ނ، ރ، ބ އަތޮޅަށް އަމާޒު ކޮށް ބާއްވާ، ”އަހަންނަނީ ނޫސްވެރިއެއް“ ޕްރޮގްރާމު ރ. ދުވާފަރުގައި ބާއްވައިފި އެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ސިލްސިލާ ޕްރޮގްރާމްގައި ނ އަތޮޅުގެ ހޮޅުދޫގެ އިތުރުން ރ އަތޮޅުގެ 13 ރަށަކުން ބައިވެރިވި ކަމަށް ޒުވާނުންގެ މިނިސްޓްރީން ވިދާޅުވެ އެވެ.
މިއީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައްޔާއި އެކިއެކި މަންސަތަކުގައި އެކިއެކި ފަރާތްތަކުން ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ތެދާއި ދޮގު އަދި ސައްހަކަން ދެނެގަންނަން އަމާޒުކޮށް ހިންގާ ޕްރޮގްރާމް ކުފރިއަސް ގެންދިޔައީ މި މަހުގެ 17 އިން 19 އަށެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ މި ޕްރޮގްރާމަކީ, އެ ޕްރޮގްރާމެއް އަމާޒު ކުރާ އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާޢީ މަސައްކަތް ކުރާ އެންޖީއޯތަކާއި އެ އަތޮޅުތަކުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް ބޭނުންތެރި ދާއިރާތަކުން ޢިލްމީ ފެންވަރުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ޕްރޮގްރާމެކެވެ.
އެގޮތުން, އެކިއެކި މަންސަތަކުގައި ފެތުރެމުން ދާ އަދި ގަސްދުގައި ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މަޢުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމަޢުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރު ބުނެދިނުން ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ ޢާންމު ހަމަތަކާއި, ތަހުޤީޤީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކާއި ބަވަނަ ވަމުން ދާ މި ދުނިޔޭގައި އުފަންވެ އަދި އުފަންވަމުން އަންނަ އާ ޓެކްނޮލޮޖީގެ އަލީގައި ‘ފޭކާއި ރިއަލް’ ދެނެގަތުމަށް ދަސްކޮށް ދިނުން ހިމެނެ އެވެ.
ހަމައެހެންމެ ލިޔުމާއި ކިޔުމުގައި އަދި ބަސްމޮށެ އުޅުމުގައި ދިވެހި ބަސް ބޭނުން ކުރަން ޖެހޭ ހަމަތައް ދަސްކޮށް ދީ އަހުލުވެރި ކުރުވުމަކީ ވެސް މި ޕްރޮގްރާމު ގައި ކުރިއަށް ގެންދެވޭ ސެޝަންތަކެކެވެ.
އަދި ހަވާސާ ވެފައި ތިބޭ ފަރާތްތައް ހަވާސާ އަށް ގެންނާނޭ ގޮތްތަކާއި އެ ފަރާތްތައް ބާރުވެރި ކުރުވާނެ ގޮތްތައް ބުނެ ދިނުމުގެ އިތުރުން ރާއްޖޭގެ މުއުތަމައުގައި އޮންނަ ފިކުރީ ޚިޔާލު ތަފާތުވުން ތަކުގެ މައްޗަށް ވެސް ސެޝަންތައް ނަގައި ދެވިފައި ވެ އެވެ.
ރާއްޖޭގެ ދެކުނުން ފުވައްމުލަކާއި އައްޑުއަތޮޅު ހިމެނޭހެން ޕްރޮގްރާމަކާއި މެދުރާއްޖެތެރެއަށް އަމާޒު ކޮށްގެން ކ. ތުލުސްދޫގައި ޕްރޮގްރާމެއް ބޭއްވިފައިވާ އިރު, މިހާތަނަށް ޖުމްލަ 90 ފަރާތަކަށް ވަނީ ތަމްރީނު ދެވިފަ އެވެ.






