ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށާއި ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށާއި ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށްވާއިރު، 300 މީހުން 500 މީހުން އަދި 1،000 މީހުން ދިރިއުޅޭ ރަށެއްގައި ކައުންސިލަރުންގެ ގޮތުގައި ފަސް މީހުން ނުވަތަ ހަތް މީހުން ހޮވުމަކީ ޚަރަދު ބޮޑު ކަމެއް ކަމަށެވެ. އަދި ކުދިކުދި ރަށްރަށުގެ ލޯކަލް ކައުންސިލްތަކުގައި ފަހެއް ނުވަތަ ހަތް ކައުންސިލަރުން ތިބެން ނުޖެހޭ ކަމަށާއި އެއީ ރާއްޖެއަށް އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
”މުޅި ދައުލަތުގެ ކަންކަން ނިންމަން ގައުމުގެ އިސްވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމަ، ރަށެއްގެ 300 މީހުން، 500 މީހުން، 1000 އެއްހާ މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް“ ރައީސް ވިދާޅުވިއެވެ.
އާބާދީގެ ގޮތުން ކުދި ރަށްތަކުގައި ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ ކަމަށާއި އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކަށް މިހާރު އޮތް އަދަދަށް ވުރެ މަދު އަދަދެއް ކަނޑައެޅުމުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރުމުން ކޮންމެ އަހަރެއްގެ ބަޖެޓުގެ ތެރެއިން ހޭދަވާ ހޭދަވުމަށް ވެސް ރަނގަޅު ބަދަލުތަކެއް އައިސް އެ ފައިސާ ރައްޔިތުންގެ ހަގީގީ ތަރައްގީ އަށް ހޭދަކުރެވޭނެ ކަމަށެވެ.
ހަމައެހެންމެ ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅު ކައުންސިލްތައް އިންތިޚާބުކޮށްފައި ވަނީ އެއްވެސް މާނައެއް ނެތް ގޮތަކަށް ކަމަށާއި އަތޮޅު ކައުންސިލްގައި އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ރައީސުން ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެކަންވެސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.