ބޮޑު ދެ އިންތިޚާބު އެއްކޮށް ބާއްވަން އިސްލާހު ހުށަހަޅަނީ

b_0ZhEtFzpgkMcuxCoMwGwWEPK2.jpg

ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބޭއްވުމަށް 180 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް 120 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށެވެ.

ވަކިވަކިން ބާއްވާ މި ދެ އިންތިޚާބަށް ދައުލަތުން ކޮށްފައިވާ ޚަރަދު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ މި ދެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ދައުލަތަށް ބުރަ ބޮޑު އަދި ޚަރަދު ބޮޑު ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވަނީ މި ދެ އިންތިޚާބު އެއްކޮށް ބާއްވަން ކަމަށްވާތީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އެކު 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބާ އެކު ބާއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“މި ދެ އިންތިޚާބު އެކުއެކީ ބޭއްވުން ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތަކީ. އެހެންކަމުން ގާނޫނުއަސާސީއަށް މިކަމުގައި ގެންނަންޖެހޭ އިސްލާހު އެބަހުރި. ގާނޫނުއަސާސީއަށް މި އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. އެކަންކަން ކުރަން ހުށަހަޅާނަން،” ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޮޑު ދެ އިންތިހާބު އެކުއެކީގައި ބޭއްވުމުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭތީ އެ ފައިސާ އިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ކަމާ ގުޅޭ އިސްލާހު މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީ ބޭއްވުމަކީ ޚަރަދު ކުޑަކުރުމަށްޓަކައި މުހިއްމު ކަމެއް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް ވަނި މީގެކުރިން ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top