ޗެންޕިއަން ކިހާދޫ ބަލިކޮށް އޭދަފުށި ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފި

25497946_1966443376976997_6978582892311077522_n.jpg

އޭދަފުށީ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމްގެ އިއްޔެގެ ފުރަތަމަ އެގާރަ. އިއްޔެގެ މެޗް ކާމިޔާބުކޮށް އޭދަފުށި ވަނީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފައި / ފޮޓޯ: އޭދަފުށީ ފުޓްބޯޅަ ޓީމް

މިހާރު ދޮންފަނުގައި ކުރިޔަށްދާ “ދޮންފަނު އިންވިޓޭޝަން ކަޕް”ގައި އިއްޔެ އޭދަފުއްޓާ ކިހާދޫ ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޭދަފުށި ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

އިއްޔެ ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްގައި ޗެންޕިއަން ކިހާދޫން މެޗުގެ 9 ވަނަ މިނެޓްގައި އޭދަފުށީ ގޯލަށް ލަނޑެއް ވައްދާލައި އޭދަފުއްޓަށް ސިހުންގެނުވިއެވެ. އެލަނޑު ޖެހީ އެޓީމްގެ ހުނަރުވެރި ކުޅުންތެރިޔާ ހުސައިން އީމާންއެވެ. ކިހާދޫ ކުޅުނު ފުރަތަމަ މެޗްގައި ދޮންފަނު ކޮޅަށް ލަނޑުޖެހީވެސް އީމާންއެވެ.

ކިހާދޫގެ ލަނޑަށްފަހު އޭދަފުށިން ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފުރަތަމަ ހާފްގައި ކިހާދޫ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ދެވަނަ ހާފްގައި އޭދަފުށީގެ ކުޅުންގަނޑަށް ގެނައި ބަދަލާއެކު އޭދަފުށީގެ ފުރަތަމަ ލަނޑު 50 ވަނަމިނެޓްގައި ކާމިޔާބުކޮށްދިނީ މިމްރާހް އަބްދުލްއަޒީޒެވެ. އޭދަފުށީން ލީޑުނެގީ އޭގެ ފަނަރަ މިނެޓްފަހުން ފޯވާޑް އިބްރާހީމް ޝަރީފް (ލުއްޑާ) ކާމިޔާބުކުރި ލަނޑުންނެވެ. މިމެޗްގައި އޭދަފުށީ ޓީމްގައި މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތައް އުފެއްދުމުގައި އިސްދައުރެއް އަދާކުރި ކެޕްޓަން ޝާހީ މޫސާ (ހިތޭ) އަށްވަނީ މޮޅުކުޅުންތެރިޔާގެ މަގާމްވެސް ލިބިފައެވެ.

އިއްޔެގެ މެވްގެ މޮޅު ކުޅުންތެރިޔާ ޝަހީ މޫސާއަށް ދޮންފަނު ކައުންސިލްގެ ނާއިބްރައިސް ހަފީޒް އިނާމް ހަވާލުކުރަނީ / ފޮޓޯ: އޭދަފުށީ ފުޓްބޯލް ޓީމް

މިމުބާރާތުގައި އޭދަފުށީ ކުޅުނު ފުރަތަމަ މެޗުން ލިބުނު 3 ޕޮއިންޓާއެކު ތާވަލްގެ 1 ވަނައަށް ޖެހިލިއިރު، މިބައްޔާއެކު ކިހާދޫވަނީ 1 ޕޮއިންޓާއި، މައިނަސް ގޯލަކާއެކު ތާވަލުގެ ފުލަށް ވެއްޓިފައެވެ. ތާވާލުގެ ދެވަނާގައި ގޮއިދުއާ، ދޮންފަނު އަދި ދަރަވަންދޫ އޮތީ 1 ޕޮއިންޓާ ފައިދާގޯލެއް ނެތިއެވެ.

މުބާރާތުގައި މިއަދު ބައްދަލުކުރާނީ ދޮންފަނާއި، ގޮއިދޫ ޓީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top