އާއްމު ރައްޔިތުންގެ އެދުމުގެ މަތިން ރައްޔިތުންނަށް ފަސޭހައަކަށް ކަމަށް ބުނެ އެސްޓީއޯ އޭދަފުށި ފިހާރަ މިރެއިން ފެށިގެން ތިން ރޭވަންދެން ރޭގަނޑުވެސް ހުޅުވަން ނިންމާފައިވާ ކަމަށް އެފިހާރައިން ބުނެފިއެވެ.
އާދައިގެ ރައްޔިތުމީހާއަށް ބޭނުންވާނެ ކާޑުގެ ބާވަތްތައް ފިޔަވައި މަދު މުދާކޮޅެއްނޫނީ ވިއްކާނެ އިތުރު އެއްޗެއް ނެތް މި ފިހާރަ ރޭގަނޑު ހުޅުވަން ނިންމިއިރު މާލޭގެ އެސްޓީއޯ ފިހާރަތަކުން ދަނީ ރޯދައަށް ޚާއްސަކޮށްގެން ހެޔޮއަގުގައި ވިއްކުމަށް ގެނައި އަލުވިފިޔާ ބިސް ވިއްކަމުންނެވެ. އެހެންނަމަވެސް އެސްޓީއޯ އޭދަފުށީ ފިހާރައަށް މި ތިން ބާވަތް އަދި ނުލިބޭ ކަމަށް ވެއެވެ.
މިކަމާބެހޭ ގޮތުން އެފިހާރައިގެ އޮފިޝަލަކު ވިދާޅުވީ އެތަކެތި ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމުގައެވެ. އެހެންނަމަވެސް މި ހަފްތާގައި ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު އިތުރު އެހެން ބާވަތްތަކާވެސް އެކު އަލުވި ،ފިޔާ، ބިސް ވެސް ލިބޭނެކަމަށް އުއްމީދު ކުރާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.