އޭދަފުށީގެ ތާރީޚުން ތަންތަންކޮޅު: ދަރަވަންދޫން އޭދަފުއްޓަށް އަތޮޅުވެރިކަން ބަދަލުކުރުން

DSCN6125-1.jpg

ބ.އަތޮޅު ކައުންސިލް އިދާރާ

(ގައްޔޫމް ނަސީރު)

ހިޖުރައިން 1381 ވަނައަހަރުގެ މުހައްރަމް މަހުގެ 13ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެވެ. ދިވެހި ރާއްޖޭގެ ވަޒީރުލް އައުޒަމް އޮފީހުގެ ކޮޓަރިކޮޅުގައި ބޮޑުވަޒީރު އިބްރާހީމް ނާސިރާއެކު އެއިންނެވީ ދެވަނަ ދެބޭފުޅެއް ނޫނެވެ. ބ.އަތޮޅު އަތޮޅުވެރިޔާ އޭދަފުށީ ޔޫސުފް ކަލޭފާނެވެ. ދެބޭފުޅުންގެ މަޝްވަރާ ގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކުން ނާސިރު ކޯފާ އިސްކުރެއްވީ އެވެ. ނާސިރުގެ އެދިވަޑައިގަތުމަށް ނޫނެކޭ ދެންނެވުމުން ބ.އަތޮޅު އަތޮޅުވެރިކަމުން ކަލޭފާނު ވަކި ކުރެއްވީއެވެ. އަތޮޅުވެރިކަމުގެ ދެއަހަރުގެ މުއްދަތު ނިމުމަކަށް އައީއެވެ. ކަލޭފާނުގެ ހިތްޕުޅުގައި ބ.އަތޮޅުވެރިކަން އޭދަފުއްޓަށް ބަދަލުކުރުމުގެ އަޒުމް ކަނޑައެޅި ހިސާބަކީ މިއީކަމަށް އޭދަފުށީގެ ތާރީޚް ދިރާސާ ކުރައްވާ އިލްމުވެރިން ލަފާކުރައްވައެވެ.

………………………………………………………………………………………………………………..

19ވަނަ ގަރުނުގެ މެދަކާ ހަމައަށް ދަންދެންވެސް ބ.އަތޮޅުގައި އަތޮޅުވެރިކަން ނުވަތަ އޭރުގެ ބަހުން ބުނާނަމަ ވާރުކަން ކުރަމުން އައީ ދަރަވަންދޫގަ އެވެ. އެދިގު ތާރީޚް ބަދަލުކޮށް އޭދަފުއްޓަށް އަތޮޅު އޮފީސް ބަދަލު ކުރީ ހިޖްރީ ސަނަތުން 1382 ވަނަ އަހަރުގެ މުހައްރަމް މަހު 1ވަނަ ދުވަހެވެ.

“ދަރަވަންދޫގައި ހުރި އަތޮޅު އޮފީހުގެ ދިދަ ނަގައިގެން އޭދަފުއްޓަށް ގެނައީ 1381ހ. ވަނަ އަހަރުގެ ހައްޖު މަހުގެ 30ވަނަ ދުވަހު. އޭގެ އަނެއްދުވަހު ފެށުނު ހިޖްރީ އާއަހަރުގެ ފުރަތަމަ ދުވަސް، 1382ވަނަ އަހަރު މުހައްރަމް 1 ވަނަ ދުވަހު އޭދަފުށީގައި ދިދަ ނެގީ.” އަތޮޅު އޮފީސް ބަދަލު ކުރުމުގެ މަސައްކަތުގައި ބުރަކޮށް އުޅުއްވި އަތޮޅު ވެރިޔާގެ ކާތިބުކަމުގެ މަގާމުގައި ހުންނެވި އޭދަފުށީ ”ކަޝްމީރު” ޔޫސުފް ހަސަން ވިދާޅުވި އެވެ.

ދަރަވަންދޫން އޭދަފުއްޓަށް އަތޮޅުވެރިކަން ބަދަލުވާން ޖެހުނީ ކީއްވެގެން ހެއްޔެވެ.؟

މައިގަނޑު ސަބަބާ ހަމައަށް ދިއުމަށް ފެންނަން އޮތް ފަސޭހަ މަގަކީ އޭދަފުށީ ޔޫސުފް ކަލޭފާނާ ހަމައިން ފެށުމެވެ. އެކަލޭފާނަށް އޭދަފުށީ ކަތީބުކަމުގެ މަގާމު ލިބިވަޑައިގެންނެވި އިރު، އެއީ އޭނާގެ އެންމެ ޒުވާން ދުވަސްވަރެވެ. އާއިލީ މުއްސަނދި ކަމާއި ރީތިކަމުގެ އިތުރުން ޝައިޚް މަލިމް މޫސާ ކަލޭފާނު މެން ފަދަ ބޮޑެތި އިލްމު ވެރިންގެ އަރިހުން ދަރިވަރު ވެފައި ވުމަކީ އެހެން މީހުންނަށްވުރެ އޭނާ ކުރިއަރައިދިޔަ އެންމެ މުހިއްމު ސަބަބެވެ. ދެން މި ހުރިހާ ކަމެއް އެއްކޮށްލުމުން އޭނާގެ ”ބާރު” އޮތީ ސަރުކާރުގެ އެންމެ މަތީ ލެވެލް އާއި ހަމައަށްވެސް ބަސްކިޔޭ ހިސާބަށް ފޯރާފަ އެވެ. އޭދަފުއްޓަށާއި ބ.އަތޮޅަށް އަމިއްލަ ގޮތުން ގެނެސްދެމުން ގެންދިޔަ ތަރައްގީ އާއި ކުރިއެރުން ވެސް ސަރުކާރުން އައީ ގާތުން ބަލަމުންނެވެ.

 

އެހެންވީމާ އޭދަފުށީ ކަތީބުގައި ހުންނަވަނިކޮށް އަތޮޅުވެރިކަމުގެ މަގާމަށް ބަދަލު ކުރެއްވުމަކީ ހައިރާން ވާން ޖެހޭކަމެއް ނޫނެވެ. އެކަމަކު ވަޒީފާ އަދާކުރައްވަން ޖެހެނީ ރަށުން ބޭރުގައި ކަމަށްވެފައި އެއީ އަމިއްލަފުޅު މަސައްކަތާއި އާއިލީ ވިޔަފާރިއަށް ލޮޅުން އަރަމުން ދިޔަ ސަބަބު ކަމަށް ވާތީ ކަލޭފާނުގެ ހިތުގައި އޭދަފުއްޓަށް އަތޮޅު އޮފީސް ބަދަލު ކުރުމުގެ ޚިޔާލު އުފެދުނީ ކަމަށް ވެދާނެ އެވެ. މިއީ އޭދަފުށީގެ ތާރީޚް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތެވެ.

ޔޫސުފް ކަލޭފާނަށް ބ.އަތޮޅު އަތޮޅު ވެރިކަން ފުރަތަމަ ލިބިވަޑައިގަތީ ހ.1378 ވަނަ އަހަރުއެވެ. ހުންނަވަން ޖެހެނީ ދަރަވަންދޫގައެވެ. ކޮންމެ ބުރާސްފަތި ދުވަހަކު އޭދަފުއްޓަށް ވަޑައިގެން ހުކުރު ދުވަހު ހުކުރު ނަމާދު ކުރައްވަނީ އޭދަފުށީގައެވެ. ދަރަވަންދޫގައި ހުންނަވަން ޖެހުމާއި ލޯބިފުޅުވާ ރަށުގެ ނަމަކީ ބ.އަތޮޅު އަތޮޅުވެރިކަން ކުރާ ރަށަށް ބަދަލު ކުރެއްވުމުގެ ހުވަފެން އޭރުވެސް ދެކެވަޑައިގަންނަވައެވެ. އެކަމަކު ކުރިއަށް ނެރުއްވީ ހިކުމަތު އަމަލީއެވެ. މަޑުމަޑުންނެވެ. ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅުއްވަމުންނެވެ.

އެހެންނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ދަރަވަންދޫގައި ހުންނަވަނިކޮށް ކުއްލިއަކަށް އެންގެވީ މާލެއަށް ދާށެވެ. ކުށްވެރިވެގެން ނޫނެވެ. އެހެން ކޮންމެވެސް ބޮޑުކަމެއްގަ އެވެ.

މާލެ ދާން އެންގުމުން އޭރު ޔޫސުފް ކަލޭފާނުގެ އަމިއްލަފުޅު ކާތިބެއްގެ މަގާމުގައި ހުންނެވި ޔޫސުފް ހަސަން ގާތު މިވާހަކަ ވިދާޅުވެ އަރިހުގައި އޭނާ ގެންދެވި އެވެ.

މާލެ ގެންގޮސް ޔޫސުފް ކަލޭފާނަށް އެންގެވި ކަމަށް ވަނީ ނ. އަތޮޅުގެ އަތޮޅުވެރިކަމަށް ނ.އަތޮޅަށް ވަޑައިގަތުމަށެވެ.

”ރައްޔިތުންގެ ކުޑަ ބައްތެލީގަ މާލެ ދިޔައީ. ވިދާޅުވީ ތިމަންނައަށް އެންގެވިއޭ ނ.އަތޮޅަށް ބަދަލު ކުރާށޭ މިގެނައީ. އެހެން ނަމަވެސް ދެންނެވީމޭ މާފު ކުރައްވާށޭ ތިމަންނަގެ މި ވަގުތަށް ކަންތައް ހުރިގޮތުން އަތޮޅު ނޫން ތަނަކަށް ނުދެވޭނެއޭ. އެހެން ނޫންނަމަ ބޭނުމީ ވަކިވާށޭ.” ޔޫސުފް ކަލޭފާނާ ހަވާލާ ދެއްވައި ޔޫސުފް ހަސަން ވިދާޅުވި އެވެ.

ޔޫސުފް ކަލޭފާނު އަތޮޅުވެރިކަމުން ވަކި ކުރެއްވީ ނ.އަތޮޅަށް ވަޑައިގަތުމަށް އުޒުރުވެރިވުމުންނެވެ.

ދަރަވަންދޫގައި ޔޫސުފް ކަލޭފާނު ފުރަތަމަ ފަހަރު އަތޮޅުވެރިކަން ކުރެއްވީ 1379ހ. އިން 1381 (1959-1961) އަށެވެ.

ޔޫސުފް ކަލޭފާނު ވަކިކުރެއްވުމަށްފަހު ބ.އަތޮޅު އަތޮޅުވެރިކަމުގެ ފަތްކޮޅު ދެއްވީ ހ.މަދަރުސާ ދޮށުގޭ ކުޑަ އަހުމަދު މަނިކަށެވެ.

އޭދަފުށީގެ މަގުތައް ހެދުމަށް އެންމެ ފުރަތަމަ ކަޑަ ޖެއްސެވީ މަރުހޫމް ކުޑަ އަހުމަދު މަނިކުގެ ވެރިކަމަށްފަހު އަތޮޅުވެރިކަމަށް ވަޑައިގެންނެވި މަރުހޫމް މަލަން ދޮހުއްތު އެވެ. ޔޫސުފް ކަލޭފާނު ހުންނެވީ ދެވަނަ ފަހަރަށް އޭދަފުށީ ވެރިކަމުގައެވެ. މި މަސައްކަތް ކުރެއްވީ ޔޫސުފް ކަލޭފާނުގެ ލަފައާއި އިރުޝާދާ އެކުގައެވެ.

“މަގުތައް ހަދަން ބައެއް ގޭގެއިން ރުއް ގަސްވެސް ނަގަން ޖެހުނު. އެ ރުއްގަސް ނެގީ ރައްޔިތުންގެ މާލިއްޔަތުން ބަދަލުވެސް ދީފަ.” ޔޫސުފް ހަސަން ވިދާޅުވިއެވެ.

ކުރިންވެސް ދެންނެވިހެން ސިޔާސީ ގޮތުން ބާރުގަދަވެފައި ރައީސް މުހައްމަދު އަމީންގެ ދައުރުން ފެށިގެންވެސް ޔޫސުފް ކަލޭފާނު ހުންނެވީ ސަރުކާރުގެ އެންމެ މަތީފަރާތްތަކާވެސް ވަރަށް ބޮޑަށް ގުޅި ބަސްވިކޭ މަގާމެއްގަ އެވެ. ރައީސް މުހައްމަދު އަމީނުގެ ފުރަތަމަ ޖުމްހޫރިއްޔާ ނިމި ބޮޑުވަޒީރު ނާސިރުއާ ހަމައަށް އައިއިރުވެސް އެކަލޭފާނުގެ ނަސީބުގެ ތަރި ހުރީ މެދު އުޑުގައި ފިޔަ ޖަހަޖަހައެވެ. އެހެންވީމާ ސިޔާސީ ގޮތުން ކަލޭފާނު ބޭނުންކަމެއް ކުރެއްވުމާއި ނުކުރައްވައި ދޫކޮށްލެއްވުމަކީވެސް ކަލޭފާނުގެ އިޚުތިޔާރުގައި އޮތް ކަމެކެވެ. އަތޮޅުވެރިކަން ދޫކޮށްލެއްވުމާއި ދެވަނަ ފަހަރަށް އަތޮޅުވެރިކަން ލިބުމަކީވެސް އެގޮތުން ހިނގައިދިޔަ ކަމެކެވެ.

 

ޔޫސުފް ކަލޭފާނަށް ދެވަނަ ފަހަރު ބ.އަތޮޅުވެރިކަމުގެ ފަތްކޮޅު ލިބިގެން ދަރަވަންދޫއަށް ވަޑައިގަތީ 1381 ވަނަ އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ ދުވަހެވެ. އަމިއްލަފުޅު ކާތިބު ކަމުގެ މަގާމަށް މި ފަހަރުވެސް ހޮއްވެވީ ޔޫސުފް ހަސަނެވެ. އަތޮޅު އޮފީހުގައި ދެން އުޅުއްވީ އޭދަފުށީ ”ރަންގަލި” އިބްރާހީމް މުހައްމަދެވެ.

ދެވަނަ ފަހަރު ޔޫސުފް ކަލޭފާނު ބ.އަތޮޅުވެރިކަމާ ހަވާލު ވެވަޑައިގަތީ އޭދަފުއްޓަށް އަތޮޅު އޮފީސް ބަދަލު ކުރައްވާނެކަމަށް ރައީސް ނާސިރު ޔަގީން ކަން ދެއްވުމުން ކަމަށް ޔޫސުފް ހަސަން ވިދާޅުވިއެވެ.

“އެއްދުވަހު އަޅުގަނޑު އޮފީހުގައި އިންދާ ކަލޭފާނު ވިދާޅުވެއްޖެ ނިކަން ރީތިކޮށް ސިޓީއެއް ލިޔަން. އެސިޓީގައި ލިޔުނީ މި ފަހަރު އަތޮޅު ވެރިކަމަށް މިއެރީ ނާސިރު ވިދާޅުވި ފަދައިން އޭދަފުއްޓަށް އަތޮޅު އޮފީސް ބަދަލު ކޮށްދެއްވާނެ ކަމަށޭ. ވީމާ އަތޮޅު އޮފީސް އޭދަފުއްޓަށް ބަދަލު ކޮށްދެއްވުން އެދެމޭ.” ޔޫސުފްކަލޭފާނު ވިދާޅުވެގެން ލިއުނު އެސިޓީގެ މައިގަނޑު ޔޫސުފް ހަސަން ކިޔައިދެއްވިއެވެ.

އެ ސީޓީ ފޮނުވިތާ ކުރު މުއްދަތެއްގެ ތެރޭގައި ޖަވާބު އަތުވެއްޖެއެވެ. އޭގައި ލިޔެފައި އޮތެވެ.

”އޭދަފުއްޓަށް އަތޮޅު އޮފީސް ބަދަލު ކުރުމުގެ ހުއްދަ ދީފީމޭ، އަވަހަށް އަތޮޅު ކޮމިޓީއަށް ތިޔަކަންތައް ހުށައަޅާށޭ، ހުށައަޅައިގެން ނިންމާނީ ދަރަވަންދޫގައި ހުރި އަތޮޅު އޮފީސް ދަރަވަންދޫ ރައްޔިތުންނަށް 2000 ރުފިޔާ އަށް ވިއްކާލާ ގޮތަށް ދެން އޭދަފުށީގައި ހުރި ރަށްވެހިގެ އޭދަފުށީ ރައްޔިތުން އަތުން 2000 ރުފިޔާ އަށް ގަންނާށޭ، ގަނެފަ އެތަން އަތޮޅު އޮފީސް ކަމަށް ހަމަ ޖައްސާނީއޭ “(މައުލޫމާތު: ޔޫސުފް ހަސަން )

އަތޮޅު ކޮމިޓީއަށް ހުށަހަޅައިގެން އެއް ހަފްތާތެރޭގައި މިމަރުހަލާތައް ފުރިހަމަކޮށް ނިމިއްޖެ އެވެ.

އޮފީހެއް ހިންގަން ފަސޭހަ ވާނޭ ގޮތަށް އޭދަފުށީ ރަށްވެހިގެއަށް ބަދަލު ގެނައެވެ. ބައެއް ފާރުތައް ތަޅާލައި ބައެއް ފާރު އިތުރުކުރުން ފަދަ ކުދިކުދި މަރާމާތެވެ. ރަށްވެހިގެއަށް ބޮޑު ބަދަލެއް ނުގެނެއެވެ. (މައުލޫމާތު: އަބްދުއްރައްޒާގް މުހައްމަދު. އޯކިޑްވިލާ، އޭދަފުށި)

އޮފީސް ބަދަލުކުރުމުގެ އިދާރީ މަސައްކަތުގައި އުޅުއްވީ އަތޮޅު އޮފީހުގެ ކާތިބު އިބްރާހީމް މުހައްމަދާއި އަތޮޅުވެރިންގެ ކާތިބު ޔޫސުފް ހަސަނެވެ.

އޭރު ބ.އަތޮޅު ކޮމިޓީގައި ތިއްބެވީ ބޭފުޅުންގެ ތެރޭގައި ކުޑަރިކިލު އަހުމަދު އަލީއާއި ކުޑަރިކިލަށް ނިސްބަތްވާ އޭދަފުށީ ”މަތިހާ” ތުއްތު މަނިކު އާއި ތުޅާދޫ، ޔޫސުފް މޫސާ ހިމެނެ އެވެ.

ދަރަވަންދޫ ގައި ހިންގި އަތޮޅު އޮފީހުގައި ހުރި ތަކެތި އޭދަފުއްޓަށް ބަދަލުކޮށް ނިމި އެންމެފަހުން ދަރަވަންދޫ އަތޮޅުގޭގައި ޖަހާފައި ހުރި ދިދަ ދަނޑި އޭދަފުއްޓަށް ގެނައީ 1381ވަނަ އަހަރުގެ ހައްޖުމަހު 30 ވަނަ ދުވަހުއެވެ. އޭދަފުށީގައި އަތޮޅު އޮފީސް ގާއިމް ކުރެވި އަތޮޅު އޮފީހުގައި ދިދަނެގީ 2 ޖޫން 1962 ގައެވެ. ހިޖްރީ ސަނަތުން އެއީ 1382ވަނަ އަހަރު މުހައްރަމް 1 ވަނަ ދުވަހެވެ.

އޭދަފުށީގައި މިހާރު ފެންނަން މިހިރަ ބ. އަތޮޅުއޮފީހަކީ އެއަތޮޅު އޮފީސް އެއްކޮށް ތަޅާލައި ރައީސް މައުމޫން ގެ ޒައާމަތުގައި ސަރުކާރުގެ ޚަރަދުގައި އެޅުއްވި ދެބުރި އިމާރާތެކެވެ.

ތާރީޚު އަނބުރާ އިއާދަވެއޭ ބުނާ ބަހުގެ ތެދު ކަމާއެވެ! އޭދަފުށީގެ ރަށްވެހިގެ އެއްގެ ގޮތުގައި ހުރި އިމާރާތް ބިނާ ކުރެއްވީ ޔޫސުފް ކަލޭފާނެވެ. އެއިމާރާތަށް ކުދިކުދި ބަދަލު ގެނެސް އަތޮޅު އޮފީހަށް ބަދަލު ކުރެއްވީވެސް ޔޫސުފް ކަލޭފާނެވެ. އެކަމަކު އިމާރާތް ތަޅާލައި މިހާރު ފެންނަން މިހިރަ އަތޮޅު އޮފީސް ޑިޒައިން ކޮށް ކުރަހާފައިވަނީ މަރުހޫމް ޔޫސުފް ކަލޭފާނުގެ ދަރިކަލުން އަބްދުލް ހަންނާން ޔޫސުފެވެ.

ހަންނާން ވިދާޅުވީ ސަރުކާރުން އޭދަފުށީގައި އަތޮޅު އޮފީސް އިމާރާތެއް އަޅަން ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން ”ހަންނާން ޔޫސުފް އާކިޓެކްޓް ” އިން އެކަމާ ކުރިމަތިލެއްވީ ރަށުގައި ބައްޕަ އިމާރާތް ކުރައްވާފައި ހުރި އިމާރާތުގެ ބަދަލުގައި ކުރެވޭ އިމާރާތަކަށް ވާތީ ބައްޕަގެ ހަނދާނުގައި ކަމަށެވެ.

“ކާސިން ކަލޭފާނުގެ ވެރިކަމުގައި އެއީ. އެޓޮލްސް މިނިސްޓްރީން އިއުލާނު ކުރުމުން މިނިސްޓްރީގައި އެދުނީ މި މަސައްކަތް ދިނުމަށް. ކުޑަކުޑަ އަގެއް ހުށައެޅީ ހަމަ މި މަސައްކަތް ކޮށް ދޭ ހިތުން.” ވެލާނާގެ އާއި ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް އަދި ކަސްޓަމްސް ބިލްޑިންގ ފަދަ އިމާރާތް ތަކުގެ އިތުރުން ސަރުކާރާއި އަމިއްލަ އެތައް ބައެއްގެ ބޮޑެތި ބިލްޑިންގތައް ކުރައްސަވާފައިވާ ހަންނާން ވިދާޅުވި އެވެ.

އާ އަތޮޅު އޮފީސް އިމާރާތް ކޮށްފައިވަނީ އޭދަފުއްޓަށް އަތޮޅު އޮފީސް ބަދަލު ކުރުމުގައި އަތޮޅު ކޮމިޓީން ނިންމަން ޖެހޭ ކަންތައް ނިންމުމުގައި އެންމެ ބުރަ މަސައްކަތް ކުރެއްވި ކޮމިޓީގެ ދެ މެންބަރުން ނިސްބަތް ވާ ބ.ކުޑަރިކިލު އަލިވާގޭ އަހުމަދު އަބޫބަކުރުގެ ޑެނިކޯން ކޮމްޕެނީ އިންނެވެ.

ސަރުކާރުގެ ޚަރަދުގައި އިމާރާތް ކުރި ބިނާ އެއްކަމަށް ވިޔަސް ބ.އަތޮޅަށް ނިސްބަތްވާ ދެ ކުންފުނީގެ ފަންނީ ރީތި ބިނާ އެކެވެ.

(މައުލޫމާތު: އޭދަފުށީ އޯކިޑްވިލާ، އަބްދުއްރައްޒާގް މުހައްމަދު، އޭދަފުށީ ކަޝްމީރު ޔޫސުފްހަސަން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top