ސިޔާސީ މަންފާއެއް ހޯދުމަށް ނިޒާމީ ވޯޓެއް ނެގިގެން ނުވާނެ: ޓްރާންސްޕޭރަންސީ

big_mGHuIqqEWKwLX35GfZ0SjiKds.jpg

ކުރު މުއްދަތުގެ ސިޔާސީ މަންފާއެއް ހާސިލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ނުވާނެ ކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެޖަމިއްޔާއިން ގޮވާލަމުން އެކަމާ ގުޅިގެން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނަނީ، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން އަންނަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުން ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ވެރިކަމުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުމަށް އެކަށީގެންވާ ވަގުތެއް ނުލިބޭނެ ކަމަށެވެ.

ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން, ހުށަހަޅާ ނިޒާމުތަކަކީ ކޮބައި ކަމާއި އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ނިޒާމުގެ މަސައްކަތްތަކަށް ކުރާނެ އަސަރުތަކާއި ނިޒާމީ ބަދަލެއް އައުމުން ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެގޮތް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމުގައި މަޖިލީހާއި، އިލެކްޝަންސް އަދި ކަމާއި ބެހޭ ފަރާތްތަކަށް ޓްރާންޕޭރެންސީން ތިން ކަމަކަށް ގޮވާލާފައިވެއެވެ.

ފުރަތަމަ ކަމަކީސަރުކާރު ހިންގުމަށް ހުށަހަޅާފައިވާ ނިޒާމުތައް ބަޔާންކޮށް ފުރިހަމަ ގައުމީ ފެންވަރުގެ ވޯޓާ އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށެވެ.

ދެވަނައަށް ގޮވާލާފައިވަނީ ހިންގުމުގެ ނިޒާމާއި ބެހޭ ގޮތުން އާންމުން ހިޔާލު ފާޅުކުރުމަށް އަދި ބަހުސްތަކަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ. މީގެ އިތުރުން ވޯޓެއް ނެގުމުގެ ކުރިން ނިޒާމަށް އަންނަ ބަދަލުގެ ސަބަބުން ކުރާނެ އަސަރު ކަށަވަރު ކުރުމަށް ވަނީ ގޮވާލާފައެވެ.

ޓްރާންސްޕޭރެންސީން އެންމެ ފަހުކަމަކަށް ގޮވާލާފައިވަނީ ވޯޓުނެގުމުގެ މަރުހަލާތަކުގައިއާއި، ވޯޓު ނެގުމަށް ނިންމޭ ނިންމުންތަކުގައި ޚާއްސަކޮށް ޒުވާނުން އަދި ފުރަތަމަ ފަހަރަށް ވޯޓުލާ ފަރާތްތަކާއިއެކު އެފަރާތްތަކަށް މާނަހުރި ބައިވެރިވުން ކަށަވަރު ކުރުމަށެވެ.

އިތުރަށް އެޖަމިއްޔާއިން ފާހަގަ ކޮށްފައިވަނީ، ފެންނަ ނުފެންނަ ވޯޓަކީ ޚަރަދު ބޮޑު މަސައްކަތަކަށް ވުމުން ކުރު މުއްދަތުގެ ސިޔާސީ މަންފާއައްވުރެ ބޮޑަށް، ވޯޓުލާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތުތަކުގެ މައްޗަށް ނެގޭ ވޯޓެއްކަން ކަށަވަރު ކުރުމަށެވެ. މީގެ އިތުރުން މުޢައްސަސާތަކުން ދައުލަތުގެ ފައިސާއަށް ޒިންމާދާރު ކުރުމާއިއެކު، ވޯޓާއި ގުޅުންހުރި ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި މީހުންގެ އިހުތިޔާރު ދައްކުވައިދޭ މާނަހުރި މަޝްވަރާއެއް ބޭއްވި، އެކަށީގެންވާ ވަގުތު ހާއްސަކޮށް ކަނޑައެޅެން ވާނެކަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top