ކޮވިޑް -19ގެ ވަބާ އާއި ގުޅިގެން ގައުމުގެ އިގްތިސާދަށް ހީނަރުކަން އައިސްފައިވީ ނަމަވެސް މާތްﷲގެ ވާގިފުޅާ އެކު ދިވެހިން ބަނޑަށް ޖެހޭނެ ހާލަތަކަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަނޑަށް ޖެހޭނެ ހާލަތަކަށް އަދި ދާނެ ކަމަކަށް ނުބެލެވޭ ކަމަށާއި ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ކުރިއަށް އޮތް އަހަރަށްވާ ވަރަށް ސަޕްލައި ކުރަމުންދާނެ ކަމަށެވެ. އެވާހަކަ ތަކުރާރު ކޮށް ދައްކަމުން އައި ނަމަވެސް ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ބޭކާރު ގޮތުގައި ހަރަދު ކުރުމަށްފަހު ކާޑުގެ ބާވަތްތައް ގެއަށް ގުދަންކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަގުތީ ހާލަތެއް ކަމަށާއި ކުރިއަށް އޮތް އަހަރަށް ވާ ވަރަށް ވެސް އަސާސީ ތަކެތި ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަލާކުވެގެން ގޮސް ކާނެ އަދި ބޯނެ އެއްޗެއް ނެތިއްޖެ ހާލަތަކަށް ރާއްޖެ ގޮސްފިނަމަ ވެސް ދައުލަތުން ކާންބޯން ދޭނެ ގޮތްގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.