އޭދަފުށީ ކްލަސްޓާ : އިއްޔެ ފައްސިވި މީހުންގެ އަދަދު 24

DSCN9874.jpg

އޭދަފުށި---އީވީ ފޮޓޯ

އޭދަފުށިން ކޮވިޑް19 އަށް ފައްސިވި މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކު އަދަދުތައް މަތިވަމުން އައިސް އިއްޔެ އެކަނިވެސް މި ބައްޔަށް 24 މީހަކު ފައްސި ވެއްޖެ އެވެ. އެއާއެކު ވޭތުވެ ދިޔަ ހަ ދުވަހުގެ ތެރޭގައި މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރުވަނީ 71އަށް އަރައިފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ރޭ 1:30 ގައި އާއްމު ކޮށްފައިވާ ކޮވިޑް ރިޕޯޓްގައިވާ ގޮތުން މިހާތަނަށް 609 ސުންކު ވަނީ ނަގާފަ އެވެ. މީގެ ތެެރެއިން 71 މީހަކު ފައްސިވެފައިވާއިރު. 50 ސުންކުގެ ނަތީޖާ އަދި ނުލިބެއެވެ.

އޭދަފުށީގެ ކްލަސްޓާ ބޮޑުވެ ފައްސިވާ މީހުންގެ އަދަދު ގިނަވަމުން ދާއިރު މިއަދުވަނީ އަނެއްކާވެސް ވަކި ތަރުތީބެއްނެގި ސުކުން ނެގުމަށް ނިންމާފައެވެ. ސުކުން ނެގުމަށް ހަމަޖެހިފައިވަނީ ބ.އަތޮޅު ހޮސްޕިޓަލާއި އޭދަފުށީ މަލްޓި ޕާޕަސް ހޯލުގައި ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެ އެވެ.

ސާމްޕަލް ދިނުމަށް ބޭނުންވާ މީހުންގެ ތެރެއިން ކުރިން ސާމްޕަލް ދީފައިނުވާ ޚާއްސަކޮށް ހުމާއި ރޯގާގެ އަލާމާތްތައް ފެނިފައިވާ މީހުން މިއަދުގެ 10 އާއި 12 އާ ދެމެދު ބ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މަލްޓިޕާޕަސް ހޯލަށް ވަޑައިގެންނެވުމަށް އަތޮޅު ހޮސްޕިޓަލުން އެދެއެވެ. އަދި ސާމްޕަލް ނަގަން ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް ގެންދެވުމަށް ހޮސްޕިޓަލުން ހަނދާން ކޮށްދެއެވެ.

ރަށުގެ ހާލަތު ގޯސްވުމާއެކު ރަށު ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ނުކުތަސް އެންމެ މީހަކު ނޫނީ ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ފިހާރަ ތަކާއި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top