އަލަށްއުފަންވާ ކުދިންނަށް ފުރަތަމަ ދޭންޖެހޭ ފަރުވާ އާ ބެހޭ ވޯކްޝޮޕެއް އޭދަފުށީގައި މިއަދު ފަށައިފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލާ ބ.އަތޮޅު ހެލްތު ސެންޓަރު ތަކުގައި މަސައްކަތްކުރާ ނަރުހުންނަށާއި ޑޮކްޓަރުންނަށް އަމާޒްކޮށްގެން “ފެސިލިޓީ ބޭސްޑް ނިއުބޯން ކެއާ އެންޑް ކްއާލިޓީ އިމްޕްރޫވްމަންޓް ޓެރޭނިން”ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕްއަކީ ޔުނިސެފްގެ އެހީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއީ) އިން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ސެމިނާރޫމުގައި ފެށި މިބައްދަލުވުމުގައި ބ. އަތޮޅުން 35 ބައިވެރިން ބައިވެރިވެ އެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެމުން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ދަރިފުޅު ވިހެއުމާއެކު ފުރަތަމަ ދޭންޖެހޭ ފަރުވާޔާބެހޭ ގޮތުންނާއި ދިމާވާ މައްސަލަ ތަކަކީ ކޮބައިކަން އޮޅުން ފިލުވައި އެކަންކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ ކަމުގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނެވެ.