ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކާ ދެކޮޅަށް ސިޔާސީ ޚިޔާލުތަފާތުވުންތައް އިސްކޮށް، ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރައި ބިރުދެއްކުމުގެ ޢަމަލުތައް ހުއްޓާލުމަށް، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ގޮވާލައްވައިފިއެވެ.
ދާދިފަހުން ބައެއް ނޫސްތަކުގައި ނ. އަތޮޅުގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާމެދު ފުން ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި މިނިސްޓަރު ސައީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ، ގައުމުގެ ކުރިމަގާއި ރައްޔިތުންނަށް ލިބެން ހުރި ތަނަވަސް ފުރުޞަތުތަކަށް ހުރަސްއެޅޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގާ މިފަދަ ނޭދެވޭ ހަރަކާތްތަކުގެ ނާޖާއިޒު ފައިދާ، ދުނިޔޭގެ ވާދަވެރި ބާޒާރުގައި އެހެން ޤައުމުތަކުން ނެގުމަކީ ވަރަށް ގާތްކަމެއްކަމުގައެވެ. އަދި އެފަދަ ފަރާތްތަކަށް މިއީ އުފާވެރި ”މިޔުޒިކަކަށް“ ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ވާހަކަތައް ދޮގުކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ސިޔާސީ ހިޔާލު ތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ވެގެން ނުވާނެއެވެ. އަދި ރައްޔިތުންގެ ލާބަޔާއި އިންވެސްޓްމަންޓްތަކުން އުފެދޭ ފުރުސަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލަން ޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް އަމާޒުކޮށް ދޮގު ވާހަކަތައް ފެތުރުމާއި ބިރުދެއްކުން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވި ގޮތުގައި، “ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގު ވާހަކަތައް ވާނީ ހިތްގައިމު މިއުޒިކަކަށް” ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަން ފާހަގަކުރައްވައި، އެ ސިނާއަތަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ނަފުރަތާއި ދޮގާއި ހަސަދައަކުން މި އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ،“ ސައީދު ވިދާޅުވި އެވެ.
އެއާއެކު ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނު ކަމަށާއި، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އެހެންކަމުން، ކަންކަމުގެ ހަގީގަތް ބެލުމުގެ ބަދަލުގައި ދޮގު ހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް ސައީދު ވަނީ އިލްތިމާސްކުރައްވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ، ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްގެން އެފަދަ ޕްރޮގްރާމެއް ރަސްމާލޭގައި ވެސް ހިންގަން އުޅޭ ކަމަށް ތުހުމަތުކުރައްވައިފައެވެ.





