އޭދަފުށީގެ ހަތަރު ޒުވާނުން އެކުވެގެން 1989ވަނަ އަހަރު މާލޭގައި ހިންގަން ފެށި މަޝްހޫރު ސޯސަން ފިހާރައަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އާ ލޯގޯއެއް އިފްތިތާހު ކޮށްފި އެވެ.
މި މުނާސަބާ ފާހަގަކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ އާ ލޯގޯ އިފްތިތާހު ކޮށްދެއްވީ، ސޯސަން ފިހާރަ ހިންގާ، އެކްސްޕޯ މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދާއި، ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ އަބްދުއްﷲ ހަމީދާއި، މުހައްމަދު ވަހީދު (ލާމް) އަދި އަބްދުލް ހަމީދު މުހައްމަދެވެ.
މާލޭގެ މަޖީދީމަގުގައި ކުރީގެ މަޝްހޫރު ޖޭމު ކެފޭ ހިންގި ކުޑަކުޑަ އިމާރާތުގައި ފެށި މި ވިޔަފާރިއަށް 40 އަހަރު ފުރިގެން ދާއިރު މިއަދު އެ ވިޔަފާރި ވަނީ ފުޅާވެ އެތައް ގުނައެއް ކުރިއަށް ޖެހިފައެވެ. އެއާއެކު އިތުބާރު ހިފޭ، އެންމެ ފެންވަރު ރަނގަޅު ބްރޭންޑް ތަކާ އެކު އިތުރު ފިހާރަ ތަކެއް ވެސް މާލޭ ސަރަހައްދަށް ނެރެފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
ރޭގެ ހާއްސަ ރަސްމިއްޔާތުގައި، ސޯސަން ކުންފުނީގައި 10 އަހަރާއި، 15 އަހަރާއި އަދި އެއަށްވުރެ ދިގު މުއްދަަތެއްގައި ކުންފުނީގައި ހީވާގިކަމާއެކު މަސައްކަތް ކުރެއްވި އިސްވާރުންގެ އަގު ވަނީ ވަޒަންކޮށްފައެވެ. އެގޮތުން، ދިގު މުއްދަތަކަށް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލައާއި ސެޓްފިކެޓް ދީފައިވާ އިރު، ޕްރޮމޯޝަން ލިބުނު ބައެއް މުވައްޒަފުންނަށް ވެސް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެެވެ.
ސޯސަންގެ އައުޓްލެޓްތައް މާލެއާއި ހުޅުމާލޭގައިވެސް ހިންގަމުން އަންނައިރު، މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށް ވެސް އެ ކުންފުނިން ދަނީ ހޯލްސޭލްކޮށް މުދާ ފޯރުކޮށްދެމުންނެވެ.
ކުންފުނީގެ ހަޔާތުން ވޭތުވާ ކޮންމެ ދުވަހަކީވެސް ސޯސަން ފިހާރައިގެ އައުޓްލެޓް ތަކުން ރާއްޖޭގެ ކަންކޮޅުތަކަށް އުފެއްދުންތައް ފޮނުވުމުގައި ބިޒީ ދުވަހެކެވެ. އެމްޑީ ވަހީދު ޓީ ވިދާޅުވި ގޮތުގައި މި ބިޒީކަމާއެކު ކުންފުނީގެ ހުރިހާ ކާމިޔާބެއް ބިނާ ވެފައި އޮތީ މުވައްޒަފުންގެ ހީވާގި ކަމާއި ބުރަ މަސައްކަތާ ގުޅިފައި ކަމަށެވެ.
ސޯސަންގެ ވިޔަފާރީގެ ދުވެލި 40 އަހަރު ފާއިތު ވެގެން ދާއިރު މިއަދު އެ ކުންފުނީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދުވެސް 100 އާއި އަރާ ހަމަކުރަނީ އެވެ.






