ޕްރީސްކޫލްތަކާއި ގުރުއާން ކްލާސްތަކުން އެހީއަށް އެދެން އިތުރު ފުރުސަތެއް ދީފި

އަމިއްލަ ޕްރީސްކޫލްތަކާއި ގުރުއާން ކްލާސްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހިީވާން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ ގުުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މާލީ ދަަތިތަކާ ކުރިމަތިވެފައި ވާތީ އެހީވުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. ގުރުއާން ކްލާސްތަކަށް ފަސް ލައްކަ ރުފިޔާ އަދި ޕްރީ ސްކޫލުތަކަށް އެއް މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިން ކުރި އިއުލާނާ ގުޅިގެން އެހީއަށް އެދި ކުރިމަތިލީ ގިނަ ފަރާތްތަކުން ހުށައަޅަން ޖެހޭ ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެހީއަށް އެދި ކުރިމަތިލީ ފަރާތްތައް މަދު ކަމަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކުން ޑޮކިއުމެންޓްތައް ފުރިހަމަކޮށް ހުށަހެޅުމަށާއި ވީހާ ވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެހީއަށް އެދި ހުށައެޅުމަށް ފުރުސަތު އިތުރަށް ހުޅުވާލާ ކަމަށެވެ.

ކުރިން ކުރި އިއުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމު ބާތިލު ނުވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުށަހަޅާފައިވާ ލިޔުންތައް ފުރިހަމަވެފައިވާ ފަރާތްތަކަށް ލިޔުންތައް ފުރިހަމަވެފައިވާކަން މިމިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށް އިއުލާނުގައިވެ އެވެ.

އަދި ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް އެލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމަށް މިމިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށާއި އަދި އެ ފަރާތްތަކުން ވެސް އިއުލާންގައިވާ ސުންގަޑީގެ ކުރިން އެލިޔުންތައް ފުރިހަމަކުރުމަށް ފަހު ހުށައަޅަން ވާނެ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ ލިޔުންތައް ފުރިހަމަކޮށް އެޕްލިކޭޝަން ހުށައެޅިފައިވާކަން ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top