މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް ހަމަޖެއްސުމުން ރައްިޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ފާޑުވިދާޅުވެއްޖެއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ބިދޭސީ އަކު ހަމަޖެއްސުމުން މި ދެބޭފުޅުންގެ އިތުރުންވެސް މިކަމަށް އަންނަނީ ގިނަ ބަޔަކު ފާޑު ކިޔަމުންނެވެ. އެގޮތުން ދައުލަތުގެ މަތީ މަގާމުތަކަށް އައްޔަން ކުރާ ފެންވަރު ހުރި ދިވެހިންނެތީ ތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މިއީ ދިވެހިންނަށް މި ސަރުކާރުން ކުރާ މަލާމާތެއް ކަމަށާއި އެއީ ތަންފުކެއް ބޮޑުވަރު ކަމަށެވެ.
Miee dhivehinnah mi sarukaarun kuraa malaamaatheh ekamaku mee thanfukeh boduvaru
— Ahmed Saleem (@redwave_saleem) December 24, 2020
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު އަދާ ކުރެއްވޭ ފެންވަރު ހުރި އެތައް ދިވެހިންނެއް ތިބޭނެ ކަމަށެވެ.
މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރި ބައެއް ބުނީ މަތީ މަގާމުތަކުގެ ވަޒީފާތައް ބިދޭސީންނަށް ދެނީ މި ސަރުކާރުގެ ސިއްރު އެޖެންޑާއެއްގެ ދަށުން ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ ދިވެހިން ނިކަމެތިކޮށް ބޭރު މީހުން ރާއްޖެ ގެނެސް ފުރާލުން ކަމަށް މީހުން ބުނެފައިވެ އެވެ.
އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ގްރިންޑަލް އަކީ ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކަމާއި މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު އަދި ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއްކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން ޕެންޝަން އޮފީހެއް އުފެދުނީ 2009 ވަނަ އަހަރު އެވެ. އެ އޮފީހުގެ ސީއީއޯ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރެއްވި މުހައްމަދު ހުސައިން މަނިކު އެވެ.