ޕުރޮފެސްރ ޖޯން ލެނޮކްސް
ތަގުރީރުގެ މައްޗަށް ނަޒަރު ހިންގައިލުން: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް
ނޯޓު: މި ލިޔުމުގެ ފުރަތަމަ ބައިގައި ނަންގަނެވިފައިވާނީ ދެވަނަ ބައިގައި ޕރ. ލެނޮކްސްގެ ތަގުރީރުގެ ޚުލާސާއެއް ގެނެސްދޭނޭ ވާހަކައެވެ. ނަމަވެސް، ބައެއް ކަންކަން ސާފުކޮށްލަދިނުމުގެ ގޮތުން އިތުރުކޮށްލެވުނު ތައުލީގުތަކުގެ ނަތީޖާއަކަށްވީ ޚުލާސާއަކަށްވުރެ މިބައި ދިގުވުމެވެ. އެހެންވެ، މިބައި ހުށަހަޅާ މިލަނީ ޕރ. ލެނޮކްސްގެ ތަގުރީރުގެ ވާހަކަތަކުގެ ބަލާލެވޭ ބަލާލުމެއްގެ ގޮތުގައެވެ. މިވާހަކަތަކަށް ފަހު، ތަގުރީރުގެ ވީޑިއޯ، ދިވެހި ‘ދަށުޖަމާ’އާއެކު (ސަބްޓައިޓެލްއާއެކު)، ފެންނަން އޮންނާނެއެވެ.
މި ވާހަކަތަކުގައި މިފަދަ […] ހަތަރެސްކަން ބުރެކެޓެއްގެ ތެރޭގައި ހިމެނެނީ، މައްސަލަ އިތުރަށް ސާފުކޮށްލަދިނުމުގެ ގޮތުން އިތުރުކޮށްލެވިފައިވާ މުތަރުޖިމުގެ އަމިއްލަ ވާހަކައެވެ.
ތަގުރީރުގެ މައްޗަށް ބަލައިލުން
ތަގުރީރު ފެށެނީ ހާޒިރުވެ ތިބި ކުދިންނާ، ޕރ. ލެނޮކްސް، ސުއާލެއް ކޮށްލައްވަމުންނެވެ. މަދަރުސާގައި، ކިޔަވައި ދިނުމުގެ ކިލާސްތަކުގައި، ސައިންސުވަނީ މާތް ކަލާނގެ ވޮޑިގެންވުމަކީ ބާތިލުކަމެއްކަން ސާބިތުކޮށްދީފިކަމުގެ ވާހަކަ ކިތައް ކުދިން އަޑުއަހައިފައިވޭތޯ ސުއާލުކޮށްލައްވަމުންނެވެ. ދެބައިކުޅަ އެއްބައެއްހާ ކުދިން، އެވާހަކަ އަޑުއަހާފައިވާކަމުގައި ބުންޏެވެ. ކުދިންގެ ޖަވާބަށް ފަހު، މި ކަމާ ބެހޭ ގޮތުން ޕރ. ލެނޮކްސް ވިދާޅުވިއެވެ. ސައިންސަކަށް، އެކަން، ސާބިތެއްކޮށެއް ނުދެވެއެވެ. އަދި މީގެ އިތުރުން، މާތް ކަލާނގެ ވޮޑިގެންވުމަކީ ބާތިލުކަމެއްކަން، ސައިންސަކަށް ސާބިތު ކޮށެއް ނުދެވޭނޭ ވާހަކަ ވެސް ޕރ. ލެނޮކްސް ވިދާޅުވިއެވެ. އޭނާގެ ތަގުރީރުގެ ވާހަކަތައް ބިނާވަނީ މިކަން މިގޮތަށް އޮތީ ކީއްވެގެންކަން ބަޔާންކޮށްދެއްވުމުގެ މައްޗަށެވެ. އަދުގެ ސައިންސާއި ފަލްސަފާގެ ހޯދުންތަކުގެ އަލީގައެވެ.
ހ. އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލަ ގުޅެނީ ދުނިޔަވީނަޒަރާއެވެ. ސައިންސުގެ ހޯދުންތަކާއެއް ނޫނެވެ.
ޕރ. ލެނޮކްސް، އެންމެ ފުރަތަމަ، ފާހަގަކޮށްދެއްވީ ލާއިލާހިއްޔަތުގެ ފިކުރު ބިނާވަނީ ސައިންސުގެ ހޯދުންތަކުގެ މައްޗަކަށް ނޫންކަމެވެ. އޭނާގެ ނަޒަރުގައި، މީހަކު، ކަލަކު ވޮޑިގެންވާކަން ގަބޫލުކުރުމާ ނުކުރުން ބިނާވަނީ އެމީހާގެ ދުނިޔަވީނަޒަރުގެ މައްޗަށެވެ. އާދެ، ދުނިޔެއާއި ދޭތެރޭ، އޭނާ ދެކޭގޮތުގެ މައްޗަށެވެ. މިކަން ތަމްސީލުކޮށްދެއްވުމުގެ ގޮތުން ދެ ސައިންސުވެރިއެއްގެ ވާހަކަ ޕރ. ލެނޮކްސް ގެންނެވިއެވެ. އެކަކީ ޕރ. ސްޓީވަން ޥައިންބާރގެވެ. އޭނާއަކީ [1979 ވަނަ އަހަރު، ޕރ. އަބްދުއްސަލާމާއި އަދި ޕރ. ޝެލްޑަން ލީ ގްލެސްގޯ އާއި އެކު] ފިޒިކްސްގެ ރޮނގުން ނޯބެލް އިނާމު ހާސިލުކުރެއްވި އިލްމުވެރިއެކެވެ. ޕރ. ސްޓީވަން ޥައިންބާރގް އަކީ ލާއިލާހީއެކެވެ. ކަލަކުވޮޑިގެންވާކަން ގަބޫލުނުކުރާ މީހެކެވެ. ދެވަނަ ބޭކަލަކީ ޕރ. ޗާރލްސް ޓޯވްންސްއެވެ. އޭނާއަކީ [1964ގައި ޕރ. ނިކޯލާއި ބާސޯވް އާއި ޕރ. އެލެކްސޭންޑަރ ޕްރޮކްހރޯވް އާއި އެކު] ފިޒިސްކްސްގެ ރޮނގުން ނޯބެލް އިނާމު ހާސިލުކުރެއްވި އިލްމުވެރިއެކެވެ. ޕރ. ޗާރލްސް ޓޯވްންސް އަކީ އިލާހީއެކެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހެކެވެ.
މި ދެ އިލްމުވެރިންގެ ވާހަކަ ގެންނަވައި، ޕރ. ލެނޮކްސް ފާހަގަކޮށްދެއްވީ މި ދެއިލްމުވެރިންގެ ސައިންސުގެ މަސައްކަތަށް، މިދެބޭކަލުންގެ ދީނީ އިއުތިގާދެއް އޮތްކަން ނުވަތަ ނެތްކަން ހުރަސްނާޅާކަމެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުކުރުމާ ނުކުރުން، މިދެބޭކަލުންގެ އިލްމީ މަސައްކަތެއް ނުހުއްޓުވާކަމެވެ. އެކަމާ މެދު، ކޮންމެ ގޮތަކަށް ދެކެވަޑައިގެން ކަމުގައި ވިޔަސް، އެދެބޭކަލުން ވެސް، އިލްމީ މަސައްކަތުގައި ކުރިއަށްވަޑައިގަތެވެ. އެކަމުގެ ހެއްކަކީ، އިލްމީ ގޮތުން ދެވެން އޮންނަ އެންމެ މަތީ ދަރަޖައާއި ޝަރަފު، އާދެ، ނޯބެލް އިނާމު، އެ ދެބޭކަލުންނަށް ވެސް އެރުވުނުކަމެވެ.
މިކަމުން ހެކި ލިބިގަނެވެނީ، އިލްމީ މަސައްކަތުގައި، މިދެބޭކަލުންގެ ދީނީ އިއުތިގާދު، އެކަކު އަނެކަކާ ވަކިކޮށް ތަފާތުނުކުރާކަމެވެ. ސައިންސުވެރިންގެ ތެރޭގައި ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހުންނާ އެކަން ގަބޫލު ނުކުރާމީހުން ވެސް އުޅެއެވެ. އެހެންކަމުން، މަތީގައި ނަންގަނެވުނު ދެބޭކަލުންނާ އަދި އެފަދަ އެހެން ބޭބޭކަލުންގެ ވެސް ތަފާތުވުން ގުޅެނީ ސައިންސަކާނޫނެވެ. އެބޭކަލުންގެ ‘ވާރލްޑްވިއު’ ނުވަތަ އެބޭކަލުންގެ ދުނިޔަވީނަޒަރާއެވެ. ދުނިޔެއާ ދޭތެރޭ އެބޭކަލުން ދެކިވަޑައިގަންނަވާ ގޮތާއެވެ. މިއިން އެނގޭކަމަކީ، ލާއިލާހިއްޔަތުގެ މައްސަލައަކީ ސައިންސާއި ކަލަކުވޮޑިގެން ވުމާ ދެމެދު އޮތް މައްސަލައެއްނޫންކަމެވެ. އެމައްސަލަ ގުޅެނީ ދެ ‘ވާރލްޑްވިއު’އަކާކަމެވެ. ދެ ދުނިޔަވީނަޒަރާކަމެވެ.
މި ދެ ދުނިޔަވީނަޒަރުގެ ތެރެއިން ލާއިލާހިއްޔަތުގެ ދުނިޔަވީނަޒަރު ގުޅެނީ މާއްދިއްޔަތުގެ (މެޓީރިއަލިސްމްގެ) ނުވަތަ ތަބީއަތުގެ (ނެޗުރަލިސްމްގެ) ފަލްސަފާއާއެވެ. އިލާހިއްޔަތުގެ ދުނިޔަވީ ނަޒަރު ގުޅެނީ ސުޕަރނެޗުރަލިޒްމް ނުވަތަ ޣައިބިއްޔަތުގެ (ނޫނީ ރޫހާނިއްޔަތުގެ) ފަލްސަފާއާއެވެ. ހަޔާތާއި ބެހޭ މުހިއްމު ސުއާލުތަކަށް، މި ދެ ދުނިޔަވީނަޒަރު ވެސް ޖަވާބު ހުށަހަޅާލައެވެ. ހަގީގަތަކީ (ރިއަލިޓީއަކީ) ކޮބާ ހެއްޔެވެ؟ ހަޔާތުގެ މާނައަކީ ކޮބާ ހެއްޔެވެ؟ ހަޔާތުގެ ވަކި ބޭނުމެއް، މަގުސަދެއް ވޭ ހެއްޔެވެ؟ ހަޔާތާ ބެހޭ މިފަދަ ސުވާލުތަކުގެ ޖަވާބެވެ.
ލާއިލާހިއްޔަތުގެ ދުނިޔަވީނަޒަރުގެ ރޮނގުވަޅުން ބަލާއިރު އިންސާނުންގެ ކުރިމަތީގައި އޮތް ހަމައެކަނި ހަގީގަތަކީ ކައުނެވެ. ނުވަތަ އެތައް ކައުނުތަކެކެވެ. އަދި އެކައުނުގައި ނުވަތަ ކައުނުތަކުގައި ލެއްވިފައިވާ އެއްޗިއްސާ އެ އެއްޗެހީގެ ޖިސްމު ނުވަތަ އެޖިސްމުގައި އެކުލެވިގެންވާ ހަކަތަ (މާސް / އެނާރޖީ) އެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ އިންސާނާގެ ހިއްސީ ތަޖުރިބާތަކާ ގުޅިފައިވާ އެއްޗިއްސެވެ. މިގޮތުން ބަލާއިރު، ކައުނު ވުޖޫދުގައި ވުމުގައްޔާއި، އަދި އިންސާނީ ހަޔާތުގެ ވެސް، އެއްވެސް ޖައުހަރީ މަގުސަދެއް ނެތެވެ. އިންސާނާގެ ދުނިޔަވީ ހަޔާތް ނިމި، މަރުވެ ދިޔުމުން، އޭނާގެ ހުރިހާ ކަމެއް ނިމުނީއެވެ.
[މިފަދަ ވިސްނުމަކީ، ފަހަރެއްގައި ވެސް، އަދުގެ އާ ވިސްނުމެއްނޫނެވެ. މިއީ އިހުގެ ލާއިލާހީންގެ ދުނިޔަވީނަޒަރު ވެސް މެއެވެ. މިކަމަށް އިޝާރަތްކޮށް، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. وقالوا ما هي إلا حياتنا الدنيا نموت ونحيا وما يهلكنا إلا الدهر…، އެމީހުން (އެބަހީ އަރަބި މުޝްރިކުން) ބުންޏެވެ. ‘ހަމަގައިމުވެސް، މި ނޫން އެހެން ހަޔާތެއް ނެތެވެ. (މިދުނިޔޭގައި) އަހަރުމެން(ގެ ތެރެއިން އެއްބަޔަކު) މަރުވެދާއިރު، (އަނެއްބަޔަކު، ދުނިޔޭގައި) ދިރިތިބެއެވެ. ހަމަކަށަވަރުން އަހަރުމެން ހަލާކުކޮށް، ނެތިކޮށްލަނީ (އަހަރުމެންގެ ހަޔާތުގެ ދުވަސްތައް ފާއިތުވުމަށް މެދުވެރިކުރުވާ) ޒަމާނު(ގެ ދުވެއްޔެ)ވެ…’ ޖާޘިޔަތު ސޫރަތުގެ 24ވަނަ އާޔަތުން). މިފަދަ ދުނިޔަވީނަޒަރުގެ މީހުންނަށް ރައްދުދީ ކީރިތި ޤުރުއާނުގައި ވާރިދުވެފައި ވެއެވެ. أفحسبتم أنما خلقناكم عبثا وأنكم إلينا لا ترجعون؟ (ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ކުޅިވަރަކަށްކަމާއި – އެއްވެސް ބޭނުމެއް، މަގުސަދެއް ނެތިކަމާއި – އަދި ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ހަޟުރަތަށް އަނބުރާ ނުގެންދެވޭނޭ ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ އަލްމުއުމިނޫން ސޫރަތް – 115ވަނަ އާޔަތް.]
އިލާހީންގެ ދުނިޔަވީނަޒަރުގެ ރޮނގުވަޅުން ބަލާއިރު، ހަޔާތާ ބެހޭ މުހިއްމު ސުވާލުތަކަށް ލާއިލާހީން ދޭ ޖަވާބު ނުފުދެއެވެ. ހަމައެކަނި ހަގީގަތަކީ ކައުނާއި ކައުނުގައިވާ އެއްޗެކޭ ނުވަތަ އެއެއްޗެހީގައި ލެއްވިފައިވާ ހަކަތައޭ އަދި ކައުނާއި ކާއިނާތުތައް ވުޖޫދުގައި ވުމުގެ އެއްވެސް މަގުސަދެއް ނެތޭ ބުނާބުނުމަކީ އެ ސުވާލުތަކަށް ދެވޭ އެދެވޭ ޖަވާބެއް ކަމުގައި އިލާހީން ނުދެކެއެވެ. ސަބަބަކީ އެ ބަޔާންކޮށްދޭ ހަގީގަތް ވުޖޫދަށް އައީ ކިހިނެއްކަން އޮޅުންފިލުވައިދޭން ޖެހުމާއި، މިކަން ލާއިލާހީންގެ ޖަވާބުގައި ބަޔާންކޮށްދެވިފައި ނެތުމެވެ.
[އަދި ހަމަ އެހެންމެ، އިންސާނީ ހަޔާތުގެ މަގުސަދެއް ނެތް ނަމަ، އަޚުލާގީ ސިފަތަކުގެ މާނަ ގެއްލިދެއެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި މީހުން މެރުން ފަދަ ކަންމަކީ ނުރަނގަޅު ކަންކަމޭ ބުނުމުގެ މާނައެއް ނެތެވެ. އެކަންކަމުން ތިމާއަށް ފައިދާއެއް ލިބެން އޮތް ނަމަ، އަދި ދުނިޔަވީ ގާނޫނީ އުގޫބާތްތަކުން ރެކެވެން އޮތްނަމަ، އެފަދަކަންކަން ވެސް ކުރުން ހަމަ އެންމެ ރަނގަޅުވެގެންދެއެވެ. އެހެން ކަންތައްއޮތް ނަމަ، އެކަންކަމާ މެދު، ތިމާގެ އަމަލުތަކާމެދު މަސްއޫލުވާން ނުޖެހޭނެތީއެވެ. ހަޔާތުގެ މަގުސަދެއް ނެތޭ ބުނާ ބުނުމުގެ ނުސީދާ ދޭހައަކީ މިއެވެ. ނަމަވެސް، ނުސީދާ ގޮތެއްގައި ނަމަވެސް، ދޮގުހެދުމާއި ވައްކަންކުރުމާއި މީހުންމެރުމަކީ ހަމަ އެންމެ ރަނގަޅުކަމެކޭ ބުނުމަކީ ހަމަ ބުއްދި ގަބޫލުކުރާނޭ ކަމެއް ނޫނެވެ.]
ކޮންމެއަކަސް ވުޖޫދުގައި ވަނީ ހަމައެކަނި ކައުނާއި ކައުނުގައި ލެއްވިފައިވާ ކާއިނާތުތަކޭ ބުނުމަކުން ފުދޭކަމަކަށް އިލާހީންނެއް ނުދެކެއެވެ. އެ ހުރިހާ އެއްޗެއް ވުޖޫދަށް އައި ގޮތް އޮޅުން ފިލުވައިދޭން ޖެހެއެވެ. މިކަން ގުޅެނީ ކަންކަން އޮޅުންފިލުވައިދިނުމުގައި ‘ތިރިން ފެށިގެން މައްޗަށް’ (ބޮޓަމް-އަޕް) އޮޅުންފިލުވައިދިނުމާއި ‘މަތިން ފެށިގެން ތިރިއަށް’ (ޓޮޕް-ޑައުން) އޮޅުންފިލުވައިދިނުމާއި މިދެގޮތް ވެސް ބޭނުން ކުރުމާއެވެ.
[ކަންކަން އޮޅުން ފިލުވައިދިނުމުގައި ބޭނުންކުރާ ‘ތިރިން-މަތީ’ގެ ގޮތަކީ، އެކިއެކި ކާއިނާތުތަކަށް ނުވަތަ ގުދުރަތީ މަޒާހިރުތަކަށް، ވަކިވަކިން ބަލައި، އެކާއިނާތުތަކާއި ކަންކަން ހިނގާގޮތް، ބުއްދި ބޭނުންކޮށްގެން، ހޯދައި އޮޅުންފިލުވުމެވެ. މިސާލަކަށް ކާއިނާތުތައް އުފެދުނު ގޮތުގެ އަމަލިއްޔާތު (ޕޮރޮސެސް)، ތަތައްވުރުގެ ނަޒަރިއްޔާ (ތިއަރީ އޮފް އެވަލޫޝަން) އޮޅުންފިލުވައިދެވިދާނެއެވެ. މިއީ ‘ތިރިން-މަތީގެ’ އޮޅުންފިލުވައިދިނުމެވެ. މީގެ އިތުރުން، މިއަމަލިއްޔާތު، އެންމެ ފުރަތަމައިން، ހިނގައިގަންނަން މެދުވެރިވީ ކިހިނެއްތޯއާއި، އަދި އެކަމުގެ އަސްލު ސަބަބަކީ ކޮބައިތޯވެސް ބަލަންޖެހެއެވެ. މިގޮތުން ބަލައި، އޮޅުންފިލުވައި ދިނުމަކީ ‘މަތިން-ތިރީގެ’ އޮޅުންފިލުވައިދިނުމެވެ. އެހެން މިސާލަކަށް ބަލައިލަމާހެއްޔެވެ؟ ވާރޭވެހުން މިއީ ގުދުރަތީ މަޒުހަރެކެވެ (ނެޗުރަލް ފެނޯމެނާ އެކެވެ). މިކަން ހިނގަނީ ބިމުގެ ފެން، ނުވަތަ ކަނޑުގެ ލޮނުގަޑު، އާތްވަށް ބަދަލުވެ، އުޑަށް އަރައި، އެ އާވި، ވާރޭ ވިލާތަކަކަށް ބަދަލުވެ، އެ ވާރޭ ވިލާތަކުން ވާރޭ ވެހިގެންނެވެ. މިއީ ތިރިން މަތީގެ އޮޅުން ފިލުވައިދިނުމެކެވެ. މީގެ އިތުރުން، މި ތަބީއީ ގާނޫނުގެ މަތިން މިކަން ހިނގުމަށް މެދުވެރިވި ގޮތްވެސް ބަލަންޖެހެއެވެ. މިފަދަ ތަބީއީ ގާނޫނުތައް ލެއްވިފައިވަނީ ކިހިނެއް ކަމާއި އެލެއްވި ފަރާތަކީ ކޮބައިކަންވެސް ހޯދައި އޮޅުންފިލުވަން ޖެހެއެވެ. މިގޮތަށް އޮޅުންފިލުވައިދިނުމަކީ ‘މަތިން-ތިރީގެ’ އޮޅުންފިލުވައިދިނުމެވެ.
ކަލަކު ވޮޑިގެންވާކަމުގެ އިލްމީ ހެކި
ދެން، ޕރ. ލެނޮކްސް ވާހަކަ އަމާޒުވަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިދެއްކެވުމުގެ މައްޗަށެވެ. އަދި، ކަލަކުވޮޑިގެންވާކަން ގަބޫލުކުރުން ފަދަ ދީނީ އިއުތިގާދުތަކާއި ސައިންސުގެ ހޯދުންތައް، އެއްވެސް ގޮތަކަށް، ފުށުއެރުމެއް ނެތްކަމުގެ ހެކި ބަޔާންކޮށް ދިނުމުގެ މައްޗަށެވެ.
މިގޮތުން، އެންމެ ފުރަތަމަ، ހެކީގެ މުހިއްމުކަން ފާހަގަކޮށްދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. މީހަކު ބުނާ ވާހަކައާ ނުވަތަ ލިޔާ އެއްޗެއްގެ ތެދު ދޮގު ކަނޑައަޅާލައި، އެކަން ގަބޫލުކުރުމާ ނުކުރުން، ބިނާވާން ޖެހޭނީ ހެކީގެ މައްޗަށް ކަމަށެވެ. އެ ވާޙަކަ ބުނާ މީހާގެ މޫނަށް ބަލާފައި ނޫންކަމެވެ. މިކަން ސާފުކޮށްދެއްވުމުގެ ގޮތުން މިސާލެއް ގެންނެވިއެވެ. ވިހިވަނަ ގަރުނުގައި އުފެދުނު އެންމެ މަޝްހޫރު ފިޒިކްސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޕރ. ސްޓެފަން ހޯކިން [އަވަހާރަވީ 2018 ވަނަ އަހަރުގައި] އާއި ކުރެވުނު ސުވާލަކާއި އެ ސުވާލަށް އޭނާ ދެއްވި ޖަވާބު ވިދާޅުވެއެވެ. ޕރ. ހޯކިން އާއި ކުރެވުނު ސުއާލަކީ ދީނާ[އި އަދި އާޚިރަތް ދުވަހާ] މެދު އޭނާ ދެކިލައްވާ ގޮތަކީ ކޮބައިތޯއެވެ. މި ސުއާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ދީނުގައި ހިމެނޭ މިފަދަ ވާހަކަތަކަކީ ކުޑަކުދިންނަށް ކިޔައިދީ އުޅޭ ޕަރީންގެ ވާހަކަތައް ފަދަ ޚިޔާލީ ވާހަކަތަކެއް ކަމުގައެވެ. އަދި އޭނާގެ ނަޒަރުގައި ދީނަކީ އަނިދިރިދެކެ ބިރުގަންނަ މީހުންނަށް އޮތް އެއްޗެކެވެ. މާނައަކީ ދީނާއި ދީނުގައި އެކުލެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ޚުރާފީ އެއްޗެއްކަމެވެ. ދެން، މިކަމާ މެދު އެއްޗެއް ވިދާޅުވުމަށް ޕރ. ލެނޮކްސް އަރިހުން އެދުމުން، ސަމާސާކޮށްލައްވަމުން، އޭނާ ވިދާޅުވީ ލާއިލާހިއްޔަތަކީ އަލިދެކެ ބިރުގަންނަ މީހުންނަށް އޮތް ކުޑަކުދިންނަށް ކިޔައިދެވޭ ފަދަ ޕަރީންގެ ވާހަކަ ފަދަ ޚިޔާލީ ވާހަކަތަކެއްކަމެވެ.
މަތީގައި ނަންގަނެވި ދިޔަ ސުއާލާއި އެ ސުއާލަށް ޕރ. ހޯކިންސް އާއި ޕރ. ލެނޮކްސްއާ ދެބޭކަލުންގެ ޖަވާބުގެ މައްޗަށް ބައްލަވާލައްވަމުން، ޕރ. ލެނޮކްސް ވިދާޅުވިއެވެ. މި ދެ ޖަވާބަކީ ވެސް ދެ ސައިންސުވެރިއެއްގެ ވާހަކައެކެވެ. އެހެންކަމަށް ވިޔަސް، އެ ވާހަކަ ބިނާވެފައި އޮތީކީ ސައިންސުގެ ހެކީގެ މައްޗަކަށް ނޫންކަމެވެ. އެ ދެ ޖަވާބަކީ އެ ދެޖަވާބު ދެއްވި ދެ ބޭފުޅުންގެ އަމިއްލަ ރައުޔުކަމެވެ. އެ ދެ ބޭފުޅުން ދެކިވަޑައިގަންނަވާ ދެ ގޮތެކެވެ. އެ ދެ ގޮތް ވެސް ބިނާވެފައި އޮތީ އެ ދެ ބޭފުޅުންގެ ދުނިޔަވީނަޒަރުގެ މައްޗަށް ކަމެވެ. (ނުނިމޭ )