އިސްތިގްލާލުގެ ހިމާޔަތާމެދު ގިނަބަޔަކު ސުވާލު އުފައްދައިފި. އަވަހަށް ޝައްކު ފިލުވައިދެއްވާ: އަމީން

img_md_202103150543531615812233.925.jpg

އަމީން އިބްރާހީމް

ގައުމުގެ އިސްތިގުލާލުގެ ހިމާޔަތާމެދު ގިނަބަޔަކު މިއަދު ސުވާލު އުފައްދައިފި ކަމަށާ ސަރުކާރުން މިކަމުގެ ހަގީގަތް ހާމަކޮށްދޭން ޖެހޭކަމަށް ބ.ތުޅާދުއަށް އުފަން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައި މިވަނީ އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނާ ޑޮކިއުމެންޓެއް ލީކްވެ ދައުރުވާއިރު އޭގައި ހިމެނޭ ކަންކަމާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

މި މައްސަލާގައި ޖުމްހޫރީ ޕާޓީން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ގާއިމުކުރި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް މިއަދު ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އޭނާގެ ފޭސްބުކް ޕޭޖުގައި  ހިއްސާ ކުރައްވާފައެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ އެއްވެސް ކަމެއް ހިނގުމަކީ ގައުމު ދެކެ ލޯބިވާ އެކަކު ވެސް އެދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުގެ އިސްތިގްލާލުގެ ހިމާޔަތާމެދު ގިނަ ބަޔަކު ސުވާލް އުފެއްދުމުން އުފެދިފައިވާ ކަންބޮޑުވުމުގައި ރައްޔިތުން ލޭ ކެކެން ދޫކޮށްލައިގެން ވެސް ނުވާނެ ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ އެއީ ސައްހަ ޑޮކިއުމެންޓެއް ނޫން ކަމަށެވެ. ނަމަވެސް އޭގެ ސައްހަ ޑޮކިއުމެންޓެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއި ކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުމަކީ ޑޮކިއުމެންޓެއް ނޫން ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެހެންނަމަވެސް މިއަދު ހަވީރު ޢުމަރު ވިދާޅުވީ، މިއީ ސައްހަ ލިޔުމެއް ކަމަށާއި، އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށެވެ. އަދި އެ އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު މާދަމާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގެނެސްދޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.

ދައުރުވަމުންދާ ޑޮކިއުމެންޓަކީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓް ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ. އޭގައި ބުނާ ގޮތުން އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ހަދާ އިރު، އެ ތާނގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބޭނެ އެވެ. އަދި ހަތިޔާރު ގެންގުޅެ ބޭނުން ވެސް ކުރެވޭނެ އެވެ. މީގެ އިތުރުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެއަށް މަޖުބޫރު ކޮށްފައިވާއިރު މުއްދަތު ހަމަވުމުން އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހަދަން މަގުފަހިކޮށްފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top