ރައީސް ސޯލިހުގެ ބައެއް ވައުދުތައް އޭސީސީން ތަހުގީގު ކުރަނީ

vb-14.jpg

ރިޔާސީ އިންތިޚާބާ ގުޅުވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބައެއް ކަންކަން ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރިޔާސީ އިންތިޚާބާ ގުޅުވައިގެން ހިންގާފައިވާ ކޮރަޕްޝަން ކަމަށް ތުހުމަތުކޮށް އެ އިދާރާއަށް 61 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ މައްސަލަތަކުގެ އިތުރުން، ރައީސް ސޯލިހު ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތަކެވެ.

އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކޮމްޕްލެއިންސް ބިއުރޯއިން ހުށަހެޅި ހަތަރު މައްސަލައަކާއި ސިޔާސީ ޕާޓީތަކުން ހުށަހެޅި ތިން މައްސަލައަކާއި އަމިއްލަ ފަރާތްތަކުން ހުށަހެޅި 26 މައްސަލައެއް އަދި ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅި 28 މައްސަލަ އެއް ހިމެނޭ ކަމަށް އީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ، އެ މައްސަލަތަކުގެ ތެރެއިން 29 މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ އެކަންތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އިންތިޚާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީ ކުރަން 10000ރ. ގެ ފީއެއް ނަގަން ހަމަޖެއްސުމާއި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރަން ނިންމުމާއި ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލަން ނިންމުމާއި ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސެއް ދޭން ނިންމުމާއި ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް ހިމެނެ އެވެ.

އިންތިހާބާ ގުޅިގެން ހުށަހެޅި މައްސަލަތަކެއް އޭސީސީން ބަލަން ފެށި އިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top