މުއްސަނދި މަހުޖަނުންނަށް ދައުލަތުގެ ބައިތުލްމާލުން ދޭ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ދައުލަތުގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން ސަލީމް ވަނީ ދައުލަތުގެ ފައިސާ އިސްރާފުވަމުން އަންނަ އައުމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެެވެ. އަދި ޚަރަދުކުޑަކުރުމަށް އެންމެ މުހިންމު ކަންކަމަށް ހޭދަކުރުމާއި، އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ.
ސަލީމް ވިދާޅުވީ، މި ގައުމު ހިންގޭވަރަށް ފައިސާ ލިބޭ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ބައިތުލްމާލުން އިނާޔަތް ހައްގުނޫން މީހުންނަށް އިނާޔަތުގެ ގޮތުގައި އެކި އަދަދުތައް ދިނުމަކީ މައްސަލައެއް ކަމަށެެވެ.
އަދި 65 އަހަރުން މަތީގެ ބޭފުޅުންނަށާއި، ސަބްސިޑީގެ ގޮތުގައި ފައިސާ ދެވޭ ފަރާތްތަކަކީ ފުދުންތެރި ބަޔަކަށް ވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
އެފަދަ ފައިސާ ދައުލަތުން ދޭން ޖެހޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށާއި ރާއްޖޭގައި އެންސްޕާ އަދި އާސަންދަ ލިބޭ އެތައް މަހުޖަނުން ތިބި ކަމަށާއި 65 އަހަރުވީ ބޭފުޅުންނަށް ދޭ 5000 ރުފިޔާވެސް ބޮޑެތި މަހުޖަނުންނަށް ލިބޭކަން ސަލީމް ފާހަގަކުރެއްވިއެވެ.
ސަލީމު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެވޭތޯ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް ހަރަދު ކުޑަކުރުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައި ވަނީ ރައްޔިތުންނާ ކަމަށެވެ.
އޭނަ ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތު އޮތް ގޮތުން ސިއްހީ ދާއިރާގެ ހަރަދުތައް ވެސް ކުޑަކުރެވެން ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހޮސްޕިޓަލް އަޅައި އެ ތަންތަނަށް ޚިދުމަތް ވެސް ދޭންޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން ދެން ވެސް ހުރި ހުރިހާ ކަމެއް ވެސް އެބަ ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް ދެނީ ހިލޭ ކަމަށާއި އެ ކަންކަން ހުއްޓައިފި ނަމަ ރައްޔިތުން ހިތްހަމަނުޖެހޭނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އަދި މިފަދަ ނިޒާމަކުން ކަންކަން ބައްޓަންކޮށްފައި ވަނީ ކުރީ ސަރުކާރުތަކުން ކަމަށެވެ. އެހެންކަމުން ކުއްލިއަކަށް ހިލޭ ލިބޭ އިނާޔަތްތަކާއި، ޚިދުމަތްތައް ކަނޑައިލާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
މީގެ އިތުރުން، އާސަންދައާއި، 65 އަަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތަކީ ނިކަމެތި ރައްޔިތުންނަށް ހައްގު އެއްޗެއް ކަމަށާއި، މުއްސަނދިންނަށް ލިބެންޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.
”ތަނަވަސް މީހުންގެ އަތުން ނަގަންވީ ޒަކާތް. އަދި ތަނަވަސް މީހުންގެ އަތުން ޒަކާތް ރަނގަޅަށް ނެގޭނަމަ މުޖުތަމައުގެ ތެރޭ ނިކަމެތިކޮށް އުޅޭ މީހުންގެ ބޭނުންތައް ފުއްދޭނެ.“ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޚަރަދު ކުޑަކުރަން ދެން ކުރަންޖެހޭ ކަމަކީ ކޮރަޕްޝަން ހުއްޓުވުން ކަމުގައި ވިޔަސް ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭ އައި އެއްވެސް ސަރުކާރަކުން އެ މަސައްކަތް ނުކުރާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ މަސައްކަތް ފަށައިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުން ދަރަނި ނެގުމަކީ، އޭގެ ޒާތުގައި ކުރުން ރަނގަޅު، ކުރަން ވެސް ޖެހޭ ކަމެއް ނަމަވެސް، ދަރަނި ނެގޭ މިންވަރު އިތުރަށް ހަރުކަށިކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ހަރުކަށި މިންގަނޑެއް ނެތި ބޮޑެތި ދަރަނިތައް ނަގާނަމަ، ދަރަނި ދައްކަން އުފުލަންޖެހޭ ބުރަ ބޮޑުވާތަން ފެންނާތީ ކަމަށް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދައުލަތް ރަނގަޅަށް ހިނގަމުން އައިނަމަ މިއަދު ދިވެހި ރައްޔިތުން ތިބޭނީ މުއްސަނދިކަމުގައި ކަމަށެވެ.






