ނޯޓް :”އަޑުފޮށި މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކެއް ހުށަހަޅާލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ މަސައްކަތަކާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.
މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ އޭދަފުށީގެ ހަރަކާތްތެރި ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ދަ ބިގިނާސްއަށެވެ. 2012 ވަނަ އަހަރު އޭދަފުށީ އިރުމަތީކޮޅު ޒުވާނުން ކޮޅެއް ގުޅިގެން އުފެއްދި ކްލަބް ދަ ބިގިނާސް އަކީ އޭދަފުށީގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެންމެ އުސްއަލިތަކުގެ ތެރެއިން ފާހަގަ ކުރެވެނީ އޭދަފުށީ މަސްޖިދުޔޫސުފް އެއަރ ކޯންކުރުމާއި، ކާޕެޓް އަޅައިދިނުމެވެ.
ސުވާލު: ކްލަބް ދަ ބިގިނާސްގެ މަސައްކަތްތައް ހިންގުމަށް 2017ވަނަ އަހަރުގެ ކުރީކޮޅު އޭދަފުށިން ވަނީ ތިޔަ ޖަމްއިއްޔާއަށް ގޯއްޗެއް ދޫކޮށްފައެވެ. ޖަމިއްޔާއެއް ހިންގުމަށް ބިމެއް ދިނުމަކީ ރައްޔިތުންނަށް އެކަމުގެ އަގު އަދާކުރަން ޖެހޭ ކަމެއްކަމަށާއި، މިގޯތީގައި ވަރަށް އަވަހަށް އިމާރާތްކޮށް ޖަމްއިއްޔާގެ ހަރަކާތްތައް އިތުރުކުރާނޭކަމަށް އޭރު ތިޔަ ޖަމްއިއްޔާއިން ބުނަމުން އައެވެ. އަދި ކައުންސިލުން ޖަމްއިއްޔާއަށް އިތުބާރުކޮށް ގޯތި ދިނުމުގެ ބަދަލު ދޭނީ ރައްޔިތުން ހެއްވާލައިގެން ކަމަށްވެސް ބުންޏެވެ. ނަމަވެސް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް ގޯތީގައި އިމާރާތެއް އަދިވަނީ ނުކޮށެވެ. ގޯތީގެ މަސައްކަތް ހުއްޓުނީތޯ، ނުވަތަ އެމަސައްކަތް އޮތީ ކިހާހިސާބެއްގައިތޯ؟
ޖަވާބު: (ޖަވާބުދެއްވީ ކްލަބް ދަބިގިނާސްގެ ސެކެޓްރީ ޖެނެރަލް އަލީ ރަޝީދު)
“ރަނގަޅު ވާހަކައެއް. އޭރު ތިގޮތަށް ބުނެފައި އެވަނީ އޭރުގެ ވިސްނުން ހުރީ ވަރަށް އަވަހަށް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެކަމަށް ބަލައިގެން. މަސައްކަތް އަމަލީގޮތުން ފެށިފައިނެތަސް އިދާރީގޮތުން އަބަދުވެސް މަސައްކަތްތައް އަންނަނީ ހިނގަމުން، އަދި މިހާރުވެސް ހިނގަމުންދޭ. މިހާގިނަދުވަސްވީ އިމާރާތުގެ ކުރެހުމާ، ކަމާގުޅޭ އެހެނިހެން ކަންކަމުގައި ނިންމަން ޖެހޭ ނިންމުން ތަކެއްވެސް ހުރެގެން. އެހެންނަމަވެސް މިހާރުވަނީ ކުރެހުންވެސް ފައިނަލްވެ، މަސައްކަތް ފެށުމުގެ ވަގުތު ޖެހިފައި. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ކުރީކޮޅު 5 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ. އަދި ފުރަތަމަ ފޭސްގައި ދެ ފްލޯގެ މަސައްކަތް ނިމޭނެ. އިމާރާތުގެ އަމަލީ މަސައްކަތް މައިގަނޑުގޮތެއްގައި ކުރާނީ ކްލަބް މެމްބަރުން ހިލޭ ސާބަހަށް. ތަކެތީގެ އަގަށް ހަތަރުލައްކަ ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖެހިފައި.”