ނުކުޅެދުންތެރިންނަށް ދޭ އިނާޔަތް ބޮޑުކޮށްދިނުން އެދި ރައީސަށް ޕެޓިޝަނެއް!

Petition-pgwo85we03n3srfr81gv68sajbuuaqiup0hqm3lils.jpg

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތް، 5000 ރުފިޔާއަށް ބޮޑުކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަނުގައި 7300ށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައިވާއިރު އޭދަފުށީގެ ގިނަ ބަޔަކުވެސް ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަން ހުށަހަޅަން ޖެހުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުންދާ 2،000 ރުފިޔާގެ އެލަވަންސަކީ ޚަރަދުތައް ބަލަހައްޓަން އެންމެ އެކަށޭނެ އަދަދަކަށް ނުވާތީ އެވެ.

ޕެޓިޝަނުގައި ސޮއި ކުރުމުގެ އިންތިޒާމު މިދިޔަ ނޮވެމްބަރ 22 ން 27 ގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާ އިރު، ރައީސް އޮފީހަށް ޕެޓިޝަން ހުށަހަޅާފައިވަނީ އިއްޔެ އެވެ.

ބައެއްް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ބުނީ 7386 މީހުން ސޮއި ކޮށްފައިވާ ކަމަށެވެ.

“ހާއްސަކޮށް ކޮވިޑާއިގުޅިގެން މުޅި ދުނިޔެއަށް ދިމާވި އިގްތިސާދީ ހާލަތާއިއެކު ތަކެތީގެ އަގުތައް މިވަނީ އުފުލިފަ. ކުރަންޖެހޭ ހޭދަ ބޮޑުވެފަ. އެހެންވެ، މިހާރުދެމުންދާ 2،000 ރުފިޔާގެ އެލަވަންސަކީ މި ހާލަތަށް އެންމެ އެކަށޭނަ މިންވަރު ނޫން ކަމަށް ފެންނާތީ ޕެޓިޝަން ހުށަހެޅީ” އެ ފަރާތުން ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި އެލަވަންސް ބޮޑު ކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ވަރަށް ގިނަފަހަރު ވާހަކަ ދެކެވިފައިވާ ކަމަށާއި ނަމަވެސް މިހައިތަނަށް އައި އިރުވެސް އެކަމަށް ހައްލެއް އައިސްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބުމުގައި ވެސް ދަތިތަކެއް ހުންނަކަން ފާހަގަކޮށް އޭނާ ބުނީ އެންމެބޮޑު ހުރަހަކީ ކިޔެވުމަށް ހުންނަ ފުރުސަތުތައް ހަނިވުން ކަމަށެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 36،000 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އާބާދީގައި ހިމެނެ އެވެ. މީގެ ތެރެއިން ބާވީސް ހާހަށްވުރެ ގިނަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ. އެއީ 12،844 އަންހެނުންނާއި، 9،243 ފިރިހެނުންނެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 14،238މީހުންނެވެ. އެއީ 9211 އަންހެނުންނާއި، 5028 މީހުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top