ކެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ޖެހުން މިއަހަރުގެ 4 ވަނަ ކުއާޓަރުގައި

GU6pbaga4AEv-3k.jpg

ބ. ކެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ޖެހުމުގެ މަޝްރޫއު މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެވޯޑްކުރަން ޝެޑިއުލް ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓާ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ލައިޓް ޖަހަން ނިންމާފައިވާ ބ. ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ އިތުރުން، އެރަށުގައި ފުޓްސެލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް އެޅޭނެ ދުވަހެއް އޮޅުން ފިލުއްވައިދެއްވުމަށް އެދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޖަވާބުގައި ވަޒީރު ވިދާޅުވީ، ބ. ކެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ޖެހުމުގެ މަޝްރޫއު 2023 ވަނަ އަހަރު އިއުލާނު ކުރެވިފައިވީ ނަމަވެސް، އެމަސައްކަތް މިދިޔަ އަހަރު އެވޯޑްކޮށްފައި ނުވާކަމަށެވެ. އަދި، މިހާރު ރޭވިފައި އޮތްގޮތުން އެމަސައްކަތް ކުރިޔަށް ގެންދަން އެވޯޑްކުރަން ޝެޑިއުލްކޮށްފައި މިވަނީ މިއަހަރުގެ 4 ވަނަ ކުއާޓަރުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަޝްރޫއު އެވޯޑްނުކުރެވި އޮތް މައިގަނޑު ސަބަބަކީ ޕްރޮޖެކްޓްގެ އަގަކީ 2.6 މިލިއަން ރުފިޔާ ނަމަވެސް ބަޖެޓް ކުރެވިފައިވަނީ 534،689 ރުފިޔާ ކަމަށްވާތީ، މަސައްކަތް ފަށައިފިނަމަ، މަޝްރޫއު ފައިސާ ހަމަނުޖެހިގެން ހުއްޓާލަން ޖެހިދާނެތީ އެވެ.

ކެންދޫ ހޭންޑްބޯލް ކޯޓްގެ މަސައްކަތުގެ އަދާހަމަ ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމަޝްރޫއު ކުރިޔަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށް ކައުންސިލުން އިއުލާނު ކޮށް ހުށަހަޅާފައިވާ އަގަށް 20 ޑިސެންބަރު 2022 ވަނަ އަހަރުގައި ހުއްދަދީ، އެމަސައްކަތުގެ އަގަށްވާ %50 ފައިސާ 28 ޑިސެންބަރު 2023 ގައި ކައުންސިލަށް ވަނީ ދޫކޮށްފައިކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ހޭންޑް ބޯލް ކޯޓް އަޅަން ގަސްދު ކޮށްފައިވާ ބިން ކައުންސިލުން ކޮންޓްރެކްޓަރާއި ހަވާލު ނުކުރެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބިން ހަވާލުކުރުން ލަސްވަނީ އެ ބިމަކީ ޖަމިއްޔާއަކަށް ދޫކޮށްފައިވާ ބިމަކަށް ވާތީ، ބިން ހަވާލުކުރުމުގައި މަރުހަލާތައް ކުރިޔަށް ދާތީކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބ. ކެންދޫ ފުޓްސެލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާތީ، މިއަހަރު އެ މަޝްރޫއު ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top