މި ހަފްތާ ނިމުމުގެ ކުރިން ރާއްޖޭގއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަސްދަޅު ކޭސް ބަހަން ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1447ވަނަ އަހަރުގެ ރަމަޟާން މަހަށް، ރޯދަ ޙަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ހޯދުމަށް މާލޭ ސަރަހައްދުން ހަމައެކަނި ރޭގެ ނިޔަލަށް 4805 ގޭބިސީއަކުން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށެވެ. އަދި އަތޮޅުތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި ހުރިހާ ގޭބިސީއަކަށް ވެސް ރޯދަ ހަދިޔާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެޔަކު ވެސް 20:00 އިން ފެށިގެން 23:00 ހަމަޔަށެވެ. ޓޯކަން ނެގުމަށް ޕޯޓަލް ލިންކް މެދުވެރިކޮށް ޝެޑިއުލް ހަމަޖެއްސޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ފާއިތުވި ރަމަޟާން މަހަށް ވެސް ވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައެވެ. މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 1،18773 ގޭބީސީއަކަށެއެވެ. އެއީ މާލެ ސަރަހައްދުން 61،755 ގޭބީސީއަކަށާއި އަތޮޅުތެރޭގެ 56،918 ގޭބީސީއަކަށެވެ.





