އަބްދުއްރައްޒާގުގެ ދިރިއުޅުމުގެ ނުފެންނަ ފަރާތް

DSCN1315.jpg

އަބްދުއްރައްޒާގު މުހައްމަދު

ރަށެއް ނުވަތަ މުޖްތަމައެއް ކުރިއަރާ ދިއުމުގެ އެންމެ މުހިއްމު އަސާސަކީ އެ ވެށީގައި ދިރިއުޅޭ މީހުންގެ މުރާލިކަމެވެ. ވެރިކަމުގެ ފަރާތުން ކުރާ ކަންތަކަށް ފާޑުކިއުމުގެ ބަދަލުގައި ވެރިންނަށް ހިތްވަރުދީ އެ މުޖްތަމައުގައި ހުރި ލޫޕް ހޯލްތައް ބެއްދުމުގައި ވެރިންނަށް އެހީތެރިވުމެވެ. އެއީ ހުރިހާ ފެންވަރެއްގެ  މީހުން އެކުވެގެން ކުރެވޭ މަސައްކަތުން ނެރެވޭ ނަތީޖާއެކެވެ.

އޭދަފުށީގެ މާޒީ ލިޔެވިފައި އޮތީ އެގޮތަށެވެ. ރަށުގެ ތައުލީމާއި އުމްރާނީ ކުރިއެރުން ބިނާ ވެފައިއޮތީ ރައްޔިތުންގެ އިޚްލާސްތެރި މަސައްކަތާއެވެ. އަމިއްލަ އެދުމެއްނެތި ރަށަށް ޓަކާ ކުރެވުނު ބުރަ މަސައްކަތްތަކުގެ ނަތީޖާ މިއަދުގެ ޒުވާނުން ކުރިމަތީގައި އެއޮތީ ފެންނާށެވެ. ތާރީޚްގެ ސަފްހާތައް އުކަމުން ދިޔަވަރަކަށް ފާޅުވެ އެނގިގެން ފެނިގެންދާނީ ވަތަނީ ލޯބީގައި އެމީހުންގެ އަމިއްލަ ދިރިއުޅުމަށްވުރެ ރަށުގެ ކުރިއެރުމަށް އިސްކަން ދީފައިވާ ތަނެވެ. ކޮންމެ ފަންތިއެއްގެ ކޮންމެ ގިންތިއެއްގެ މީހަކުވެސް އެންމެ ފުރަތަމަ އިސްކަން ދީފައިއޮތީ ރަށަށެވެ.

މިފަދަ އެއް މިސާލަކީ އޭދަފުށީ ހުދުވެލި އަބްދުއްރައްޒާގު މުހައްމަދުއެވެ. ވަރަށް ސާދާ ވަރަށް އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން ވަރަށް ރީތިކޮށް ޑްރެސްކޮށްފައި ހުންނަ ވަރަށް ހިތްހެޔޮ އަބްދުއްރައްޒާގަކީ ޒުވާނުން ބަލައިގަންނަން ޖެހޭ ޝަޚްސިއްޔަތެކެވެ. މުރާލިކަމާ އެއްވަރަށް ދުލާއި ގަލަމުން އެކި ޚިޔާލުތަކުގައި ކުލަ ޖެއްސުމުގެ ކުޅަދާނަ ކަން ލިބިފައިވާ ރައްޒާގަކީ ގިނަ ފަންނުތަކެއްގެ އުސްތާޒެކެވެ.

އޭދަފުއްޓާ ފުޓްބޯޅައަކީ ވަކިނުކުރެވޭނެ ގަދަ ބާރަކަށްވާއިރު އިއްޔެ ފުއްޕާހަމުން ބޯޅަހަދައިގެން ހުސްފައިގާ ކުޅެމުން އައި ފުޓްބޯޅަ މިއަދުގެ ތަރއްގީވެފައިވާ ދުނިޔެއަށް ގެނެސްދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.  ސްކޫލް މުބާރާތް ތަކުގައި މޮޅު ފޯވާޑެއްގެ ގޮތުން ފާހަގަކުރެވޭ ކާމިޔާބެއް ހޯދުމަށްފަހު ބސމދ ޖަމިއްޔާގެ ފުޓްބޯޅަ ޓީމްގައި ވެސް އައީ އުދުހެމުންނެވެ. ހަނދާނުން ފިލުވާނުލެވޭނެ ހާދިސާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ގައުމީ ފުޓްބޯޅަ މުބާރާތުގައި މޫންސްޓާސް ކްލަބްގެ ކޮޅަށް 15 ލަނޑު ޖަހައިގެން މުޅި ރާއްޖެ ސިއްސުވާލި ދުވަހެވެ. އެމެޗުގައި ދެލަނޑު ޖެހުމުގެ ޝަރަފާއެކު އިތުބާރު ފޯވާޑް، ދެން ބަދަލުވީ ބސމދ ޖަމިއްޔާގެ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރަކަށެވެ. އެހަނދާންވެސް އާކުރެއްވީ ތާރީޚީ އުފާވެރި ހަނދާނެއްގެ ގޮތުގައެވެ.

“އޭރު ޓީމްގެ ގޯލް ކީޕަރަކަށް ހުންނެވީ ޑރ. އަބްދުއްސައްތާރު ޔޫސުފް. އޭނާ މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން އެމަގާމާ ހަވާލުވާން ޖެހުނީ. “45 އަހަރުގެ ކުރީގެ ހަނދާންތައް  އާކުރައްވަމުން ކީޕަރަކަށް ކުޅެން ފެށިގޮތް އަބްދުއްރައްޒާގު ކިޔައިދެއްވިއެވެ.

ކޯޗެއްގެ އެހީތެރިކަމެއް ނެތި އަމިއްލަ ރަށުން ދަސް ކުރި އެއްޗެއްގެ ބޭނުން ހިފައިގެން ގައުމީ މުބާރާތުގައި 1980 ވަނަ އަހަރު އޭދަފުށި ތަމްސީލުކުރި ފުރަތަމަ އަހަރު އެއްވަނަ ގޯލްކީޕަރގެ މަގާމް ހޯދައި މާލޭ ޓީމްތަކަށް އޭނާގެ ކުޅަދާނަކަން ވަނީ ދައްކާލާފައެވެ. އެއީ ފުޓްބޯޅައިގެ ކާމިޔާބީއެވެ.

ފާހަގަކުރަންޖެހޭ ކަމަކީ ފުޓްބޯޅައިގެ އެދުވަސްވަރު ރަސްކަން ކުރި ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އެންމެމޮޅު ކުޅުންތެރިންގެ ގޮތުގައި ހިމެނޭ ސައީދުއަލީ އާއި މޫދުމާ އަލީ ނަސީރު އާއި ޖޫލޭމެން ފަދަ މޮޅު ކުޅުންތެރިން ގެނެސްގެން ރަށުގެ ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރަން ކުރެވުނު މަސައްކަތްތަކުގައިވެސް އަބްދުއްރައްޒާގުގެ ބައިވެރިވުން ބޮޑު ވާހަކައެވެ.

ޚިޔާލުތަކުގައި ކުލަޖެއްސުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އާދައިގެ ފަންނެއްވެސް ނޫނެވެ. އެއީ އޭނާއަށް ގުދުރަތުން ދެއްވި އަގު ބޮޑު ހަދިޔާ އެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ވަށައިގެން ފެންނަ މަންޒަރުތައް ކުރެހުމާއި ކުރެހުމުން ވާހަކަ ހެދުމަކީ އެހެން މީހުން އޭނާއަކީ އާދައިގެ މީހެއް ނޫން ކަން ގަބޫލު ކުރަން ފެށި ހިސާބެވެ. ބާލިސް އުރައާއި ދިގުހެދުމުގެ ބޯވަޅުގައި މާޖެހުމުގެ ޓްރެންޑް ރާއްޖޭގައި އެންމެ ގަދައަށް އޮތް ދުވަސްވަރު އޭނާގެ މުއްސަދި ޚިޔާލުން އުފަން ކުރާ މާކޯނިތައް ޒުވާން ކުދިންގެ ހެދުންތަކުގެ ބޯވަޅުތަކުގައި ޖަރީކުރެވެމުން ދިޔައިރު ޒުވާން އަބްދުއްރައްޒާގަށް ޖިންސުއްލަތީފުންގެ ފަރާތުން ލިބެމުން އައި ކުދިކުދި “އުނގަދޫތައް “ވެސް މަދެއް ނޫނެވެ. ބާލީހު އުރައިގައި ސްވީޓް ޑްރީމްސް ފަދަ ފޮނި ލަފްުޒުތައް އިޝްގީ ބަހުރުވައިން ސިފަކޮށްދިނުމުގައި ގެންގުޅުނު ޝާއިރާނާ ޚިޔާލާތުތަކުން އަންހެންކުދިންގެ މެދުގައި މަޝްހޫރުވެފައި އޮތީ ދެވަނައެއްނެތް އާޓިސްޓެއްގެ ގޮތުގައެވެ. ހިތް އެއީ ކަތިލެވޭ އެއްޗަކަށް ހަދައި ޖަރީ ކުރެވެމުން ދިޔައިރު ކަތިލެވިގެން ދިޔައީ ކިތައް ހިތް ކަމެއް ބުނަން ނޭގުނަސް ގައިމުވާކަމަކީ އެކަމުން އޭނާވެސް ސަލާމަތް ނުވި ކަމެވެ. އެހިތް ވިރިގެން އޮހެމުން ދިޔަ ލެއިން ލިޔެވިފައި އޮތީ އޭރު އޭދަފުށީގެ ޒުވާނުން ފިދާވަމުން ދިޔަ ފާތުމަތު ރަޝީދާގެ ނަމެވެ. ކައިވެނީގެ ގުޅުމުން ފާތުމާ އާއި ގުޅެން ޖެހުނު ހިސާބަކީ މިއީއެވެ.

އަބްދުއްރައްޒާގުގެ ކުރެހުމެއް

ރައްޒާގުގެ ޚިދުމަތުގެ އެހެން ދިމާލެއް ބަލާލާއިރު އަތުމަސައްކަތާ އަތްތެރިމަސައްކަތުގެ ގައުމީ މައުރަޒު ތަކުގައިވެސް އޭނާގެ އުފެއްދުން ތައް ބ.އަތޮޅުގެ ސްޓޯލް މުއްސަނދި ކޮށްދެމުން ގެންދިޔައެވެ. އެގޮތުން އަމިއްލަ އަށް ފަރުމާކޮށްގެން ބަނދެ މައުރަޒަށް ތައްޔާރު ކުރި 3 ފޫޓްގެ މަސްދޯންޏަކީ ގިނަ ބަޔަކު ތައުރީފު ކުރި އުފެއްދުމެކެވެ.

އަބްދުއްރައްޒާގަކީ އޭދަފުށީގެ އެންމެ މަޝްހޫރު ކެޔޮޅުގެ ގޮތުގައި މިއަދާހަމައަށްވެސް ބެލެވެމުން އަންނަ އޭދަފުށީ ހަސަންފުޅު މުހައްމަދުގެ ދަރިއެކެވެ. އެއީ އޭދަފުށީގެ އެންމެ ބޮޑު މަސްވެރި އާއިލާއެވެ. ކެޔޮޅުން ބިނާ ކުރި ކާރުޚާނާއެކެވެ. މަސްވެރިކަމުގެ ދިގު ސިލްސިލާއެއް ގެތެމުން ދިޔަ ގެއެކެވެ. ފުދުންތެރި ދިރިއުޅުމަކާއި ރިވެރި އަޚްލާގެއްގެ ވެރިއެއްގެ ގޮތުގައި ބައްޕަ ނަމޫނާ ދައްކައިދީފައިވަނީ މޮޅު ކެޔޮޅެއްގެ ތާކިހާ އަޅައިގެން ހުރެއެވެ. މުޅި އާއިލާ މިމަގު ޚިޔާރު ކުރީ ބައްޕަގެ ރިވެތި އަޚްލާގާއި ފުދުންތެރި ދިރިއުޅުން ކޮޕީކޮށްގެންނެވެ. އެއާއިލާގެ އުނގުން ދުނިޔެއަށް އައި މޮޅު ކެޔޮޅެއްގެ ގޮތުގައި އަބްދުއްރައްޒާގު ހުނި ޖެހިގެން ދިޔައީ ބައްޕަގެ ތަޖްރިބާއާއި ބައްޕަގެ ގާތުން ދަރިވަރު ވުމުންނެވެ.

“ބައްޕާއާއެކު އުމުރުން 15 އަހަރުގައި މަސްކަނޑުތަކަށް ނުކުމެއްޖައިން. ބައްޕަގެ ގާތުން  ދަރިވަރުވެ ކެޔޮޅެއްގެ ގޮތުގައި ފުރަތަމަ ދޯންޏެއްގެ ހުންގާނާ ހަވާލުވީ ކައިވެންޏަށް ފަހު ބަފައި ކަލޭގެ ރިޔަލު ދޯންޏެއްގަ. ”

އޭގެ ފަހުން އެގޭގެ ދެދޯނި ބާކުރީ އޭނާގެ ކެޔޮޅު ކަމުގެ ދަށުންނެވެ.

ޒުވާން ކެޔޮޅުގެ އަގު ސަރުކާރުން ބަލައިގަނެ ރާއްޖޭގެ ފުރަތަމަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވުމަށް ކޮންމެ އަތޮޅަކުން ދެމީހުން ގެންދިޔައިރު ބ. އަތޮޅުން އެޝަރަފް ލިބުނު އެކަކީ އަބްދުއްރައްޒާގެވެ.

ރާއްޖޭގެ ފުރަތަމަ މަސްވެރިންގެ ދުވަހު ބޭއްވި ޖަލްސާގައި އަތޮޅުތަކުން ބައިވެރިވި މަންދޫބުންނާއެކު ރައީސުލްޖުމްހޫރިއްޔާއާއެކު ދައުލަތުގެ އިއްޒަތްތެރިން. މިޖަލްސާގައި ކޮންމެ އަތޮޅަކުން ދެ މަންދޫބުން ބައިވެރިވި އިރު ބ.އަތޮޅުން ބައިވެރިވި ޒުވާން ކެޔޮޅަކީ އަބްދުއްރައްޒާގު

މިހާ ހިސާބުން ސުވާލު އުފެދެނީ އޭނާއަކީ އަރަބި ތާނަ ލިއުން ރީތި، މައުލޫމާތު މުއްސަނދި ބަހިއްޔާއިން ތައުލީމު ހުސްކުރި ދަރިވަރަކަށް ވާއިރު ޅައުމުރުގައި މަސްވެރިކަން ޚިޔާރު ކުރީ ކިއްވެގެން ބާއެވެ.
“މަސްވެރިކަމަކީ ކާބަފައިންގެ ފަރާތުން ވާރުތަ ވެފައި އޮތް އެންމެ ވަރުގަދަ ސިނާއަތް ވީމާ އެރޮނގުން ކުރިއަށް ދިއުމަކީ މާކުރިންވެސް ނިންމާފައިވާ ކަމަކަށްވާތީވެ އެރޮނގުން ކުރިއަށް ދާހިތްވީ.” ޖަވާބު ލިބުނީ މިގޮތަށެވެ.

އެހެންނަމަވެސް މަސްވެރިކަން ނުހުންނަ ދުވަސްވަރު ރަށުގައި ހުންނަންޖެހޭތީ އިތުރު މަސައްކަތެއް ކުރުމުގެ ޝައުގުވެރިކަމުގައި ރޭނުމާ ސިމެންތި ޖަހަން ދަސްކުރިއެވެ. ރަށުގައި އެފަންނުގެ މީހުން މަދުވުމާއި ރަނގަޅު އާމްދަނީއެއްވެސް ލިބޭތީއެވެ. “މޮޅަށް ސިމެންތި ޖަހާމީހުން އެކަން ކުރާ ގޮތް ފުރަތަމަ ބެލީ. ދެން އެމީހުން މަސައްކަތް ހުއްޓާލާފައި މެންދުރު ދިއުމުން އެތަނުގައި އެކަން ކުރަން ދަސްކުރަނީ. ” މަސައްކަތް ދަސްކުރިގޮތް ރައްޒާގު ކިޔައިދިނެވެ.

އޭނާ ހިމެނެނީ އޭދަފުށީގައި އެންމެ ރީތިކޮށް ސިމެންތި ޖަހާ މީހުންގެ ތެރޭގައެވެ. އެކަމަކު މިކަމުގައި އޮތް ކަންބޮޑުވުން އީވީއާ ހިއްސާ ކުރެއްވިއެވެ.

”ސިމެންތި ޖެހުމަކީ ވަރަށް ރީތި އެހާމެ ފަސޭހަ މަސައްކަތެއް. ކުރަންޖެހޭހައިވެސް ކަމަކީ ގަށާފައި ހުރި ސިމެންތި ތައް ފާރުގައި ޖަހާލުން. އެނިމުނީ. ދުވާލު މުސާރައަކީ 500 ރުފިޔާ. ކައިރީގަ އެހީތެރިއަކު ހުންނާނެ. އެންމެ ކުޑަމިނުން ސިމެންތި ފޮށިގަނޑުދޮވެލުމަކިވެސް އެމީހާ ކުރަން ޖެހޭ ކަމެއް ނޫން. ” ޒުވާނުން މިފަދަ މަސައްކަތަށް ނުނުކުންނާތީވެ ކަން ބޮޑުވުން އޭނާ ފާޅު ކުރެއްވިއެވެ.

ދިރިއުޅުމުގެ ފެހި އަދި ފަހިދުވަސްތައް ފަސްދީ ދިޔައިރު މިއަދު އޭނާ ދުވަސް ގުނަމުން ދަނީ ބޯ ގާނާނެ އިތުރު ކަމެއްނެތި ވަރަށް ހަމަޖެހިލައިގެންނެވެ. ކާމިޔާބު ބައްޕައެކެވެ. ހަމައެހާ ކާމިޔާބު ފިރިއެކެވެ. ފުރަތަމަ ކައިވެންޏާއެކު ލިބުނު ހަތަރު ދަރިންނަށް ރަނގަޅު ތައުލީމު ދިނުމުގައި ބުރަ ދުވަސްތަކެއް ހޭދަކުރިނަމަވެސް އޭގެ ނަތީޖާ މިއަދު ކިތަންމެހައިވެސް ފޮންޏެވެ. އެކުދިންގެ ދިރިއުޅުމާމެދު ބައްޕައެއްގެ ގޮތުން އޭނާ ހުރީ ފަޚުރުވެރި ވެފައެވެ.

ފިކުރާއި ޚިޔާލުތަކުގެ ދުނިޔެއިން ވަކިވެގެން އުޅޭތީކަން ނޭގެއެވެ. އޭނާ ފެންނަނީ އުމުރަށްވުރެ އެތައް ތަނެއް ޒުވާން ގޮތުގައެވެ. އުފާވެރި މިޒާޖަކާއެކު ހަރަކާތްތައްވެސް އެގޮތުގައެވެ. މުސްކުޅިވީކަމަށް ގަބޫލުކޮށްގެން ގޭގައި އިންނަން ޖެހޭ ކަމަށް ގަބޫލެއް ނުކުރެއެވެ.

“އަސްލު މިހާރަކު އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރާކަށް ކޮންމެހެން ނުޖެހޭ. ދަރިންވެސް ބޭނުމެއް ނުވޭ ބުރަ މަސައްކަތް ތަކެއް ކުރާކަށް. ”

އެހެންވީމާ އޭނާއަކީ ރީތިކޮށް ބޯކޮށަން ދަންނަ މީހެއްކަމުގައި ވިޔަސް މިހާރު ކުރަނީ ދަނޑުވެރިކަމެވެ. ގޯތިތެރޭގެ ފުރަގަހުގައި އޮތް ބިން ފުރިފައިވަނީ ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާއިންނެވެ. ކޮޕީފަތާއި މުރަނގަ އަދި މިރުހާއި ބިލެތުގެ އިތުރަށް އަލަނާސި ގަސްވެސް ހައްދާފައި އެބަހުއްޓެވެ. މި ތަކެތި ނުވިއްކަންތޯ އެހުމުން ހިނިތުންވެލާފައި ބުނީ މިއީ ވިއްކުމުގެ ގަސްދު އޮވެގެން ކުރި ކަމެއް ނޫންކަމަށާއި އެކަމަކު އޭގެ މާނައަކީ ނުވިއްކާނެ ވާހަކައެއް ނޫންކަމުގައެވެ. “ޚަރަދު ހިނގާ ކޮންމެވެސް ވަރަކަށް. ބޭސްގަތުން ފަދަ ކަންކަމަށްވެސް. އެހެން ވީމާ އެބައިވެސް ކަވަރު ކުރަން ޖެހޭނެ ކޮންމެވެސް ގޮތަކުން ! އެހެންވީމާ ވިއްކަންވެސް ޖެހޭނެތާ!

އަބްދުއްރައްޒާގު : ކޮންމެ ދުވަހަކުވެސް ދަނޑުވެރިކަމުގެ މަސައްކަތުގައި ވަގުތު ތަކެއް ހޭދަކުރައްވާ . ފޮޓޯ އީވީ

އިންޓަވިއު ނިންމާލުމުގެ ކުރިން މުހިއްމު ތިން ސުވާލެއް ހުށަހަޅާލީމެވެ.

ދިރިއުޅުމުގެ އެންމެ ބޮޑު އެހީތެރިއަކީ؟

އަނބިމީހާ. އޭނާ އާނުލާ މި ދިރިއުޅުން މިހާ ކާމިޔާބެއް ނުވާނެ. ދަރިންގެ ތަރުބިއްޔަތާއި ދިރިއުޅުން މިހާ އޮމާންކަމާއެކު މިދަނި އެނާގެ ވަރަށް ބޮޑު ބައިވެރިވުން އޮވެގެން. ކާމިޔާބު ދިރިއުޅުމަކަށް ހެޔޮ ލަފާ އަނބަތްބަކީ ދިރިއުޅުމުގެ އެއް ރުކުން.

އެންމެ އުފާވި ދުވަހަކީ ؟

ފާހަގަ ކުރެވިފައެއް ނެތް. ޚާއްސަ އުފަލެއް ވީދުވަހެއް. އެހެންނަމަވެސް އޭދަފުއްޓަށް ރީތި ނަމެއް ލިބޭ ކޮންމެ ދުވަހަކަީވެސް އަހަންނަށް އަންނަ އީދު ދުވަހެއް.

އެންމެ ދެރަވި ދުވަހަކީ ؟

އަންހެނުންނަށް ކެންސަރު ޖެހުނުކަން އެނގުނު ދުވަސް.  އެންމެ ދެރަވި ދުވަހަކީ އެއީ. ﷲއަށް ހަމްދު ހުރި. މިހާރު އިރާދަކުރެއްވީތީ އޭނާއަށް ﷲ ޝިފާ ދެއްވައިފި.

ރަށާ މެދު އެންމެ ކަންބޮޑުވަނީ ؟

ޒުވާނުން މަސައްކަތުގެ ދާއިރާ އަށް އަހުލުވެރިވުން ކުޑަކަމުން. އަހަރެންމެންގެ ދުވަހާ މިއަދާ ހާސްބައި ތަފާތުވާ އެންމެ ބޮޑު ސަބަބަކީވެސް އެއީ. އަހަރެމެން އުޅެ ބޮޑުވީ ވަރަށް ބުރަ މަސައްކަތްކޮށްގެން ރަށަށް ވެސް ގައުމަށްވެސް ގިނަ ޚިދުމަތްތަކެއް ވެސް ކޮށްދީގެން. ތަންތަން ބިނާކޮށްފައި ހުންނާނީ އަމިއްލަ ކޮނޑުން ލަކުޑި އުފުލައިގެން އުވަ ދަވައިގެން އެއުވަތައް މާލެއަށް ގެންގޮސްގެން. މިއަދު އެހެންތޯ؟ މިސާލަކަށް ސިމެންތި ޖެހުމާއި ރޭނުން ފަދަ ކަންކަމުގައިވެސް ޒުވާނަކު ނެތް. މިއުޅެނީ އަހަރެމެންގެ އުމުރުގެ އަށެއްކަ މީހުން. އަހަރެންމެން ނެތުމުން މި ފަންނުގެ މީހުން އޭދަފުށިން ހުސްވީ. އަހަރެމެންގެ އަމިއްލަވަންތަކަމާއި ދިވެހިވަންތަ ހުރިހާ މަސައްކަތެއްގައި މިއުޅެނީ ބިދޭސީން. އެންމެ ކުޑަމިނުން ބޯކޮށުން ފަދަ ދަސްކުރަން ފަސޭހަ ޑިމާންޑްބޮޑު ކުދިކުދި މަސައްކަތްތައްވެސް ކުރާނެ ޒުވާނުން ނެތުމުން މި ފެންނަނީ އެކަމުގައިވެސް ބިދޭސީން އުޅޭތަން. އެކަމަކު އެގޮތް އެއީ ރަނގަޅު ގޮތްކަމަށް ދެކިގެން އަހަރެމެންގެ ކަނދުރާތައް ބަންގާޅީންގެ ކުރަފަތްތަކުގެ މިޔަމައްޗަށް ދޫކޮށްލައިގެން ތިބެންވީ ހެއްޔެވެ؟މަސައްކަތްތެރި ދިވެހިޒުވާނުންތަކެއް އުފެއްދުމުގެ ވަގުތު އަދިވެސް ނުޖެހެނީ ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top