ޚިޔާލު: ދެކެން ބޭނުންވާ ފެހިފެހި އޭދަފުށި

DSCN4977.jpg

އޭދަފުށި ---އީވީ ފައިލް ފޮޓޯ

ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު، މީގެ ދެއަހަރެއް ކުރިން އޭދަފުށްޓަށް ވަޑައިގެން އުޅުއްވަނިކޮށް އަޅުގަނޑު އަހާލިީމެވެ. އޭދަފުށި ކިހިނެއްތޯޯއެވެ. އޭނާ ވިދާޅުވި އެވެ. އަޑުއަހަނީ އޭދަފުއްޓަކީ ތަރައްގީ ވެފައިވާ، ވައިފެން ހެޔޮ ރަށެއްގެ ގޮތުގައެވެ. އެކަމަކު އަހަންނަށް އޭދަފުށި ފެނުނީ އަހަރެންގެ ޚިޔާލުގައި އޮތް ރީތި އޭދަފުއްޓެއް ނޫނެވެ. އަހަރެންގެ ޚިޔާލުގައި އޮތް އޭދަފުއްޓަކީ ގަސްގަހާގެހިން މުއްސަނދި ވެފައިވާ ފެހި އަދި ފިނި ރަށެކެވެ. އެކަމަކު ފެނުނީ ތަރައްގީގެ ބާރު ގަދަ، ގަސްރުއް މަދު ރަށެއްގެ ގޮތުގައެވެ.

ރަށުގެ ހޫނުގަދަ ކަމާއި ރަށުގެ ގަސްކަރައިން ފެންނަ ހާއަޅާ ބޮޑެތި ބާގަނޑުތައް އެއީ އެއްވެސް މީހަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ.

މި ވާހަކަ މިއަދު އަލުން ހަނދާން ކުރަން ޖެހުނީ އޭދަފުށި ހޫނުގަދަ ކަމުގެ މިސާލަކަށެވެ. ރަށަށް އަރާ މެހެމާނުން ރަށާއިމެދު އެންމެ ކަންބޮޑުވާ ކަމަކީ އެއީ ކަމަށް ދެކޭތީ އެވެ.

އަހަރެމެން ކުޑައިރު ގޭގޭގައި ބޮޑެތި ބަނބުކެޔޮ ގަހާ ޖާފާނު ރުކާއި މެދުކަށިކޭލާއި މާކަށިކެޔޮ ފަދަ ކާންލިބޭ ބާވަތް ބާވަތުގެ ގަސްތައް ގޯތިތެރޭގައި ހައްދާފައި ހުރެއެވެ. މަންމަމެން މާމަމެން ފޮނިވެލާފައި ބުނެ އުޅެއެވެ. ”އެގެއެއްގައި މެދު ކަށިކެޔޮ ގަހަކާ ބަނބުކެޔޮ ގަހެއް ހުންނަ ގެއެއް ބަނޑަކަށް ނުޖެހޭނެ އެވެ.“ އެމީހުން އެހެން ބުނަނީ ބަނޑުހައި ހޫނުކަން ތަޖްރިބާ ކޮށްފައިވާތީ ކަމަށް ވެދާނެ އެވެ. އެކަމަކު އޭގެ އަނެއް ފަރާތަށް ބަލާލާއިރު ފެންނަނީ ފިނިކަމާއި ފެހި ކަމެވެ.

2015 ވަނަ އަހަރާ ހަމައަށް އޭދަފުށީ ބޮޑެތި މަގުތަކުގައި ހިޔާދޭ ބޮޑެތި ގަސް ހައްދާފައި ހުއްޓެވެ. އެގަސްތައް ކަނޑާލީ ޒަމާނީ ފެންވަރަށް މަގުތައް ހެދުމަށް ގަސްތައް ހުރެގެން އެކަން ނުކުރެވޭނެތީޔޯލަ އެވެ. އެކަމަކު އަވައްޓެރި ގައުމުތަކުގައި ހަމަ މިގޮތަށް ތާރު އަޅައިގެން މަގުހަދާފައި ހުންނަނީ ގަސްތައް ނުކަނޑައިި ގަހަށް ހިމާޔަތް ދީގެންނެވެ. ރާއްޖޭގައި އެކަން އެގޮތަށް ނުކުރެވެންވީ ސަބަބެއް ނުވިސްނެ އެވެ.

އޭދަފުށީގެ އުތުރު ފަރާތު ބަނދަރުގެ އިރުމަތީ ކޮޅުގައި ފެންނަން އެހެރަ ބޮޑު ”އާފަލުގަސް“ ހުރި ސަރަހައްދު ހަދާފައި އެހެރީ އެގަސް ނުކަނޑަ އެވެ. ގަސްކެނޑުމާ ދެކޮޅަށް ބަޔަކު އަޑު އުފުލުމުން ގަސް ބަހައްޓައިގެންނެވެ.

އޭގެ ފަހުން އޭދަފުށީގެ ދެކުނު ފަރާތު ބިން ހިއްކަމުން ދިޔައިރު ހުޅަނގުކޮޅު ހޭޅިފަށުގައި އެތައް އަހަރެއް ކުރިން ފެށިގެން ހައްދާފައިހުރި ދިއްގަލާއި ހިރުނދު ގަސްތައް ވެސް ކަނޑާލީ އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށް ރަށު ކައުންސިލުންނެވެ. އޭރު ހުންނެވި ކައުންސިލުގެ ރައީސް ވިދާޅުވީ އެގަސްތަކުގައި ބައިވަރު ކޫޑި އަޅާފައި ހުރުމުން ކަނޑާލުން ނޫންގޮތެއް ނެތީކަމުގައެވެ.

ގަސްގަހުގައި ކޫޑި އަޅާނެ އެވެ. ކޫޑި ފިލުވާނެ ގޮތްގޮތް ވެސް ބައިވަރެވެ. އެއިން ކަމެއް ނުކޮށް އެކަމުގެ ހައްލަކީ ގަސް ކަނޑާލުން ކަމުގައި ދެކޭ ބައެއްގެ ގާތު ދެން އިތުރަށް ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ.

ގަބުޅި ކަތީބުންނާއި މުދިމުން އެކުވެ ރަށު އޮޮފީހުން ރަށްރަށް ހިންގަމުން އައި ދުވަސްވަރުން ފެށިގެން ރަށު ކައުންސިލުތައް އުފެދުމާ ހަމައަށް އޭދަފުށީގައި ގަސް ކެނޑުމުގެ ނުބައި އާދައެއް ނޯވެއެވެ. އެމީހުން ބެލީ ރަށުގައި ގަހެއް އިތުރު ވޭތޯ އެވެ. މަގުމައްޗަށް ދަތިވާ ގޮތަށް ގޭގޭގެ އިމުން ބޭރަށް ނުކުމެފައި ގަސްތަކުގެ އޮފިތަކަށްވެސް އޮންނަ ހުކުމަކީ ހަމައެކަނި އެތަންކޮޅު ކަނޑާލުމެވެ.

އޭދަފުށީގައި ކުރިން ހުރި ބަހިއްޔާ ސްކޫލް ތަޅާލައި އާ އިމާރާތެއް ބިނާ ކުރި އިރުވެސް އެ މަސައްކަތުގައި އުޅުއްވި ފޭލި ޖަމިއްޔާއިން އެންމެ ބޮޑު އިސްކަން ދިނީ އެތަނުގައި ހައްދާފައި ހުރި ގަސްތައް އެހުރިި ގޮތަށް ބެހެއްޓޭތޯއެވެ. އެމީހުން ބެލީ އެންމެ ގަހެއްވެސް ކަނޑަންވާނީ އެނޫން އެއްވެސް ގޮތެއް ނެތުމުންނެވެ. އެއިމާރާތް ކުރެއްސެވީ އޭދަފުށީގެ ފެހި ކަތީބުގެ ނަމުން ފުރަތަމަ ތައާރަފްވެ އޭގެ ފަހުން ފެހި އަތޮޅުވެރިޔާގެ ނަމުން މަޝްހޫރުވި، ރަށްވެހިކަމުގެ ގައުމީ އިނާމާއި ރަށްވެހިކަމުން މުޅި ރާއްޖެއިން އޭދަފުށީ އެއްވަނަ ހޯއްދަވައިދެއްވި ފެހި ކަލޭފާނުގެ ގާބިލް ދަރިކަލުން އަބްދުލް ހަންނާނު ޔޫސުފެވެ. މިޒަމާނުގެ ޗާލު އިމާރާތެއް އޭނާ ކުރައްސަވާފައި އެހެރީ އެތަނުގައި ހައްދާފައި ހުރި ބިޔަ ގަހަށް ހިމާޔަތް ދީގެންނެވެ.

ރަށު ކައުންސިލަރުން ރަށް ހިންގަމުން އަންނަން ފެށިފަހުން ރައްޔިތުންނަށް ވީ އެންމެ ބޮޑު ޚިޔާނާތަކީ ކޮބައިތޯ އަހައިފިނަމަ އަހަރެންގެ ޖަވާބަކީ އެއީ އޭދަފުށީގެ ފެހިކަން ނައްތާލުމަށް މި ރަށުގެ ކައުންސިލުން ހިންގަމުން އައި ޖަރީމާ ކަމުގަ އެވެ. އެތައް އަހަރެއްގެ މަސައްކަތުން ހައްދާފައި ހުރި ގަސްކޮޅު ކޮންމެވެސް ބަހަނާއެއް ދައްކާފައި ކަނޑާލުން ކަމުގައެވެ.

ފަހުގެ މާޒީގައި އަހުރެމެންގެ ހަޔާތުގައި ބ.އަތޮޅުގައި އަތޮޅުވެރިކަން ކުރެއްވި ގާސިމް ކަލޭފާނާއި އަލްމަރުހޫމް ނައިބުގޭ އަހުމަދު ހަލީމަކީ އޭދަފުށި ފެހި ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ދެބޭފުޅުންނެވެ. މިހާރުވެސް އުތުރު ފަރާތުގައި ފެންނަން އެހެރަ ފެހިކަމާއި ޗާލު ކަމަކީ އެ ދެބޭފުޅުން އޭދަފުށި ފެހިކުރުމަށާއި ރީތި އޭދަފުއްޓެއް ދައްކާލުމަށް ކުރެއްވި ދެމިހުންނަނިވި ތާރީޚީ އަގުހުރި ޚިދުމަތް ތަކެކެވެ.

ކޮންމެ އަހަރެއްގެ ތިމާވެށީގެ ދުވަސް ރަށު ކައުންސިލުން ފާހަގަކުރަނީ ގަސް އިންދުމުގެ ދުވަހުގެ ގޮތުގައެވެ. އެކަމަކު އިންދި އެންމެ ގަހެއްވެސް ފެންނާކަށް ނެތެވެ. އެންމެ ފަހުން މި ދިޔަ އަހަރުވެސް ރަށު ކައުންސިލުން އެދުވަހު އޭދަފުށީ އިރުމަތީކޮޅު އަތިރިމަތީގައި 100 ކިނބިގަސް އިންދި އެވެ. ޔަގީން ވާކަމަކީ ކިނބި ގަހަކީ އޭގެ ޒާތުގައިވެސް ފަސޭހައިން ހެއްދޭ ގަހެކެވެ. އެ ހައްދަން ކުޑަކުޑަ މަސައްކަތެއް ކުރިކަމަށް ވިޔަސް މިހާރު ހުންނާނީ ޅަދޮނޅުކަމާއެކު ހެދިގެން ދާތަން ފެންނާށެވެ.

ހަގީގަތަކީ ކައުންސިލަރުން ބޭނުންވީ ފޮޓޯ ނަގާށެވެ. ބޭނުންވާ ފޮޓޯ ނެގުމުން އެހިސާބުން ނިމުނީއެވެ. ގަސްތައް ހެއްދުމުގެ ނިޔަތެއް ނެތެވެ. ”އަހަރެމެންގެ ކަމަކީ މި 100 ގަސް އިންދުން. މީޑިޔާތަކުގެ ސުރުހީއަށް އަރާނީ ދުނިޔޭގެ ތިމާވެށިގެ ދުވަހު އޭދަފުށީ ކައުންސިލުން 100 ކިނބި ގަސް އިންދި ވާހަކަ. އެހިސާބުން ނިމުނީ.“ މިއީ ކައުންސިލަރަކު އެތަނުގެ ސްޓާފެއްގެ ގާތު ބުނި ވާހަކަ އެވެ.

އާއެކެވެ. އެހިސާބުން އެކަން ނިމިގެން ހިނގައްޖެ އެވެ. ގަސްތައް މަރުވެދިޔައީ އެވެ. ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ރައްޔިތުން ހޮވާފައި ތިއްބެވި ކައުންސިލަރުންގެ އިޚްލާސް ތެރިކަން ހުރި މިންވަރުގެ ކުޑަ މިސާލެކެވެ.

ރަސްމީ ހައިސިއްޔަތު ލިބިފައިވާ ރަށުގެ އެހެން ޖަމާއަތަކުން މިދިޔަ އަހަރު ރަށުގެ މަގުތަކުގައި މޭވާ އަޅާ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ޕްލޭނަކަށް އޮތީ ޕޭމަންޓު ހަދާފައި އޮތް މަގުތަކުގައި ގަސް އިންދަން ހާއްސަ ކޮށްފައި ހުންނަ ސްޕޮޓް ތަކުގައި އިންދުމަށެވެ. ކޮންމެ ގެއަކަށް އަނބު ގަހެއް ނުވަތަ މޭވާ ގަހެއް ހަދިޔާ ކުރުމެވެ. މި ގޮތުން ހަދިޔާ ކުރެވޭ ގަސްތައް ގޭގެއަށް ދެނީ އަގަކާ ނުލައި އެގެއެއްގެ އަމިއްލަ އެއްޗަކަށް ވާ ގޮތަށެވެ. ފެންދީ ބަލަހައްޓަން ވީއެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެގްރިކަލްޗަރު މިނިސްޓްރީއަށް އަނބު ގަސް ހޯދުމަށް ސިޓީވެސް ލިއުނުވެ. އަދި އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކާއި ޖަމާއަތްތަކަށް ވެސް މޭވާ އަޅާ ގަސް ހޯދަން ސިޓީ ލިޔުމަށް ތައްޔާރު ވިއެވެ. އެކަމަކު އޭގެ ކުރިން ރަށު ކައުންސިލަށް އެޚިޔާލު ހުށަހެޅުމުން އެކަމަށް ރަށު ކައުންސިލުން އާނ ބަސް ނުބުނުމުން ޕްރޮޖެކްޓް ފެއިލްވީ އެވެ. ރަށު ކައުންސިލުން ވިދާޅުވަނީ ގޮއިދޫން 100 ކިނބި ގަސް ގެނެސް ތިމާވެށިގެ ދުވަސް ފާހަގަކުރަން ނިންމާފައިވާ ކަމުގައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް އަނެއްކާވެސް އެބަ އާދެ އެވެ. ރަށު ކައުންސިލުން މިފަހަރު ޑްރާމާ ނުކުޅެ ކްލަބްތަކާއި ޖަމިއްޔާ ތަކަށް ދައުވަތު ދީގެން ކަމަށްވިޔަސް އޭދަފުށި ފެހި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވުން ކިހިނެއްވާނެ ތޯ އެވެ. ނޫނީ ފެހިފެހި ނަލަނަލަ އޭދަފުއްޓެއްގެ ޝިއާރުގެ ދަށުން ރައްޔިތުންގެ ބައިވެރިވުމާއެކު އޭދަފުށީގައި ގަސް އިންދަން ފަށަން ވެއްޖެ އެވެ. ރަށުގެ މަލަމަތިން ފެންނަ ފެހިކަންކުޑަ އޭދަފުށި، ގަދަފެހިކުލައަށް ބަދަލުކޮށްލުމަށް ރައްޔިތުންނާއި ރަށު ކައުންސިލު، އެކީއެކައްޗަކަށް ވެގެން މަސައްކަތް ކުރަންވީ ވަގުތު އައިސް ޖެހިއްޖެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top