އިތުރު ވެކްސިން ލިބުމުން އަލުން ފުރަތަމަ ޑޯޒް ދޭން ފަށާނެ

large_159890010242h7wN.jpeg

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު -- ފޮޓޯ/ އެޗްއީއޯސީ

ކޮވިޑް19 ގެ އިތުރު ވެކްސިން ރާއްޖެއަށް ލިބުމާއެކު، މިހާރު ފުރަތަމަ ޑޯޒް ނުދެވި ތިބި އެންމެންނަށް އަލުން ވެކްސިން ދިނުމުގެ ކަންކަން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ އާބާދީގެ ގިނަ ބަޔަކަށް ވެކްސިން ޖަހައިގެން ނޫނީ އެ ބަލިން އެންމެން ރައްކާތެރި ނުވާނެ ކަމަށެވެ. އެހެންވެ، ވެކްސިން ޖެހުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިން ދެވޭ އާބާދީގެ 46 ޕަސެންޓު މީހުންނަށް އިއްޔެގެ ނިޔަލަށް ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖެއަށް ގެނެސްފައި ވަނީ 212،000 ޑޯޒްގެ ވެކްސިން އެވެ. އެއީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒް އާއި ކޮވެކްސް ފެސިލިޓީން ހަދިޔާކުރި 12،000 ޑޯޒް އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން 206،114 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އެހެންކަމުން މިވަގުތު ބާކީ ހުރީ 5886 ޑޯޒް އެވެ.

ރާއްޖޭގައި މިވަގުތު ޗައިނާގެ ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ވެސް އެބަހުއްޓެވެ. އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވެކްސިން ދިރާސާ ކުރުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިހާރުވަނީ ހުއްދަ ދީފަ އެވެ.

ޑޒ.ނަޒްލާ ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާކުރި ސައިނޯފާމް ވެކްސިނާއި، ކޮވެކްސް ފެސިލީޓީ މެދުވެރިކޮށް ލިބެންހުރި އިތުރު ވެކްސިނާއި، ފައިޒާގެ 5850 ޑޯޒް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްޑރ.ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލިއަސް އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށް ވެކްސިން ޖަހައިދޭނެ އެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑް ވެކްސިން އުފައްދާ ސީރަމް އިންސްޓިޓިއުޓުން 300،000 ވެކްސިން ގަންނަން އަދި އޭގެ ކުރިން ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން 700،000 ޑޯޒް ގަންނަން ސޮއިކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top