މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކާސްވެސް ކުރަމުން ދާ ވިއްސާރަ އަންނަ ހުކުރު ދުވަހާ ހަމައަށްވެސް ދެމިގެން ހިނގައިދާނެ ކަމަށް މޫސުމާބެހޭ ގައިމީ އިދާރާ (މެޓް އޮފީސް ) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމުން ކުރާ ވިއްސާރައެއް ކަމަށާ މިއަދު ބޮޑަށް ވިއްސާރަކޮށްފައި ވަނީ މެދު ރާއްޖެތެރެއަށް ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުތަކަަށް އަލިކޮށް އޮތް ނަމަވެސް އެހިސާބަށް ވެސް ވިއްސާރައިގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު
މެޓް އޮފީހުން ވަނީ މިރޭގެ 8 އިން މާދަމާ ހެނދުނު 8 އަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
މިއަދު ރާއްޖޭގެ މޫސުން ހުރި ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި މެދުތެރެއާއި އުތުރުއަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 13 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރު އެންމެ ގިނަައިން ވާރޭ ވެހިފައި ވަނީ މާލެއަށެވެ. އެއީ 17 މިލިމިޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކާޑެއްދޫ އަށެވެ. އެއީ 11.7 މިލިމިޓަރުގެ ވާރޭ އެވެ.