހޯމް މިނިސްޓަރ ހަވާލުކޮށްދެއްވަނީ. މިއެހީން ތުޅާދޫގައި ހަދާނީ ކުޑަކުދިންގެ ޕާކެއް / ފައިލް ފޮޓޯ

ރަޝީދު ވިދާޅުވީ މިމަޝްރޫއަށް ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވާނޭކަމަށާ، އިތުރަށް ބޭނުންވާ ދެލައްކަ ފަންސާސްހާސް ރުފިޔާގެ ތެރެއިން އެއްލައްކަ ރުފިޔާ ހެޔޮއެދޭ ފަރާތްތަކުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ބާކީ ދޮޅުލައްކަ ތުޅާދޫ ރައްޔިތުންގެ މާލިއްޔާއިން ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީބޮޑު ތުޅާދޫއަކީ މިވަގުތު ބ. އަތޮޅުގައި އެންމެގިނަ ތަރައްޤީގެ މަސައްކަތް ހިނގަމުން އަންނަ ރަށެވެ. އެގޮތުން އެރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ނަރުދަމާއާއި، ފެންހޮޅި އެޅުމުގެ މަޝްރޫއު ފެށިގެން މިހާރު ކުރިޔަށް އެބަދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top