އޭދަފުށީ ރައްޔިތުންނަށް ވެސްޓް ވިންގުން “ވިންގްސް ޕާކް” ހަދިޔާކޮށްފި .

viber_image_2024-01-30_12-47-15-780.jpg

އޭދަފުށި ވިންގްސް ޕާކް

އޭދަފުށީގެ ކުޑަކުދިންނާއި، ބޮޑެތިމީހުންނަށް ހާއްސަ ކޮށްގެން އޭދަފުށީ ވެސްޓް ވިންގް ޖަމިއްޔާއިން ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް ހުޅުވައިފިއެވެ.

އޭދަފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގެ އުތުރުން އޮތް ބިމުގައި ތަރައްގީކުރި މިޕާކް ހުޅުވީ އިއްޔެ ހަވީރުއެވެ. ރަސްމީކޮށް ޕާކް ހުޅުވުމުގެ ފޮތިގަނޑު ކަހާލެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހާއި ބީއެމްއެލް އޭދަފުށީ ބްރާންޗް މެނޭޖަރ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ރޮބޯމޭންގެ ޝޯއަކާއެކު ކުރިޔަށް ގެންދިޔަ ކުލަގަދަ މިހަރަކާތުގައި ސަރުކާރު އޮފީސްތަކުގެ އިސްވެރިންނާއި އޭދަފުށީގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ވެސް ބައިވެރިވިއެވެ.

2020 ވަނަ އަހަރު ވެސްޓް ވިންގުން ފެށި މިޕާކްގެ މަސައްކަތް މެދުކެނޑުމަކަށް ފަހު، ތަރައްޤީކޮށް ހުޅުވިއިރު ޕާކް އެތެރޭގައި ކުޑަކުދިންނާއި، ބޮޑެތިމީހުން ގަޔާވާ އެކިކަހަލަ ކުޅިވަރުތައް ވަނީ ގާއިމްކޮށްފައެވެ.

ކުދިން ކުޅޭނެ ސާމާނުތަކާ އެކު ވަކި ސަރަހައްދެއް އޮތް އިރު ބޮޑެތި މީހުންނަށް ވެސް އެތަނުގައި މަޑުކޮށްލާނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. އޭގެ އިތުރުން ލަންޗް ޓޭބަލް އަކާ، ބާބެކިއު ސްޓޭންޑެއްވެސް ހަދާފައިވެއެވެ.

މި ޕާކްގެ އެންމެ ހިތްގައިމު އަނެއްކަމަކީ އެސަރަހައްދުގެ މޫދަށް އެރޭ މީހުންނަށް ފެންވެރުމާއި، ފާހާނާ ކުރުންފަދަ މުހިއްމު ޚިދްމަތްތައް ވެސް ގާއިމްކޮށްފައި ވުމެވެ.

ވެސްޓް ވިންގް އޭދަފުށީ ޖަމްއިއްޔާގެ ރައީސް ޒައިދު އަލީ ވިދާޅުވީ ޕާކް ހުޅުވިގެން ދިއުމަކީ ޖަމިއްޔާއަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕާކްގެ ހުރިހާ މަސައްކަތަކަށް ފަސްލައްކަ ރުފިޔާވަރު ޚަރަދު ވާނެ ކަމަށެވެ.

މި މަސައްކަތަށް ބޭން އޮފް މޯޅްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ލިބުނު އެހީއާއި އެކު ބާކީ ހަރަދު ކުރީ ޖަމްއިއްޔާގެ ހިންގުންތެރި މެމްބަރުންގެ އިތުރުން ހެޔޮއެދޭ އެކި ފަރާތްތަކުން ވެދެއްވި ދީލަތި އެހީއާއި ފަންނީ އެހީތެރިކަމާ އެކުގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ހަމައެއާއިއެކު އަގުބޮޑު ފުރިހަމަ ކޮމިޔުނިޓީ ޕާކެއް އޭދަފުށީގެ އެންމެންނަށް ލިބިގެން ދިޔުމުގައި އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އެމްޕީ އަހުމަދު ސަލީމް ގެ ފާރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ވަކިން ހާއްސަކޮށް ފާހަގަކުރާ ކަމަށް ވިދާޅުވި އެވެ. އަދި މިކަމުގައި އެކި ގޮތް ގޮތުން އެހީތެރިކަން ފޯރު ކޮށްދެވި އެންމެހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

“ޖަމްއިއްޔާގެ މެމްބަރުންގެ ވަރަށް ބޮޑު ކޮންޓްރިބިއުޝަން އަކާއެކު މިކަން މިހާ ފުރިހަމަ ކުރެވިގެން މިދިޔައީ، ވަރަށްބޮޑު އުފަލެއް މިއަދު ޖަމްއިއްޔާއަށް ލިބިގެން މިދިޔައީ” ޕީޕީއެމްގެ ސްލޮޓެއްގައި އޭދަފުށީ ކައުންސިލްގެ މެމްބަރުކަމުގެ ދެވަނަ ދައުރެއް ފުރަމުން އަންނަ ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ އޭދަފުށީ ރައްޔިތުންނައްޓަކައި މިފަދަ އިޖްތިމާއީ، ތަފާތު ހަރަކާތްތައް ޖަމްއިއްޔާއިން ކުރިޔަށް ވެސް  ރާވާނެކަމަށެވެ. އެގޮތުން ރޯދައިގެ ކުރިން ރަށުތެރެ “ބޮޑު ކްލީން އަޕެއް” ޖެއްސުމަށް ތައްޔާރުވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top