އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ކައުންސިލްތައް ގުޅިގެން ފަށައިފިއެވެ.
ބައެއް ކައުންސިލްތަކުން މިހާރު ވަނީ ކައުންސިލުން ކަނޑައަޅާ ތާރީޚުތަކަށް މި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އިޢުލާނުކޮށްފައެވެ.
ސަރުކާރުން ދޭ ރޯދަ ހަދިޔާ ދެނީ ގޭބިސީތަކުގެ އަދަދަށް ބެލުމަށްފަހުއެވެ.
އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.
ގޭބިސީއެއްކަމުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި އަދި ދިރިއުޅޭ ދިވެހި ޢާއިލާތަކެވެ. ކޮންމެ ގޯއްޗަކުން ވެސް މިކަމަށް ފުރަން ޖެހެނީ އެންމެ ފޯމެކެވެ. ފޯމަށް ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނިީ ގޭގެ ވެރިފަރާތުގެ ނަމާއި އައިޑީ ކާޑު ނަންބަރާއި ގޭގެ ނަމާއި ގޭގެ ވެރިފަރާތުގެ ފޯނު ނަންބަރާއި ދިރިއުޅޭ ގޭބިސީގެ އަދަދާއި ގޭބިސީގެ މީޓަރު ނަންބަރާއި ގޭގެ ނަންބަރެވެ.
ހަދިޔާ ލިބޭ ލިސްޓް ތައްޔާރުކޮށް ވުޒާރާއަށް ހުށައަޅަން ޖެހެނީ ރަށު ކައުންސިލް ތަކުންނެވެ. ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ބުނީ މި ލިސްޓު ކަނޑައަޅާ، މިމަހު ވިހިވަނަ ދުވަހުގެ ނިޔަލަށް ވުޒާރާއަށް ހުށައެޅުމަށް ކައުންސިލްތަކަށް މިހާރު އަންގާފައިވާނެކަމަށެވެ.
އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް ސަރުކާރުން އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ.
ސަރުކާރުން މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީ އަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ދީފައިވާއިރު 111231 މަސް ދަޅު ކޭސް ބަހާފައި ވެއެވެ. އަދި އެކަމަށް 81 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިދިޔަ އަހަރު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދީފައިވަނީ ކޮންމެ ގޭބީސީއަކަށް ހަނޑޫ އަދި ފުއް ބަސްތާއެކެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން މިދިޔަ އަހަރު ބަހާފައިވެއެވެ.






