އިދިކޮޅު ސިޔާސީ މައިޕާޓީ، ޕީޕީއެމް އާއި ގުޅުމުގެ ވިސްނުން އެބައޮތްކަމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ އެކަން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަށް މިހާރުވާނީ ހުށައަޅުއްވާފައި ވާކަމަށާއި، އެކަމަކު ޕާޓީއާ ގުޅިވަޑައިގަންނަވާނީ ޕާޓިގެ ރައީސްކަމުގެ ފުރުސަތު ލިބޭ ކަމަށް ވާނަމައެވެ.
މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ އެއްވެސް ގޮތަކަށް ތަބަކަކަށް ލާފައި ދޭގޮތަށް ޕީޕީއެމްގެ ރައީސްކަން ބޭނުން ނުވާ ކަމަށާ ބޭނުން ވަނީ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވެ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ޕީޕީއެމްގެ ގްރާސް ރޫޓްގައި އޭނާއަށް ތާއީދު އެބައޮތްކަމަށް ވިދާޅުވަމުން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމާއެކު ޕީޕީއެމަށް ސޮއިކުރައްވާނެ ކަމަށެވެ. އޭގެ ކުރިން ޕީޕީއެމަށް ސޮއި ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމަށް ހޮވިވަޑައިގެންފި ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އޭނާގެ އެދުމަކީ ޔާމީން ޕާޓީގެ މުސްތަޝާރުކަމުގެ މަގާމަށް ވަޑައިގެންނެވުން ކަމަށެވެ.
ޕީޕީއެމްގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ސަރުކާރު “ކޮށި އަރާވަރު” ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ސަރުކާރުން ވެސް އޭނާ އިދިކޮޅު ޕާޓީގެ ލީޑަރަކަށް ހުންނަވަން ބޭނުން ނުވާނެ ކަމަށާ ސަރުކާރަށް އެކަން އެއްވެސް ގޮތަކަށް ފަސޭހަ ނުވާނެ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި ޔާމީނަށް ތާއިދުކުރައްވާ އަދި ޔާމީންގެ ލަފަޔާއެކު ޕާޓީ ހިންގަން ބަޔަކު ތިބިނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި، އެކި ފިކުރުގެ މީހުން ކައުންސިލްގައި ތިބެންވާނެ ކަމަށެވެ. އަދި އެއީ ޕާޓީގެ ރޫހު ރަނގަޅުވާކަމެއް ކަމަށާއި، ޕީޕީއެމަކީ ރާއްޖޭގެ ވަރުގަދަަ އޮޕަޒިޝަން ޕާޓިއަކަށް ހައްދަވައި، އެއީ ހަރަކާތްތެރި ޕާޓިއަކަށް ހައްދަވައި، ރެލީތަކާއި ޖަލްސާތައް ބާއްވައިގެން، 2008 ގައި އޭނާ ޕީޕީއެމްގެ ހަރަކާތްތައް ލީޑްކުރެއްވި ފެންވަރަށް ގެންދަވަން ބޭނުންފުޅު ވާކަމަށް އުމަރު ވިދާޅުވިއެވެ.