ވަކިން ސިގިރެޓް ނުވިއްކޭނެ ގަވާއިދެއް އެކުލަވާލައިފި

cigi.jpg

ވަކި ސިގިރެޓް ވިއްކުން މަނާކުރާ ގަވާއިދެއް އެކުލަވާލައިފިއެވެ.

‘ދުންފަތުގެ ބާވަތްތައް ޕެކޭޖު ކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު’ ގެ ނަމުގައި އެކުލަވާލާފައިވާ މި ގަވާއިދު އެކުލަވާލާފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާ އާއިއެކު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުންނެވެ. އެ ގަވާއިދު ހިނގާނީ ވިޔަފާރިވެރިންގެ މައްޗަށާއި ދުންފަތުގެ ބާވަތްތައް އުފައްދައި، އޭގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައްޗަށެވެ.

މި ގަވާއިދުގައިވާގޮތުން ވަކިން ސިގިރެޓެއް ނުވިއްކޭނެއެވެ. އެންމެ މަދުން ވިއްކަން ޖެހޭނީ ސިނގިރޭޓު ފޮއްޓެކެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައް 30 ގްރާމަށް ވުރެން މަދުން ވެސް ނުވިއްކޭނެ އެވެ.

ގަވާއިދުގައިވާ ގޮތުން ސިނގިރެޓް ފޮށިތަކާއި އެ ނޫން ވެސް ދުންފަތާ ގުޅުން ހުރި ބާވަތްތަކުގައި ހިމެނޭ އިންޒާރުގެ މެސެޖްތައް މިހާރަށް ވުރެ ގިނަ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ އެ މެސެޖުތަކުގައި ދުންފަތުގެ ގެއްލުން މިހާރަށް ވުރެން ބޮޑަށް ކިޔައިދީ އޭގެން ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލު ގޮތެއްގައި ހިމަނަން ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ބޯޑުން ބުނީ ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ގަވައިދު އެކުލަވާލަން ނިންމީ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ ވަކި ސިނގިރޭޓު ގަނެގެން ކަމަށްވާތީ ކުދިން އެކަމުން ދުރުކުރުމަށް ބާރު އެޅުމަށް ކަމަށެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުމުން ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހާފައިވާ އިންޒާރުގެ މެސެޖެއް ދެވޭލެއް ކުޑަވާތީ އެވެ.

މި ގަވާއިދު މިހާރު ވަނީ ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވާފައެވެ. ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ އިން ވިދާޅުވީ އާ ގަވައިދު ގެޒެޓް ކުރެވި އަންނަ އަހަރު އެ ގަވާއިދަށް އަމަލުކުރަން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ދުންފަތުގެ އުފެއްދުންތަކުގައި މަންޒަރު ފެންނަ ގޮތަށް އިންޒާރު ޖެހުމަކީ ރާއްޖޭން 2005 ވަނަ އަހަރު ސޮއިކޮށް އަމަލުކުރަން ފަށާފައިވާ ބައިނަލް އަގުވާމީ މުއާހަދާއަކުން ރާއްޖެއަށް ލާޒިމުކުރާ ކަމެކެވެ. ރާއްޖޭގައި އެކަން އެގޮތަށް ނުކުރެވި އޮތް އިރު މި ސަރަހައްދުގެ އެހެން ގައުމުތަކާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަނީ އެގޮތަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top